ރައީސް ސޯލިޙްގެ ތަފާތު މަންޒަރެއް- ނައިބު ރައީސް ގެއްލުވައެއް ނުލައްވާ!

2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙަންމަދު ނަޝީދެވެ. ގިނަޕާޓީތައް ބައިވެރިވެގެން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު ރާއްޖޭގެ ފުރަތަމަ ނައިބު ރައީސް ކަމަށް ވަޑައިގެންނެވީ ނަޝީދުގެ ރަނިންމޭޓު، ޑރ މުޙަންމަދު ވަޙީދު ޙަސަންއެވެ.

ރައީސް ނަޝީދުގެ ވެރިކަން ފެށިގެން ދިޔައީ ނައިބު ރައީސް ޑރ ވަޙީދަށްވެސް ރައީސްގެ މަސައްކަތްޕުޅުން ކަންތައްތަކެއް ޙަވާލު ކުރައްވައިގެންނެވެ. ބަޔެއް ކަހަލަ ދާއިރާތައް އޮތީ ނައިބު ރައީސްއަށް ހަވާލުވެފައެވެ. ވެރިކަމުގެ ފުރަތަމަކޮޅު ނައިބު ރައީސްވެސް ދައުލަތުގެ ބައްދަލުވުންތަކުން ފެނެއެވެ. ދެބޭފުޅުންގެ ގުޅުން ފުރަތަމަކޮޅު ވަރަށް އެކުވެރިއެވެ. ރަނގަޅެވެ. ސަރުކާރުން ބޭއްވި ބަޔެއް ރަސްމިއްޔާތު ތަކުގައި ދެބޭފުޅުންވެސް ބައިވެރިވެވަޑައިގެން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ހީސަމާސާ ކުރައްވާތީވެސް ފެނުނެވެ.

ނަމަވެސް ވެރިކަމުގެ ވަކި ހިސާބަކުން ނައިބު ރައީސްގެ ޚަބަރެއްނުވެ ހުއްޓިއްޖެއެވެ. އެހިސާބުން ނައިބު ރައީސްގެ މާބޮޑު މަސައްކަތެއް ނެތެވެ. ނައިބު ރައީސްގެ މަސްއޫލިއްޔަތަކީ ރައީސް އަންގަވާ ކަމެއް ކުރެއްވުމެވެ. ނައިބު ރައީސް ކުރައްވަން ރައީސް ވަކިކަމެއް ނުދެއްވައިފިނަމަ ނައިބު ރައީސް ކުރައްވާނެ ކަމެއް ނެތެވެ. ރައީސް ނަޝީދާއި ނައިބު ރައީސް ޑރ ވަޙީދުގެ މެދުގައި ދެބަސްވުންތަކެއް އުފެދިގެން ދިޔައެވެ. ދެބޭފުޅުންގެ އެއްވެސް ގުޅުމެއް ނެތި ހުއްޓުމަކަށް އައީއެވެ. ރައީސް ނަޝީދުގެ ވެރިކަން ދައުރުގެ މެދުތެރެއިން ނިމިގެން ދިޔުމާ ހަމައަށް ނައިބު ރައީސް ހުންނެވީ "ގެއްލިފަ"އެވެ.

ރައީސް ނަޝީދުގެ ވެރިކަން ދައުރުގެ މެދުތެރެއިން ނިމިގެން ދިޔުމާއެކު އޭރު ނައިބު ރައީސަކަށް ހުންނެވި ޑރ ވަޙީދު ރައީސް ކަމުގެ ހުވާ ކުރެއްވިއެވެ. އެހިސާބަށް ދަންދެކަށް ޑރ ވަޙީދަށް ނިސްބަތް ކުރައްވައި ރައީސް ނަޝީދު އެއްވެސް އެއްޗެއް އާންމުންގެ ތެރެއަކު ވިދާޅެއްނުވެއެވެ. ނަމަވެސް ވެރިކަން ނިމިގޮސް ޑރ ވަޙީދު ވެރިކަމުގެ ހުވާ ކުރެއްވުމާއެކު ރައީސް ނަޝީދު ހިތްޕުޅުގައި ހުރި ވަރަށްގިނަ އުދާސްތައް ޑރ ވަޙީދަށް ފޮނުވާލެއްވިއެވެ. އެހިސާބުން ކަށަވަރު ވެގެންދިޔައީ ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިއިރު ނައިބު ރައީސަށް ފަހުން ކަމެއް ހަވާލު ނުކުރައްވައި ހުންނެވީ ދެބޭފުޅުންގެ މެދުގައި ވަރަށް ބޮޑެތި ނުތަނަވަސްކަމެއް އޮވެގެން ކަމެވެ.

