ރައީސް ސޯލިޙާމެދު އުންމީދުތަކެއް އެބަހުރި، މިހާތަނަށް ރައީސް ވަރަށް ރަނގަޅު: ރިޔާޒް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙާމެދު ވަރަށް ބޮޑެތި އުންމީދުތަކެއް އެބަހުރި ކަމަށާއި މިހާތަނަށް އައިއިރު ރައީސް ސޯލިޙުގެ ކިބައިން ފެނިގެން ދިޔައީ ހިތްހަމަޖެހޭ ކަންތައްތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރު ރައީސް ސޯލިޙްއާއެކު ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށާއި ގާނޫނުތަކުން ބޭރަށް ވަޑައިނުގެން ރައީސް އެ މަސައްކަތުގައި ދެމިހުންނެވިހާ ހިނދަކު ރައީސްއާއެކު ހުންނަވާނެ ކަމަށެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަނުގެ ހުރިހާ ޕާޓީތަކެއް ގުޅިގެން ނުނުކުމެވުނު ނަމަވެސް މަޖިލިސް އިންތިޚާބަށް ފަހުންވެސް ރައީސްގެ ފަރާތުން ފެނިގެން ދިޔައީ ކޯލިޝަން ރޫޅާ ނުލައްވައި ކޯލިޝަނާއެކު ވެރިކަން ކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާ މަންޒަރު ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ކޯލިޝަނުގެ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ 65 ގޮނޑި ހޯދިއިރު ޖޭޕީން އެންމެ ފަސް ގޮނޑި ލިބި، ރައީސް މައުމޫނުގެ ޕާޓީ އާއި އަދާލަތަށް އެންމެ ގޮނޑިއެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ރައީސް ސޯލިޙް ހުންނެވީ ކޯލިޝަނުގެ ލީޑަރުންނާއެކު ކުރިޔަށް ވަޑައިގަންނަވަން ކަމަށް ވިދާޅުވުމަކީ ރައީސްގެ ފަރާތްޕުޅުން ފެނިގެންދިޔަ ރަނގަޅު ސިފަފުޅެކެވެ. އަދި މިހާތަނަށް ރައީސް ސޯލިޙްގެ ފަރާތްޕުޅުން ކަންކަން ފެނިގެން ގޮސްފައިވާ ގޮތަކަށް ބަލާއިރު ގޯސްކޮށް ނުދާނެކަމުގެ އުންމީދު ވަރަށް ބޮޑަށް އެބައޮތް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އޭނާވެސް އަދި ޖުމްހޫރީ ޕާޓީވެސް ރައީސް ސޯލިޙަށް މި ފަސް އަހަރު މަޖިލިސް ތެރެއިން އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުގައި ކުރިޔަށްދާ ބަހުސް ތަކުގައި ބަޔެއް ޙާލަތްތަކުގައި ޚިޔާލު ތަފާތުވުން އޮތުމަކީ މައްސަލައެއް ނޫން ކަމަށާއި ސިޔާސީ ކަންކަމުގައި ޙައްލު އަންނާނީ ފުރަތަމަ ދެބަސްވުމަށް ފަހު އެއަށްފަހު އެއްބަސްވުމަކަށް އައިގެން ކަމަށް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ކުރިޔަށް އޮތް މަޖިލީހުގެ ދައުރުގައި މަޖިލިސް ތެރެއިން ކުރެވޭނެ އެއްބަހުސަކަށް ރާއްޖޭގައި އޮންނަންޖެހޭނެ ވެރިކަމުގެ ނިޒާމުގެ މައްސަލަ ހިމެނޭނެކަން ވަރަށް ޔަގީނެވެ. އެކަމުގައި ޚިޔާލު ތަފާތުވުން އައިސްދާނެ ކަމުގެ އިޝާރާތް ރިޔާޒް ދެއްވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.