ޢިލްމީ ފޮތްތައް އަދިވެސް ރާއްޖޭގައި އިތުރު ވާން ޖެހޭ

ކޮންމެ އަހަރެއްގެ އެޕްރީލްމަހުގެ 23 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ދުނިޔޭގެ ފޮތުގެ ދުވަހާއި ކޮޕީރައިޓްގެ ދުވަހުގެ ގޮތުގައެވެ. މިއަދުގެ ހެޔޮއެދުންތައް ފޮތް ލިޔުންތެރިންނަށާއި ކިޔުންތެރިންނަށް އަރިސް ކުރަމެވެ.

ފޮތުގެ ދުވަހެއް ފާހަގަ ކުރަމުންދާއިރު ފޮތްނެރެ ޗާޕުކުރުމުގެ ކަންކަން ރާއްޖޭގައި މިވަނީ ވަރަށްބޮޑަށް ހީނަރުވެފައެވެ. ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. އޮންލައިންކޮށް ފޮތްތައް ޝާއިޢު ކުރެވޭތީ ކަމަށް ވެސް ވެދާނެއެވެ.

މިފަދަ ދުވަހެއް ފާޖަގަ ކުރަމުންދާއިރު އެންމެ ބޮޑަށް ހަނދާނަށް އަންނަ އެއް ނަމަކީ އަލްމަރުޙޫމް ޢަލީ ޙުސައިނުގެ ނަމެވެ. ނުވަތަ ނޮވެލްޓީ ޢަލީ ޙުސައިނެވެ. އޭނާއަކީ ކުރީގެ އެތައް ފޮތެއްގެ ދެވަނަ ޗާޕު އަޅުގަނޑުމެންނާ ހަމާއަށް ގެނެސްދެވި ބޭފުޅެކެވެ. އެފަދަ ބޭފުޅުންގެ ޚިދުމަތްތައް މިއަދު ފާހަގަކޮށްލަންޖެހެނީ ޚިދުމަތުގެ އަގު ބޮޑުކަމުންނެވެ. ޒަމާނީ ވަސީލަތްތަކާއެކު ޗާޕުކުރުމުގެ މަސައްކަތް ނޮވެލްޓީން މިހާރު ކުރިއަސް ޢަލީ ޙުސައިން އެމަސައްކަތް ފެއްޓެވީ ނުހަނު ދަތި ކަމާއެކުގައެވެ.

ލިޔުންތެރިންނަށް ބަލާއިރު އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީނާއި އަލްމަރުޙޫން މުޙައްމަދު ޖަމީލް ދީދީ އަކީ އެއްވެސް ވަސީލަތެއްނެތް ޒަމާނުގައި ވެސް ފޮތްތައް ނެރެގެން ދިވެހިންނަށް އެކި ރޮނގުރޮނގުން މަޢުލޫމާތު ފޯރިކޮށް ދެއްވި ބޭފުޅުންނެވެ. ޚާއްސަކޮށް އިސްލާމްދީނަށް މީހުން ހޭލުންތެރި ކުރުމަށްޓަކައި އެބޭފުޅުން ލިޔުއްވި ފޮތްތަކުގެ ޢަދަދު ގިނައެވެ. ދީނީ ޚިޔާލު ތަފާތުވުމެއް މިހާރުވެސް އުފެދިއްޖެނަމަ އެބޭފުޅުންގެ ފޮތްތަކުގައި އަތްލުމަކީ މިހާރުވެސް ޢާއްމު ކަމެކެވެ. ޚާއްސަކޮށް ޖަމީލް ދީދީގެ ފޮތްތަކެވެ. އެމަނިކުފާނަކީ ދީނީ އަދި ޢިލްމީ ފޮތްތަކުގެ އިތުރަށް ތަމްސީލާއި ޑްރާމާއި އެކިވައްތަރުގެ ވާހަކަ ކިޔުއްވި ބޭފުޅެކެވެ. ޙުސައިން ޞަލާޙުއްދިން ލިޔުއްވި ކީރިތި ރަސޫލާގެ ސީރަތުން އަދިއަދަށްދާނދެން އަޅުގަނޑުމެގެ ތެރޭގައި މިއޮތް ހިނގަނީއެވެ. ކޮންމެ ރޯދަމަހަކު ސީރަތުން އަޅުގަނޑުމެން މިގެންދަނީ މަޢުލޫމާތާއި ހިތްހަމަޖެހުން ހޯދަމުންނެވެ. މީގެ އިތުރަށް ރާއްޖޭގެ ކުރީގެ ރައީސް އަލްމަރުޙޫމް މުޙައްމަދު އަމީންދީދީގެ ތަފާތު ފޮތްތައް ފާހަގަކޮށްލެވެއެވެ. އަދަބ ފޮތްތަކާއި ކެއްކުމާ ބެހޭ ފޮތްތަކާއި މިހެންގޮސް އެތައް ފޮތެއް އަޅުގަނޑުމެންގެ ތެރެއަށް އެމަނިކުފާނު ވަނީ ދޫކުރައްވައިފައެވެ. ދުނިޔޭގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއްބޭފުޅަކީ މަޝްހޫރު ލިޔުންތެރިޔާ ފާރޫޤު ޙަސަނެވެ. އޭނާގެ އެތައް ތަރުޖަމާއެއް އަޅުގަނޑުމެންގެ ތެރޭގައި ވަނީ މަޝްހޫރުކަން ހޯދައިފައެވެ. އިސްލާމްދީނާއި އިސްލާމީ ތާރީޚާ ބެހޭ އެތައް ފޮތެއް އޭނާވަނީ ލިޔުއްވައިފައެވެ.

