އަލްބަޝީރުގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުގައި ތަހުގީގު ފަށައިފި

ސޫދާނުގެ ކުރީގެ ރައީސު ޢުމަރު ޙަސަން އަލްބަޝީރު

ދާދިފަހުން ސޫދާނުގެ ވެރިކަމުން ދުރުކުރެވުނު އެގައުމުގެ ކުރީގެ ރައީސު ޢުމަރު ޙަސަން އަލްބަޝީރުގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައިގައި ސޫދާނުގެ ހިންގަން ޕަބްލިކް ޕްރޮސެކިއުޓާ ތަހުގީގެއް ފަށްޓަވައިފިއެވެ.

ސޫދާނުގައި މިހާރު ވެރިކަން ކުރާ އަސްކަރީ ކައުންސިލުން އެކުލަވާލާފައިވާ އެންޓި ކޮރަޕްޝަން ކޮމިޓީން ހާމަކުރިގޮތުގައި ކުރީގެ ރައީސު އަލްބަޝީރުގެ ގެކޮޅު ބަލައި ފާސްކުރުމުން 6 މިލިއަން ޔޫރޯއާއި 3 ލައްކަ 51 ހާސް އެމެރިކާ ޑޮލަރާއި، 5 މިލިއަން ސޫދާން ޕައުންޑު (1 ލައްކަ 5 ހާސް އެމެރިކާ ޑޮލަރު) ފެނިފައި ވެއެވެ. މި ފައިސާ ފެނިފައި ވަނީ އެގޭގެ ކޮޓަރިކޮޅެއްގައި ހުރި ދަބަސްތަކަކުންނެވެ.

ޚަބަރުފަތުރާ ވަސީލަތްތަކަށް މައުލޫމާތުދެއްވަމުން ސޫދާނުގެ ޖުޑިޝަރީގެ އިސް ބޭފުޅަކު ވިދާޅުވިގޮތުގައި ޗީފް ޕްރޮސެކިއުޓާ މިހާރު ވަނީ (ކުރީގެ) ރައީސު އަލްބަޝީރު ހައްޔަރުކޮށް، އަވަހަށް އޭނާއާއި ސުވާލުކޮށް، އޭނާގެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް އަންގަވާފައެވެ.

"މިހާރު ކޯބަރު ޖަލުގައި ހުންނެވި އަލްބަޝީރުއާ ޕަބްލިކް ޕްރޮސެކިއުޓާގެ ފަރާތުން ސުވާލުކުރާނެ." އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަލްބަޝީރުއާ އަދި ސުވާލުކޮށްފައި ނުވާކަމަށާ، އޭނާއާ އެއްބަނޑު އެއްބަފާ ދެބޭފުޅެއްގެ މައްޗަށްވެސް ކޮރަޕްޝަންގެ ތުހުމަތުކުރެވިފައިވާ ކަމަށެވެ.

އަލްބަޝީރުގެ ވެރިކަމާ ދެކޮޅަށް ފާއިތުވި ޑިސެންބަރު މަހުއްސުރެ ކުރަމުން އައި ސިލްސިލާ މުޒާހަރާތައް ވަރުގަދަވެ އޭނާ ވެރިކަމުން ދުރުކުރުމަށް ގޮވާލާ އަޑުތައް ގަދަވުމުން ސޫދާނުގެ ސިފައިން ވަނީ މި އެޕްރީލް މަހުގެ 11 ވަނަ ދުވަހު އަލްބަޝީރު މަގާމުން ދުރުކޮށްފައެވެ.

ރިޔާސީ ގަނޑުވަރެއްގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ބުރާސްފަތި ދުވަހު އޭނާ ވަނީ ޚުރްޠޫމުގެ އެންމެ ސަލާމަތީ ކަންކަން ވަރުގަދަ ކޯބަރު ޖަލަށް ބަދަލުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.