މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުން ބޭނުންވާނީ ކައިރީގައި ބިދޭސީއަކު ހުންނާކަށްނޫން، ދަރިން ތިބެން: ރައީސް

ކޮންމެ މީހަކުވެސް އެމީހެއްގެ މައިންބަފައިންނަށް ލޯބިދީ އޯގާތެރިވާންޖެހޭނެ ކަމަށާއި އަދި މައިންބަފައިން އުމުރުން ދުވަސްވާއިރު ކައިރީގައި ޚިދުމަތުގައި ހުންނަން ބޭނުންވާނީ ބިދޭސީއެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދުވަސްވީ މީހުންނަށް ޚާއްސަ ކޮށްގެން ހިންގަމުން އަންނަ ޖަމްއިއްޔާއެއް ކަމަށްވާ އޭޖް ކެއަރ މޯލްޑިވްސްއަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދޮށީ ޢުމުރަށް ދިއުމުން މައިންބަފައިން އެންމެ ބޭނުންވާނީ، ކައިރީގައި ޚިދުމަތް ކޮށްދޭން ހުންނާނެ ބިދޭސީއެއް ނޫންކަމަށާއި، އެ ޢުމުރުގައި އެންމެ ބޭނުންވާނީ، ދަރިންގެ އަޅައިލުމާއި ލޯތްބާއި އޯގާތެރިކަން ކަމެވެ.

ރައީސް ވިދާޅުވީ ދޮށީ ޢުމުރުގެ މީހުންނަށް މިއަދު ކުރިމަތިވަމުން އަންނަ އެންމެ ބޮޑު މައްސަލައަކީ މުސްކުޅިވި ދުވަހު ލޯބިދީ އަޅައިލާނޭ ދަރިން، ކައިރީގައި ނެތުމުގެ ހިތްދަތި އިޙްސާސްކުރަންޖެހި އެމީހުންނަށް ކުރިމަތިވާ ނަފްސާނީ މައްސަލަތައް ކަމުގައެވެ. އެހެންކަމުން މިކަމާމެދު ވިސްނައި މައިންބަފައިން ވެފައިވާ ޤުރުބާނީ ހަނދާން ނައްތާނުލައި، ކޮންމެ މީހެއްގެ ވެސް ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ މިއަދު ތަރައްޤީގެ ގޮތުގައި މިފެންނަ ކޮންމެ ކަމަކީ، މުސްކުޅިކުރެވިފައިވާ ބޭފުޅުންގެ، ޤައުމީ ޚިދުމަތުގެ މަލަތައްކަމުގައެވެ. އެހެންކަމުން އެ މީހުންގެ ޚިދުމަތުގެ އަގު، އަބަދުވެސް ވަޒަންކުރަން ޖެހޭނެކަމަށާއި، އަބަދުވެސް އެމީހުންނަށް އިޙްތިރާމް ކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދޮށީ ޢުމުރުގެ މީހުންނަށް ޙަރަކާތްތެރި ދިރިއުޅުމެއް އުޅެވޭނެ ފުރުޞަތު ފަހިކޮށްދިނުމާއެކު އަމާން މާޙައުލެއް މުޖުތަމަޢުގެ ތެރެއިން ހޯދައިދިނުމަކީ މުހިންމު ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހުރިހާ އުމުރެއްގެ މީހުން ވެސް ދޮށީ ޢުމުރުގެ މީހުންނަށް އަޅާލައި، އިޙްތިރާމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.

މިރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްގެ ދެކަނބަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.