ރިޔާސީ ދައުރުގެ މެދުތެރެއިން ޑރ ވަޙީދު ރައީސްކަމާއި ހަވާލުވެ ވަޑައިގެންފިއެވެ. އެއާއެކު ނައިބު ރައީސް ކަމުގެ މަގާމު ދެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ މުޙަންމަދު ވަޙީދުއްދީން (ޑީން) އަށެވެ. ޑީންގެވެސް މާބޮޑު މަސައްކަތްޕުޅެއް ދައުލަތުގެ ތެރެއިން ފެނިގެން ނުދިޔައެވެ. ދިރިއުޅުއްވީވެސް އަމިއްލަފުޅު ރިސޯޓު ބަނޑޮހުގައެވެ. ރައީސް ވަޙީދުވެސް އެމަނިކުފާނުގެ ނައިބު ރައީސަށް މާބޮޑު މަސައްކަތެއް ޙަވާލުކުރެއްވި ތަނެއް ނުފެނުނެވެ. ޑީންވެސް ހުންނެވީ ފާޑަކަށް "ގެއްލިފަ" އެވެ.

2013 ވަނަ އަހަރު އާ ރިޔާސީ އިންތިޚާބެއް އައިސް ރައީސް ވަޙީދަށް އިންތިޚާބުގައި ބޮޑު ނާކާމިޔާބަކާ ކުރިމަތި ލައްވަން ޖެހިވަޑައިގަތެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. ނައިބު ރައީސް ކަމުގެ ހުވާ ޔާމީންގެ ރަނިންމޭޓް ޑރ މުޙަންމަދު ޖަމީލް އަޙްމަދު ކުރެއްވިއެވެ. ޔާމީންގެ ވެރިކަމުގައިވެސް ރައީސް ކަމުގެ ހުވަޔަށް ފަހު ނައިބު ރައީސް ގެއްލިއްޖެއެވެ. ޑރ ޖަމީލަކީ ނަމެއްގައި ހުންނަވާ ނައިބު ރައީސަކަށް ވެއްޖެއެވެ. ކުރައްވާނެ ހަމަ އެއްވެސް ކަމެއް ނެތެވެ. އެއްވެސް ކަމެއް ހަވާލެއް ނުކުރައްވައެވެ. ނައިބު ރައީސް އުޅުއްވަނީ ހިލާލީގޭގައިކަން ރައްޔިތުންނަށް އެނގުން ފިޔަވައި އެހެން ކަމެއް ނެތެވެ. ޑރ ޖަމީލަކީ ކިތަންމެ އަޑުފުޅު ގަދަ ބޭފުޅެއް ކަމަކު، އެއޮތް ގަދަ އަޑުފުޅު ހަމަ އިސާހިތަކު މުޅިން ކެނޑިގެންގޮސް ޑރ ޖަމީލު ހިމޭންވެގެން ދިޔައެވެ.

ދެން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ޔާމީނުގެ ފުރަތަމަ ނައިބު ރައީސް ޑރ ޖަމީލު "އެހެލާފައި" އެތައް ދުވަހަކު ބެހެއްޓުމަށް ފަހު "ފެހިކަހާވެސްނުލައި" ބާލަން ހިފާލި މަންޒަރެވެ. ނައިބު ރައީސް ބާލަން ހިފާލުމުގައި ވަލުގެ މުގުލުގައި ހުންނެވީވެސް ސީދާ ރައީސް ޔާމީނެވެ. އެހެންވެ އެއީ އުދަނގޫ ކަމަކަށް ނުވިއެވެ. އެއްވާނަކަށް ދަމާ، ލުއްކެތްޖަހާލާފައި" ނައިބު ރައީސް ކަމުން ޑރ ޖަމީލު ވަކި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ނައިބު ރައީސް ގައުމުން ބޭރަށް އަމިއްލަފުޅަށް އަރުވާވެސް ލައްވައިފިއެވެ. އެހިސާބުން ޑރ ޖަމީލު ނައިބު ރައީސް ކަމުން ވަކިކޮށްފިއެވެ.

