ނިޔަފަތި ކެއުމަކީ ވަރަށް އާންމު ކަމެކެވެ. އެހެންނަމަވެސް ހައްލުކުރަން އުނދަގޫ ކަމެކެވެ. މިކަމަކީ ކުޑަކުދިން އަދި ޒުވާނުންގެ މެދުގައި ވަރަށް އާއްމު ވެފައިވާ ކަމެކެވެ.
ނިޔަފަތި ކެއުމަކީ އެކެއް ނުވަތަ ދެ ނިޔަފައްޗެއް އަނގައަށްލުމަށްފަހު ދަތުގެ ބޭނުންކޮށްގެން ނިޔަފަތި ހެފުން ނުވަތަ ކެއުމެވެ. ނިޔަފަތި ކެއުން އާންމު ކަމެއްކަމުގައި ވީނަމަވެސް މިކަން ވެފައިވަނީ ގިނަ ބަޔަކު ދެކޭގޮތުގައި ނުރަނގަޅު ސިފައެއްކަމަށެވެ.
އިންޑިއާގެ ކޮލެޖެއްކަމަށްވާ ޑެންޓަލް ކޮލެޖް އެންޑް ހޮސްޕިޓަލް، އުދައިޕޫރު (ރަޖަސްތާން) އިން ވަނީ ކުޑަކުދިންގެ ތެރޭގައި ނިޔަފަތިކާ ކުދިންނާއި ނުކާ ކުދިންގެ މެދުގައި އެންޓެރޯބެކްޓީރިއޭސިއާ ގެ ޖަރާސީމު ހުރި މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ހަދައިފައެވެ.
އަންހެން ކުދިން އަދި ފިރިހެން ކުދިންގެ މެދުގައި މިބެކްޓީރިއާގެ ތަފާތު ދެނެގަތުމަށާއި މިބެކްޓީރިއާގެ ތަފާތު ބާވަތްތަކުގެ ތެރެއިން ބަލިތަކަށް ބޮޑަށް މަގުފަހިކޮށްދޭނެ ބާވަތް ދެނެގަތުމަށްވެސް ޓެސްޓް ކުރެވިފައިވެއެވެ. މިދިރާސާގައި ސަރުކާރު އަދި އަމިއްލަ ސްކޫލްތަކުގައި ތަޢުލީމް ޙާސިލްކުރަމުންދާ އުމުރުން10 އަހަރާއި 16އަހަރާ ދެމެދުގެ ކުދިން ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިމަނާފައިވަނީ ނިޔަފަތިކާ 20 ފިރިހެން ކުދިންނާއި 20 އަންހެން ކުދިންނެވެ. އަދި ހަމަ ނިޔަފަތި ނުކާ 40 ކުދިންގެ ތެރޭގައި ވިހި އަންހެން އަދި ވިހި ފިރިހެން ކުދިން ވެސް ވަނީ ބައިވެރިކުރުވާފައެވެ. މިދިރާސާގައި ބައިވެރިކޮށްފައިވާ ކުދިންގެ މައޫލޫމާތުތައް އަނގަބަހުންނާއި ލިޔުމުން ފުރަތަމަ ވަނީ އެއްކުރެވިފައެވެ. އެއަށްފަހު ހުރިހާ ކުދިންގެ ކުޅުގެ ސާމްޕަލްތައް ވަނީ ޓެސްޓްކޮށްފައެވެ.
މިދިރާސާއިން ދައްކާ ގޮތުގައި ނިޔަފަތިކާ 40 ކުދިންގެ ތެރެއިން % 85 ކުދިންގެ ސާމްޕަލްއިން ވަނީ ބެކްޓީރިއާ އުފެދޭ ކަމަށް ޕޮޒިޓިވް ވެފައެވެ. އެންޓެރޯބެކްޓީރިއޭސިއާ ގެ ބާވަތެއް ކަމުގައިވާ އީ.ކޯލީ ގެ %57.5 ވަނީ ނިޔަފަތި ކާ ކުދިންގެ ސާމްޕަލްއިން ފެނިފައެވެ. އަދި ހަމައެހެންމެ މިދިރާސާއިން ދައްކާގޮތުގައި ފިރިހެން ކުދިންގެ ހަށިގަނޑުގައި އެންޓެރޯބެކްޓީރިއޭސިއާ ހުންނަ މިންވަރު އަންހެން ކުދިންގެ ހަށިގަނޑުގައި ހުންނަވަރަށްވުރެ ގިނައެވެ.