ރާއްޖޭގެ މިޒަމާނުގެ އަދީބު ޢަބްދުﷲ ޞާދިޤު އަޅުގަނޑުމެންގެ ތެރެއަށް ދޫކުރައްވައިފައިވާ އެތައް ފޮތެއް މިހާރުވެސް އަޅުގަނޑުމެން މިދަނީ ބޭނުން ކުރަމުންނެވެ. ޞޯދުބެ މިހާރު ވެސް ގެންދަވަނީ އެމަސައްކަތުގައި ޙަރަކާތްތެރިވަމުންނެވެ. މިހާރު ދުނިޔޭގައި ތިއްބެވި ލިޔުންތެރިންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަކީ ވެސް ފޮތް ލިޔުމުގެ ދާއިރާގައި ފާހަގަކުރަންޖެހޭ ޚިދުމަތްތެރި ބޭފުޅެކެވެ. މީގެ އިތުރަށް އިބްރާހީމް ރަޝީދު މޫސާއާއި ވާހަކަ ލިޔުމުގެ ރޮނގުން ބިންމާ އިބްރާހީމް ވަޙީދާއި ދަގަތަ ޕަބްލިޝަރސްގެ ޢަބްދުއްރައްޒާގު އަލީވެސް ފާހަގަ ކުރެވެއެވެ.

މިހިސާބުން ހަނދާނަށް އަންނަނީ ބޭރު ޤައުމަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރަކު 2004 ވަނަ އަހަރު ވިދާޅުވި ވާހަކައެކެވެ. ދިވެހީންގެ ޢިލްމީ ޤާބިލް ކަމަށް އޭނާ ތަޢުރީފު ކުރެއްވިއެވެ. އެކަމަށް ތަޢުރީފް ކުރައްވަމުން ވިދާޅުވީ ނިސްބަތުން ރާއްޖެއަކީ ޕީއެޗުޑީ ހައްދަވައިފައިވާ ބޭފުޅުން ގިނަ ޤައުމެއް ކަމަށެވެ. އެހެންނަމަވެސް އެބޭފުޅުންގެ ޢިލްމީ މަސައްކަތް ފެންނަންނެތް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ޕީޗުޑީފަދަ މަތީ ފާހެއް ނަންގަވައިފައިވާ ބޭފުޅުންގެ މައިގަނޑު މަސައްކަތަކަށްވާންވާނީ ދިރާސާ ކުރެއްވުމާއި ފޮތް ލިޔުއްވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނޫނީ ވާނީ މޭވާ ނާޅާ ގަހަކަށް ކަމަށް ވެސް ވިދާޅުވިއެވެ. މިއީ ބަދަލު ކުރަންޖެހިފައިވާ ކަމެކެވެ. ޢިލްމީ ބޭފުޅުންގެ ކޮންމެވެސް ވަރަކަށް ދިރާސާ ކުރައްވައި ފޮތްނެރުމުގެ މަސައްކަތް ކުރައްވައެވެ. ރާއްޖޭގެ ތަޢުލީ ގޮތުން ކުރިއަރައި ޔުނިވަރުސިޓީތައް އުފެދިފައިވާއިރު ދިވެހިބަހުން ލިޔެފައިވާ ދިރާސާތަކާއި ފޮތްތައް ވަރަށް މަދުކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ. މިފަޅުކަން ފޫބެއްދުމަށްޓަކައި ރާއްޖޭގައި ތިއްބެވި ޢިލްމީ ބޭފުޅުން ފޮތްތައް ލިޔުއްވައި ޝާއިޢު ކުރެއްވުމަށް އަތުކުރި އޮޅާލަން ވެއްޖެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.