އިންޑިޔާގެ ޖެޓް އެއާވޭޒް ބަނގުރޫޓުވެ ދަތުރުތައް މުޅިން ހުއްޓާލައިފި

އިންޑިޔާގެ އެންމެ ބޮޑު އަމިއްލަ އެއާލައިނުގެ ގޮތުގައި އެއް އިރެއްގައި އޮތް ޖެޓް އެއާވޭޒް ބަނގުރޫޓުވެ، ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދަށްވެސް ފައިސާ ލިބޭނެ ގޮތެއް ނެތިގެން އެ އެއާލައިނުގެ ދަތުރުތައް މުޅިން ހުއްޓާލައިފިއެވެ.

25 އަހަރު އިންޑިޔާއަށް 'އުދުހުމުގެ އުފާވެރިކަން' ގެނެސްދިން އެއާލައިނުގެ އެންމެ ފަހު ފްލައިޓު އަމްރިޓްސާއިން މުންބާއީއަށް ފުރާފައި ވަނީ ރޭ 10:19 ގައެވެ. ބޮއިންގ 800-737 މަރުކާގެ އެ މަތިންދާބޯޓު މުންބާއީއަށް ޖެއްސީ ރޭ ދަންވަރު 1 ޖެހިއިރުއެވެ.

1.2 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި އޮތް އެއާލައިނު ހުއްޓާނުލައި ހިންގާނެ ޚަރަދަށް އެ އެއާލައިނުން އެންމެ ފަހުން ނަގަން އުޅުނު 217 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ދޭން ބޭންކްތަކުން ދެކޮޅު ހެދުމުން އެ އެއާލައިނަށް ގޮތް ހުސްވީއެވެ.

"ޖެޓް އެއާވޭޒްއިން ބައިނަލް އަގްވާމީ އަދި އެތެރޭގެ އުދުންތައް މިވަގުން ފެށިގެން މިހުއްޓާލާ ވާހަކަ ތިޔަބޭފުޅުންނާ މި ހިއްސާކުރަނީ ފުން ހިތާމައާއި، ބަރު ހިތަކާ އެކުގައެވެ." ރޭ ދަތުރުތައް ހުއްޓާލަމުން އެ އެއާލައިނުން ކުރި ޓުވީޓެއްގައި ވެއެވެ.

އިންޑިޔާގެ ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގެ އެންމެ އުހުގައި އޮތް ދުވަސްވަރު ޖެޓް އެއާވޭޒްގައި 120 މަތިންދާބޯޓު އޮތެވެ. އަދި ދުވާލަކު 600 ދަތުރުކުރިއެވެ.

ޖެޓް އެއާވޭޒްގެ ދަތުރުތައް ހުއްޓުމާއެކު އެ އެއާލައިނުގައި މަސައްކަތްކުރަމުން އައި 20 ހާހަށްވުރެ ގިނަ މުވައްޒަފުންގެ މުސްތަގުބަލާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ފައިސާގެ ދަތިކަން ބޮޑުވެގެން އެ އެއާލައިނުގެ އިސް މުވައްޒަފުންނަށް ފާއިތުވި ޖަނަވަރީ މަހުއްސުރެ މުސާރަ ދީފައި ނުވާއިރު، ދަށް ފަންތީގެ މުވައްޒަފުންނަށް ފާއިތުވި މާރިޗު މަހުގެ މުސާރަ ދީފައި ނުވެއެވެ.

ދަތުރުތައް ހުއްޓާލީ ވަގުތީ ގޮތުންކަމަށާއި، އެއާލައިނުގެ ހިއްސާ ގަނެގެން އަލުން ކޮޅަށް ޖަހާނެ ފަރާތެއް ލިބުމާއެކު އަލުން ފަށާނެކަމަށް ބުންޏަސް އެކަމުގެ އުއްމީދުކުޑަކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެއެވެ. މާދުރު ނޫން މާޒީއެއްގައި ބަނގުރޫޓުވެގެން ހުއްޓާލި އިންޑިޔާގެ އަމިއްލަ އެއްލައިން ކިންގްފިޝާވެސް ދަތުރުތައް ހުއްޓާލީ ވަގުތީ ގޮތުންކަމަށް ބުނެއެވެ. އެހެނަސް، އެ އެއާލައިނަށްވެސް ފަހުން އުދުހެވޭ ގޮތެއް ނުވިއެވެ.

ޖެޓް އެއާވޭޒްގެ ވެއްޓުމަކީ ޔޫއޭއީގެ ގައުމީ އެއާލައިން އިއްތިހާދު އެއާވޭޒްއަށްވެސް ލިބުނު ބޮޑު ގެއްލުމެކެވެ. ޖެޓް އެއާވޭޒްގައި އިއްތިހާދު ގްރޫޕުގެ %24 ހިއްސާ އޮވެއެވެ. ގިނަ ބައެއްގެ ފާޑުކިއުން މިހާރު އިއްތިހާދު ގްރޫޕަށް އަމާޒުވެފައި ވަނީ ޖެޓް އެއާވޭޒް ގައި އެ ގްރޫޕުގެ ހިއްސާ އިތުރުނުކޮށް ބަނގުރޫޓުވާން ދޫކޮށްލާފައި ވާތީއެވެ.  

ދަތުރުތައް ހުއްޓާލުމާ އެކު ޖެޓް އެއާވޭޒްއަށް ކުއްޔަށް ދީފައިވާ 48 މަތިންދާބޯޓު ހޯދަން އެ ބޯޓުތައް ކުއްޔަށް ދީފައިވާ ފަރާތްތަކުން އެދެމުންދާ ކަމުގައި އިންޑިޔާގެ ސިވިލް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

ޖެޓް އެއާވޭޒް ބަނގުރޫޓުވާން ދިމާވި އެންމެ ބޮޑު ސަބަބަކީ އިންޑިޔާގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވާދަވެރިކަން ބޮޑުވެ ސްޕައިސް ޖެޓާއި، އިންޑިގޯއާއި ގޯ އެއާ ފަދަ ބަޖެޓް އެއާލައިންތައް ގިނަވެ ދަތުރުތަކުގެ އަގު ހެޔޮވުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.