ދެން ޔާމީންގެ ދެވަނަ ނައިބު ރައީސް ކަމުގެ ހުވާ ޒުވާން ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ކުރެއްވިއެވެ. އަދީބު ނައިބު ރައީސް ކަމުގައި ފުރަތަމަކޮޅު ޔާމީން އޮތީ ނައިބު ރައީސަކަށް ދުވަހަކު ރައީސަކު ނުދެއްވާހާ ބާރު ދެއްވާފައެވެ. ނަމަވެސް ގިނަ ދުވަހެއް ނުވިއެވެ. ދެބޭފުޅުންގެ މެދުގައި ކުނި ޖެހެން ފެށިއެވެ. އަޑު އަރައިގެން ދިޔައީވެސް އަދި މިހާރު މިހިރަ އިވޭ އަޑު ތަކަށް ބަލާއިރުވެސް ދެބޭފުޅުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދުނީ ފައިސާގެ ކަންތައްގަނޑަކާ ހުރެއެވެ. ޔާމީންވެސް ރައީސް ކަމުގައި ހުންނެވިއިރު އެގޮތަށް ތަކުރާރުކޮށް ވިދާޅުވެފައި އެބަހުއްޓެވެ.

ނައިބު ރައީސް ކަމުގައި އަދީބަށް ކުރިމަތިވެވަޑައިގެންނެވީ އަދި މުޅިން ތަފާތު ގޮތެކެވެ. ދެބޭފުޅުންގެ މެދުގައި ޖެހުނު މައްސަލަ ނިމިގެން ދިޔައީ ރިޔާސީ ލޯންޗުކޮޅުގައި ރައީސް އިންނަވަނިކޮށް ގޮއްވާލެވުނު އެއްޗެއްގެ ތުހުމަތު ނައިބު ރައީސް އަދީބުގެ އިސްތަށިފުޅުގައި އެޅުވި، އެމަނިކުފާނުގެ މައްޗަށް ދައުވާކޮށް ޖަލަށްވެސް ލެވިގެންނެވެ.

ރައީސް ޔާމީން އެމަނިކުފާނުގެ ތިންވަނަ ނައިބު ރައީސަކަށް ހަމަޖެއްސެވީ އެމަނިކުފާނުގެ ފިނޭންސް މިނިސްޓަރ ޖިހާދެވެ. ޖިހާދު ވެގެންދިޔައީ ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ޔާމީންގެ ވެރިކަން ނިމުމާ ހަމައަށްވެސް ނުދިއްލޭ ބޮތްކެއް ފަދަ ބޭފުޅަކަށެވެ. މަދުފަހަރަކު ނޫނީ ރަސްމިއްޔާތަކުންވެސް ނުފެނެއެވެ. ސިޔާސީ ހަރަކާތަކުންވެސް ނައިބު ރައީސް ޖިހާދު ނުފެނެއެވެ.

