އިންޑޮނޭޝިޔާގެ ރިޔާސީ އަދި އާއްމު އިންތިޚާބުގައި ވޯޓުލާން ފަށައިފި

އިންޑޮނޭޝިޔާގައި މިއަދު ބާއްވާ އިންތިޚާބުގައި ވޯޓުލަނީ

އިންޑޮނޭޝިޔާގައި މިއަދު ބާއްވާ ރިޔާސީ އަދި އާއްމު އިންތިޚާބުގައި ޖަކާޓާ ގަޑިން މިއަދު ހެނދުނު 7 ޖެހިއިރު (ރާއްޖޭ ގަޑިން ފަތިހު 5 ޖެހިއިރު) ވޯޓުލާން ފަށައިފިއެވެ. މިއީ އެ ގައުމުގެ ތާރީޚުގައި ރިޔާސީ އިންތިޚާބާއި، އާއްމު އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ދުނިޔޭގައި އެއް ދުވަހެއްގައި އެންމެ ބޮޑު މި އިންތިޚާބުގައި 192 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، ވޯޓުލާ 8 ލައްކަ މަރުކަޒު ވަނި ގާއިމުކުރެވިފައެވެ.

ދެ އިންތިޚާބު އެއްފަހަރާ ކުރިއަށް ދިޔަ ނަމަވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވަނީ ރިޔާސީ އިންތިޚާބަށެވެ. އެ އިންތިޚާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސު ޖޮކޯ ވިދޯދޯއާއި، އޭނާގެ ޒަމާންވީ ވާދަވެރިޔާ ޖެނެރަލް (ރިޓާޔަޑް) ޕްރަބޯވޯ ސުބިއަންޓޯއެވެ. ވިދޯދޯގެ ރަނިންމޭޓަކީ އިންޑޮނޭޝިޔަން އުލަމަ ކައުންސިލްގެ ޗެއާމަން މަޢުރޫފު އަމީނެވެ. އަދި ސުބިއަންޓޯގެ ރަނިންމޭޓަކީ މަޝްހޫރު ވިޔަފާރިވެރިޔާ ސަންޑިއާގާ އުނޯއެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބު ބެލެވެނީ 2104 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ އިއާދަކުރުމެއް ކަމުގައެވެ. އެ ފަހަރުވެސް ވާދަކުރެއްވީ ވިދޯދޯއާއި ސުބިއަންޓޯއެވެ. އެ ފަހަރު ވިދޯދޯ އިންތިޚާބު ކާމިޔާބުކުރެއްވީ %6 ގެ ތަފާތުންނެވެ.

މިހާރުގެ ރައީސު ވިދޯދޯއަށް 10 ސިޔާސީ ޕާޓީއަކުން ތާއީދުކުރާއިރު، މިހާރުގެ ގާނޫނުހަދާ މަޖިލީހުގެ 60% ގޮނޑި ކޮންޓުރޯލުކުރައްވަނީ އޭނާއެވެ. ކުރީގެ ރައީސު ސުހާޓޯގެ ކުރީގެ ދަނބިދަރިކަލުން ސުބިއަންޓޯއަށް ތާއީދުކުރަނީ 5 ސިޔާސީ ޕާޓީއަކުންނެވެ.

އާއްމު އިންތިޚާބުގައި ގާނޫނުހަދާ މަޖިލީހަށާއި، މުނިސިޕަލް ކައުންސިލްތަކަށާއި، ސަރަހައްދީ ކައުންސިލްތަކަށް 20 ހާސް މެންބަރުން ހޮވާއިރު، އެ ގޮނޑިތަކަށް 16 ސިޔާސީ ޕާޓީއަކުން 2 ލައްކަ 45 ހާސް ކެންޑިޑޭޓުން ނެރެފައި ވެއެވެ.

އިންޑޮނޭޝިޔާގެ ގާނޫނުހަދާ މަޖިލިސް، ޕީޕަލްސް ކޮންސަލްޓެޓިވް އެސެންބްލީގައި 560 މެންބަރުން ތިއްބަވައެވެ.

އިސްލާމީ އެންމެ ބޮޑު ގައުމުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މިފަހަރު ދީން ވަރަށް ބޮޑަށް ބޭނުންކުރެވުނުކަން ފާހަގަކުރެވެއެވެ. ދީނަށް ލޯބިކުރާ މީހުން ތާއީދު ހޯއްދެވުމަށްޓަކައި ރައީސު ވިދޯދޯގެ ރަނިންމޭޓަކަށް އައްޔަންކުރެއްވީވެސް ދީނީ އިލްމުވެރިއެއް ކަމުގައިވާ މަޢުރޫފު އަމީނެވެ.

ސުބިއަންޓޯވެސް ވަނީ ދީނީ އިލްމުވެރިންގެ ތާއީދު ހޯއްދެވުމަށް މަސައްކަތްޕުޅުކުރައްވާފައެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ ޢަބްދުއްޞަމަދު ވަނީ ސުބިއަންޓޯއަށް ތާއިދުކުރައްވާކަން އިއުލާންކުރައްވާފައެވެ. އަދި އޭނާ ވަނީ އިންޑޮނޭޝިޔާ 8 ލައްކަ މިސްކިތެއްގައި މިއަދު ފަތިސް ނަމާދަށް ފަހު ދުޢާކުރުމަށް އޭނާއަށް ތާއީދުކުރާ މީހުންނަށް އަންގަވާފައެވެ.

ވޯޓުލުން މެންދުރު ފަހު 1 ޖަހާއިރު ނިމޭގޮތަށް ހަމަޖެހިފައިވާއިރު، އޭގެ ދެ ގަޑިއިރު ފަހުން ފުރަތަމަ ނަތީޖާތައް ލިބެން ފަށާނެކަމަށް ބެލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.