ނިޔަފަތި ކެއުމުގެ ސަބަބުން ތަފާތު ޖަރާސީމުތައް އުފެދި ހަށިގަނޑުގައި ތަފާތު އިންފެކްޝަންތައް އުފައްދައިދެއެވެ. މިގޮތުން އެންޓެރޯބެކްޓީރިއޭސިއާ ޖަރާސީމަކީ އިންސާނާގެ ހަށިގަނޑަށް ފެތުރިގެން ގޮސްދާނެ ބެކްޓީރިއާއެކެވެ. މި ބެކްޓީރިއާގައި ތަފާތު ގިނަ ބާވަތްތައް ހިމެނެއެވެ. އާންމު ގޮތެއްގައި މި ބެކްޓީރިއާއަކީ އިންސާނާގެ ހަމުގައްޔާއި ގަސްގަހުގައްޔާއި ވެލިގަނޑުގައްޔާއި ފެން އަދި ޖަނަވާރުންގެ ގައިގައި ދިރިއުޅޭ ބެކްޓީރިއާއެކެވެ. ނިޔަފަތި ކެއުމުގެ ތެރެއިން މިފަދަ ބެކްޓީރާއެއް ހުރިތަނެއްގައި އިނގިލި ޖެހި އަނގައަށް އިނގިލި ލެވިއްޖެނަމަ މިބެކްޓީރިއާ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ފެތުރުމުގެ ފުރުސަތު ބޮޑެވެ. އެންޓެރޯބެކްޓީރިއޭސިއާ ޖަރާސީމުގެ ސަބަބުން ލޮލުގައި އަދި ހަމުގައި އިންފެކްޝަން އުފެދެއެވެ. އަދި ހަމަ އެހެންމެ ލޭގައި ބެކްޓީރިއާ އިންފެކްޓް ވުމާއި، ނިއުމޯނިއާއި ހީނުކުރާހާ ފަދަ ތަފާތު ސިއްހީ ބޮޑެތި މައްސަލަތަކާއި ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
ނިޔަފަތި ކެއުމަކީ ޖަރާސީމްތަކަށް ދައުވަތުދެވޭ ކަމަކަށްވުމާއެކު މިކަން ހުއްޓުވުމަށް މަސައްކަތް ކުރަން އެބަޖެހެއެވެ. މިގޮތުން ކުދިންނަށް ނިޔަފަތި ކެއުމުން ލިބޭނެ ގެއްލުން އެކުދިންނަށް ވިސްނޭނެ ގޮތަށް ބުނެ ދެވިދާނެއެވެ. އަދި އެކުދިންނަށް ސާފުތާހިރު ވުމުގެ ގޮތުން ގިނައިން އަތްދޮވުން ފަދަ ކަންކަން ކުރުމަށް ހަނދާންކޮށް ދެވިދާނެއެވެ. ކުދިން ނިޔަފަތި ކާނަމަ އެކަމާ އަޅާނުލާ ހުރުމުގެ ބަދަލުގައި ކޮންމެވެސް ގޮތަކުން އެކަން ހުއްޓުވަން މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.
ލިޔުނީ:
އެމް.އެން.ޔޫގެ ދަރިވަރު އާމިނަތު ލުބްނާ (ބެޗްލަރ އޮފް ސައިންސް)
ރިފަރެންސް:
Vyas, T. (2017). Effect of Chronic nail biting and non-nail biting habit on the oral carriage of Enterobacteriaceae. Journal Of Advanced Medical And Dental Sciences Research, 5(5).
ފޮޓޯ:
https://images.app.goo.gl/rHhzbWDmn51XWMhV6