ރައީސް ޔާމީންގެ ވެރިކަން ވޯޓުން ނިމުމަކަށް ގެނެސް ރައީސް ސޯލިޙުގެ ވެރިކަމާ ރައްޔިތުން ބައްދަލު ކުރިއެވެ. ރައީސް ސޯލިހާއެކު ނައިބު ރައީސް ކަމުގެ ހުވާ ކުރެއްވީ ފައިސަލް ނަސީމެވެ. ތެދެކެވެ. މިއީ އަދި ރައީސް ސޯލިހުގެ ވެރިކަމުގެ ހަނީމޫން ދުވަސްވަރެވެ. ނަމަވެސް ހަނީމޫންގައިވެސް ރައީސް ސޯލިޙު މިފެންނަނީ ނައިބު ރައީސް ފައިސަލްގެ ބޭނުން ވަރަށް ރަނގަޅަށް ހިއްޕަވާ ތަނެވެ. ރައީސްގެ މަސައްކަތްޕުޅުން ބަޔެއް ނައިބު ރައީސަށްވެސް އެބަ ހަވާލު ކުރައްވައެވެ. ބަޔެއް ފަހަރު ދެބޭފުޅުން އެކުގައިވެސް ރަސްމިއްޔާތު ތަކަށް ވަޑައިގަންނަވައެވެ. ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުން ނައިބު ރައީސް އެމަނިކުފާނުގެ ޒިންމާ އުފުއްލަވާތީ ފެނެއެވެ. އެހެން ނައިބު ރައީސުން "ގެއްލިގެންދިޔައީ" ވެސް ސަރުކާރުގެ ހަނީމޫން ދުވަސްތައް ގުނަގުނައި އޮއްވައެވެ.

ދައުލަތުގެ ފަރާތުން ބާއްވާ އެކިއެކި ރަސްމިއްޔާތުތައް އިފްތިތާޙު ކުރެއްވުން ނައިބު ރައީސް ފައިސަލްއަށް ރައީސް ހަވާލުކުރައްވާތީ އެބަފެއެވެ. ދައުލަތުގެ ފަރާތުން އެފަދަ ރަސްމިއްޔާތު ތަކުގައި ވާހަކަފުޅު ދެއްކެވުމުގެ ފުރިހަމަ އިޚްތިޔާރު ނައިބު ރައީސަށް ދެއްވާފައި އޮތް މަންޒަރު އެބަފެނެއެވެ. ނިމިދިޔަ މަޖިލިސް އިންތިޚާބުގައިވެސް ރައީސް ސޯލިޙު ތާއީދު ކުރެއްވި އެމްޑީޕީގެ ބަޔެއް ކެންޑިޑޭޓުންގެ ކެމްޕޭނުގައިވެސް ނައިބު ރައީސް ފައިސަލް ވަރަށް ފޯރީގައި އުޅުއްވި މަންޒަރަކީ ހަމަގައިމުވެސް ރައީސް ސޯލިޙާއި ނައިބު ރައީސް ފައިސަލްގެ ގުޅުމަށް އެއްވެސް ކަހަލަ ހީނަރު ކަމެއް އަދި މިހާތަނަށް އައިސްފައި ނެތް ކަމުގެ ހެއްކެވެ. ނައިބު ރައީސަށް ފުރުޞަތު ދެއްވުމުގައި ރައީސް ސޯލިޙް އަދި ފެންނަނީ ތަފާތު ދައްކަވާ މަންޒަރެވެ. ދެބޭފުޅުން ދެޕާޓީއެއްގައި ތިއްބެވި ނަމަވެސްމެއެވެ. ދެބޭފުޅުންގެ މެދުގައި ސިޔާސީ ސަކަރާތް ޖައްސަވާތީއެއް ނުފެނެއެވެ. ގިނަ ނައިބު ރައީސުން ހެއްދެވިހެން ރައީސަށްވުރެ ކުރިޔަށް ފިޔަވަޅު އަޅުއްވަން ފައިސަލްވެސް އުޅުއްވާތަނެއް އަދި ނުފެނެއެވެ. ރައީސް ބެހެއްޓެވި ރަނގަޅު ރޮނގުގައި ހުންނަވައިގެން ފައިސަލްވެސް ފެންނަނީ ރަނގަޅަށް ކުޅުއްވާތަނެވެ.

މިއީ ރައީސް ސޯލިހުގެ ކިބައިން އަދި ފެނަން މަންޒަރެވެ. ރައީސް ސޯލިހާމެދު އުންމީދު ކުރައްވާ ބޭފުޅުން ބޭނުންވަނީ އެމަންޒަރުގެ ތެރޭގައި ވެރިކަމުގެ ފަސް އަހަރުވެސް ހޭދަކުރައްވާށެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.