ނަފްސާނީ ބައްޔެއް ކުރިމަތިވިޔަސް ގިނަ މީހުންނަށް ނޭނގޭ: ރައީސްގެ އަނބިކަނބަލުން

އާދަޔާ ޚިލާފަށް ކަންކަމާ ދެރަވެ، ހާސްވެ، ބިރުގަނެ، ރޮވި، ގިނަ ދުވަސްތަކެއް ވަންދެން ކޮޓަރިން ނުވަތަ ގެއިން ނުނުކުމެ، އާއިލާއާއި ރަހުމަތްތެރިންނާ ދުރުގައި، އާންމުކޮށް ސްކޫލަށް ނުވަތަ އޮފީހަށް ސަލާން ބުނެ، އެކަނިވެރި ދިރިއުޅުމެއް އުޅެ، ކުރަން ބޭނުންވާ އެތައްކަމެއް ނުކުރެވިފައިވާ އެތައްބަޔަކު ދިވެހިރާއްޖޭގައި ދިރިއުޅެމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބި ކަނަބަލުން ފަޒުނާ އަޙުމަދު ވިދާޅުވެއްޖެއެވެ.

ރައީސްގެ އަނބިކަނބަލުން ވިދާޅުވީ އެކަންކަމަކީ ނަފްސާނީ ބައްޔެއްގެ ސަބަބުން ކުރިމަތިވާ ކަންތައްތައްކަން މީގެތެރެއިން ގިނަ މީހުންނަށްވެސް އަދި އެމީހުންގެ އާއިލާގެ މެންބަރުންނާއި ރައްޓެހިންނަށް ވެސް ނޭނގޭކަންކަން ކަމަށެވެ.

އެކަނަމަނާ މިހެން ވިދާޅުވީ ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ "ނަފްސާނީ ދުޅަހެޔޮ" ކެންޕެއިން އިފްތިތާހު ކޮށްދެއްވުމަށް ހޮޓެލްޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

މީގެ އިތުރުން މިފަދަ ބައްޔެއް ހުރިކަން އެނގުނު ނަމަވެސް އެމީހެއްގެ އެފަދަ ބައްޔެއް ހުރިކަމަށް ބުނަން ބޭނުންވަނީ މަދުބައެއް  ކަމަށާއި ނަފްސާނީ ބަލިތަކާމެދު ހޭލުންތެރިކުރުމުގެ ވާހަކަ ޤައުމީ ފެންވަރެއްގައި ދަންކަންޖެހޭ މައިގަނޑު ސަބަބަކީ އެއީ ކަމަށް ވެސް ވިދާޅުވިއެވެ.

ނަފްސާނީ ބަލިތަކުގެ ހާލަތު ދުނިޔޭގައި އޮތް މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ އެކަމަނާ ވިދާޅުވީ ދުނިޔޭގައި ކޮންމެ 4 މީހުންގެ ތެރެއިން އެކަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހެއްކަމަށް ބެލެވޭކަމުގައެވެ. އަދި ރާއްޖޭގައި މިދާއިރާއިން ކުރެވިފައިވާ މަދު ދިރާސާތަކުން ލަފާކުރެވޭގޮތުގައި ރާއްޖޭގައި ވެސް މި ނިސްބަތް އެހާވަރުގައި ހުރިކަން އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޖިސްމާނީ ބަލިތަކާ އަޅާބަލާއިރު ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާގެ ވަޞީލަތްތައް މަދުކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ ގިނަ ބަލިތަކަކީ ހަމައެކަނި ބޭހެއް ކައިގެން ރަނގަޅުކުރެވޭ ބަލިތައް ކަމުގައި ވީ ނަމަވެސް ހަކުރުބަލި ފަދަ ބަލިތައް ފަދައިން ނަފްސާނީ ބައްޔަކީ ބޭހާއެކު ތެރަޕީވެސް ބޭނުންވާ ބައްޔެއްކަމަށެވެ. މީގެ އިތުރުން މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށްފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު އެމީހަކު އަދާކުރާ ޒިންމާތަކުން ލުޔެއް ދިނުންފަދަ ކަންކަން ފަހި ކުރަންޖެހޭކަންވެސް އެކަމަނާ ވިދާޅުވިއެވެ.

"ނަފްސާނީ ދުޅަހެޔޮ ކެންޕެއިން" އަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް އެއް އަހަރު ދުވަހަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކެންޕެއިން އެކެވެ. ނަފްސާނީ ބަލިތަކަށް ފަރުވާލިބޭނެ ޚާއްޞަ އިންތިޒާމުތައް ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ވަޢުދެކެވެ. މިގޮތުން ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ނެޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދަވައި ނަފުސާނީ ބަލިތަކަށް އާސަންދައިގެ ދަށުން ޚިދުމަތް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.