ދިރާގަކީ ރަށްރަށުގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރާ ޚިދުމަތްތެރިއެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެއްޖެ

ފޮޓޯ: ދިރާގު

ދިރާގަކީ ރަށްރަށުގެ ތަރައްގީގެ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށާއި، ރަށްރަށުގެ ވިޔަފާރިތައް ކުރިއެރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ޚިދުމަތްތެރިއެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 75 އިންސައްތަ ގޭބިސީއަށް ދިރާގު ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދެވުމުގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިރާގަކީ މާލެ އާއި ދުރު އަތޮޅުތަކުގައްޔާއި ރިސޯޓު ތަރައްގީ ކުރުމުގައި ދިރާގުގެ ޚިދުމަތްތައް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ސަރުކާާރުން އަމާޒު ހިފާފައިވަނީ ސުމޭކީ ފަންނިއްޔާތުގެ މަންފާ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފުޅާކޮށް ވީހައިވެސް ގިނަ ރައްޔިތުންނަށް ޚިދުމަތް ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ފަދަ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ގައުމެއްގެ މުޅި އާބާދީ އަށް އެއް ފެންވަރެއްގައި މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް ދިރާގުން ޒަމާނީ ލުއިފަސޭހަ ކަމާއެކު އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކަން ރައީސް ފާހަގަކުރެއްވިއެވެ.

"އޭގެ އެންމެ އަލިގަދަ ހެތްކަކީ، ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަރނެޓްގެ ޚިދުމަތް، ދިރާގުން މުޅި ރާއްޖެއަށް މިހާރު ފޯރުކޮށްދެމުން އަންނަކަން. ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށްޓަކައި ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދައިދީ، ތަރައްޤީގެ ރާސްތާގައި ކުރިމަތިވާ ގޮންޖެހުންތައް ގިރާކުރުމަށްޓަކައި، އީޖާދީ ޙައްލުތައް ހޯދައިދިނުމަށް ފަށާފައިވާ މަސައްކަތުގައި، ދިރާގު އަންނަނީ ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅަމުން"، ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ދިރާގުގެ ކާމިޔާބީތަކުގެ ސަބަބުން އިޖުތިމާއީ، އިގްތިސާދީ ތަރައްގީ އަށް ވަރަށް ބޮޑު ދިރުމެއް އައިސްފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެ އާއެކު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އެއް ސަފެއްގައި ފައި ހަމަ ކުރުމުގެ ގާބިލުކަން ރާއްޖެއަށް ލިބިފައިވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެން ކަމުން އެކާވީސްވަނަ ގަރުނުގެ ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް ދިރާގާއެކު އަޅުގަނޑުމެންނަށް ދެވޭނެކަން މިހާރު ޔަގީން"، ރައީސް ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.