އެމެރިކާގެ 'ބިރުވެރި ގޭ'ގެ ދެމަފިރިން މަދުވެގެން 25 އަހަރަށް ޖަލަށް

ދަރިންނަށް އަނިޔާކުރި ބައްޕަ ޑޭވިޑް ޓާޕިން (ކަނާތްފަރާތުން ދެވަނަ) އާއި މަންމަ ލުއީޒް ޓާޕިން (ވ) އިއްޔެ ކޯޓުގައި

އެމެރިކާގެ ކެލިފޯނިޔާގެ ދެމަފިރިއަކު އުމުރަށް ޖަލަށްލުމަށް އެ ސްޓޭޓުގެ ރިވަސައިޑް ކައުންޓީ ކޯޓުން ހުކުމްކޮށްފިއެވެ. އެ ދެމަފިރިންގެ މައްޗަށް މި ހުކުމް ކުރީ އެމީހުންގެ 13 ދަރިންގެ ތެރެއިން 12 ކުއްޖަކު ބަންދުކޮށް ބޮޑެތި އަނިޔާތަކެއް ކުރުމުގެ ކުށުގެއެވެ. ހުކުމުގައި ވާގޮތުން ކަފާލާތު ދަށުންވެސް އެމީހުން މިނިވަންކުރެވޭނީ މަދުވެގެން 25 އަހަރަށް ފަހުގައެވެ.

އުމުރުން 57 އަހަރުގެ ޑޭވިޑް އެލެން ޓާޕިންއާއި އޭނާގެ އަނބިމީހާ، އުމުރުން 50 އަހަރުގެ ލުއީޒް އެނާ ޓާޕިންގެ މައްޗަށް ހުކުމް އިއްވީ އެމީހުންގެ ބައެއް ދަރިންގެ ފަރާތުން ކޯޓަށް ބަޔާންދިނުމަށް ފަހުގައެވެ. އެ ބަޔާންތަކުގައި އެކުދިން ބުނެފައި ވަނީ މަންމައާއި ބައްޕަގެ ފަރާތުން ކިތަންމެ ބޮޑު އަނިޔާއެއް ލިބިފައިވިޔަސް އެ ދެމީހުން ދެކެ ލޯބިވާކަމަށާއި، އެ ދެމީހުންނަށް މާފުކޮށްފައިވާ ކަމަށެވެ.

ޓާޕިންގެ ދެމަފިރިން ވަނީ އެމީހުންގެ ދަރިން ކޮޓަރީގައި ބަންދުކޮށް، އެނދާއެއްކޮށް ޗޭނު ޖަހައި، ކާންނުދީ ބަނޑަށް ޖައްސައި، ތަޅައި އަނިޔާކޮށްފައެވެ.

ލޮސް އެންޖަލީސްގެ އިރުދެކުނުން 113 ކިލޯމީޓަރު ދުރުގައި އޮންނަ ރިވަސައިޑް ކައުންޓީގެ ޕެރީސްގައި ހުންނަ އެ ދެމަފިރިންގެ ގެއަކީ ބޭރުފުށުން ރީތިކޮށް ފެންނަ އާދައިގެ ގެއެކެވެ. އަވަށްޓެރިންނަށްވެސް އެ ގޭގެ ތެރޭގައި އާދަޔާ ޚިލާފު ކަމެއް ހިނގާކަން ފާހަގަކުރެވިފައި ނެވެއެވެ.

އެހެންނަމަވެސް އެއީ 'ބިރެވެރި ގެއެއް' ކަން ހާމަވެގެން ދިޔައީ އެ ދެމަފިރިންގެ ދަރީންގެ ތެރެއިން ކުއްޖަކު 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފަލައިގެން ގެއިން ނުކުމެގެން ގޮސް ފުލުހުންގެ އެހީތެރިކަމަށް އެދި 911 އަށް ގުޅުމުންނެވެ.

އޭރު އުމުރުން 17 އަހަރުގެ ޖޯޑަން ޓާޕިން ފުލުހުންނަށް ކިޔައިދިން ގޮތުގައި އޭނާވެސް އެނދާ އެއްކޮށް ޗޭނުޖަހައި، ކާންނުދީ ބާއްވައި އަނިޔާކޮށްފައި ވެއެވެ. އަދި އޭނާ ފިލައިގެން އައިއިރުވެސް ދެ އަންހެން ކޮއްކޮއަކު އެނދާއެއްކޮށް ބަނދެ ތަޅައި އަނިޔާކުރަމުން ދިޔަކަމަށް ފުލުންނަށް އޭނާ ދިން ބަޔާނުގައި ވެއެވެ.

ޖަނަވަރީ 2018 ގައި ހައްޔަރުކުރުމަށް ފަހު، އެ ދެމަފިރިންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފަށާފައި ވާއިރު، ފާއިތުވި ފެބުރުވަރީ މަހު ދެމަފިރިންވެސް ވަނީ ކުށަށް އިއުތިރާފުވެފައެވެ.

"އަހަރެން ދަރިންނަށް އެއްވެސް އަނިޔާއެއް ކުރުމީ އަހަރެންގެ ނިޔަތެއް ނޫން. އަހަރެންގެ ފަރާތުން އެކުދިންނަށް އަނިޔާވެފައިވާނަމަ އަހަރެން މާފަށް އަހަރެން އެކަމާ ދެރަވަން." ޑޭވިޑްގެ ޓާޕިންގެ ވަކީލު އޭނާގެ ފަރާތުން ކޯޓަށް އިއްވި ބަޔާނުގައި ވެއެވެ.

އެ ދެމަފިރިންގެ ދަރިންނަށް އަނިޔާކުރުމުގެ އިތުރަށް، އެމީހުން އެ ކުދިން ސްކޫލަށް ފޮނުވާފައި ވެސް ނުވެއެވެ.

"އަހަރެންގެ އުމުރުން މިހާރު 17 އަހަރު. އެކަމަކު އަހަރެން ގްރޭޑް 1 ނުނިންމަން." ޖޯޑަން ފުލުހުންނަށް ކިޔައިދީފައި ވެއެވެ. އޭނާ ބުނިގޮތުގައި އޭނާގެ މަންމަ އަވަށްޓެރިން ގާތު ބުނަނީ ކުދިންނަށް ގޭގައި ކިޔަވައިދޭ ކަމަށެވެ. އެހެންނަމެވެސް މަންމަ އެކަން ކޮށްފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.