ޠޫފާން 'އިދާއީ'ން ލިބުނު ގެއްލުން 2 ބިލިއަން ޑޮލަރަށް އަރާ: ވާލްޑް ބޭންކް

ޠޫފާން އިދާއީ އަރައި މޮޒަންބީކުގެ ބަނދަރު ރަށެއް ކަމުގައިވާ ބެއިރާ ސުންނާފަތިވެފައި

ދެކުނު އިރުމަތީ އެފްރިކާގެ މޮޒަމްބީކް، ޒިމްބާބްވޭ އަދި މަލާވީއަށް ފާއިތުވި މާރިޗު މަހު އެރި ޠޫފާން 'އިދާއީ ގެ ސަބަބުން ލިބުނު ގެއްލުން 3 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމުގައި ވާލްޑް ބޭންކުން ބުނެފިއެވެ.

އަންދާޒާތަކުން ދައްކާގޮތުގައި ވަތުއޮނިގަނޑަށާއި، ގެބިސީތަކަށް ލިބުނު ގެއްލުން މަރާމާތުކުރުމަށް 2 ބިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމުގައި ވާލްޑް ބޭންކުން ނެރުނު ބަޔާންގައި ފާހަގަކޮށްފައި ވެއެވެ.

"އެންމެ ބޮޑަށް އަސަރުކުރި ސަރަހައްދުތައް މުޅިންހެން ހަލާކުވެފައިވާއިރު، އަދާއި ހަމައަށް 3 މިލިއަނަށްވުރެ ގިނަ މީހުންނަށް އަސަރު ފޯރާފައި ވޭ." އެ ބަޔާނުގައި ވެއެވެ.

ޠޫފާން 'އިދާއީ' އެންމެ ފުރަތަމަ އެރި އަދި އެންމެ ބޮޑަށް ގެއްލުންވި ގައުމު ކަމުގައިވާ މޮޒަންބީކުގެ އިމާރާތްތަކާއި މުދަލާއި ތަކެއްޗަށް ލިބުނު ގެއްލުން 773 މިލިއަން ޑޮލަރަށްވުރެ ބޮޑެވެ.

މޮޒަންބީކާ ބެހޭ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ނެރުނު ބަޔާނެއްގައި ވާގޮތުން ޠޫފާނުން ލިބުނު ގެއްލުމުގެ ސަބަބުން މިއަހަރު އެގައުމުގެ އިގްތިސާދީ ކުރިއެރުން 2 އިން ސައްތަ ދަށްވާނެއެވެ.

އެ ގައުމުގައި 600 މީހުން މަރުވެ 1.5 މިލިއަން މީހުންނަށް އަސަރު ފޯރާފައި ވެއެވެ. ޒިންބާބްވޭގައި ޠޫފާނުގެ ސަބަބުން 344 މީހުން މަރުވިއެވެ.

ވާލްޑް ބޭންކުން ބުނެފައިވާ ގޮތުގައި މޮޒަންބީކުގެ ބަނދަރު ރަށެއް ކަމުގައިވާ ބެއިރާއާއި މަލާވީ، ޒެންބިއާ އަދި ޒިންބާބުވޭ ގޮޅުވައިދޭ މަގު ހަލާކުވުމުގެ ސަބަބު އެ ސަރަހައްދުގައި ތެލާއި، ގޮދަނާއި އެހެނިހެން މުދާ އެއްތަނުން އެނެއް ތަނަށް އުފުލުމަށް ވަނީ ހުރަސް އެޅިފައެވެ.

ހާލުގައި ޖެހިފައި ތިބީ މީހުންނަށް ކުރިއަށް އޮތް ތިން މަސްދުވަހު އަވަސް އެހީ ފޯރުކޮށްދިނުމަށް 282 މިލިއަން ޑޮލަރު ބޭނުންވާކަމަށް އދ.ން ވަނީ ބުނެފައެވެ.

އަނެއްކޮޅުން ނެމީބިޔާގެ ވެރިރަށް ވިންޑްހޮކްގައި ބޭއްވި ބައްދަލުވުމަކަށް ފަހު ސަދަން އެފްރިކާ ޑިވޮލޮޕްމަންޓް ކޮމިއުނިޓީ (އެސްއޭޑީސީ) އިން ބުނެފައިވާ ގޮތުގައި ޠޫފާނުގެ އަސަރުކުރި ތިން ގައުމު އާއްމު ހާލަތަށް ގެނައުމަށް 300 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވެއެވެ.

އެސްއޭޑީސީގެ މިދައުރުގެ ރައީސު އަދި ނެމީބިޔާގެ ރައީސު ހާގޭ ގޭންގޮބް ވިދާޅުވީ މިފައިސާ ހޯދުމަށް ފަންޑެއް ހުޅުވާފައިވާ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.