ޗައިނާގެ ވަން ރޯޑް ވަން ބެލްޓް މަޝްރޫއުގެ ބައެއްގެ ގޮތުގައި މެލޭޝިޔާގައި ހިންގަމުން އައި އީސްޓް ކޯސްޓް ރޭލް ލިންކް (އީސީއާރްއެލް) މަޝްރޫ އަލުން ފަށަން ދެ ގައުމުން އެއްބަސްވެއްޖެއެވެ.
2017 ވަނަ އަހަރުގެ ޖުލައި މަހު ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޑރ. މަހާތީރު ބިން މުޙައްމަދު ވަނީ، ނަޖީބު ރައްޒާޤުގެ ސަރުކާރުން ރޭލްވޭ މަޝްރޫއު ޗައިނާއާއި ހަވާލުކޮށްފައި ވަނީ މާ ބޮޑު އަގުގައިކަމަށް ބުނެ އެ މަޝްރޫއު މަޑުޖައްސާލަން އަންގަވާފައެވެ. އޭރު މަހާތީރު ވިދާޅުވައިވަނީ އެއީ "އިންސާފުން އެއްކިބާވެފައިވާ"، ދައުލަތަށް ބޮޑު ބުރައަކަށް ވެފައިވާ މަޝްރޫއެއް ކަމުގައެވެ.
މި މަޝްރޫއު އަލުން ކުރިއަށް ގެންދަން ޗައިނާއާއި މެލޭޝިޔާ އެއްބަސްވީ އާ ޝަރުޠުތަކަކާއެކު، މަޝްރޫއުގެ އަގުގެ ތިންބައިކުޅަ އެއްބައި ކުޑަކުރުމަށް ފަހުގައެވެ. ޗައިނާއިން މިކަމަށް އެއްބަސްވީ ޑރ. މަހާތީރުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ބެއިޖިންގަށް މިހާރު ވަޑައިގެން އުޅުއްވާ ދާއިމް ޒައިނުއްދީން ޗައިނާގެ އިސް ވެރިންނާއެކު ބޭއްވެވި މަޝްވަރާތަކަށް ފަހުގައެވެ.
ކުރީގެ ސަރުކާރުން ޗައިނާއާއި 65 ބިލިއަން ރިންގިޓަށް (15.8 ބިލިއަން އެމެރިކާ ޑޮލަރަށް) ހަވާލު ކުރި 688 ކިލޯމީޓަރުގެ (430 މޭލުގެ) ރޭލްވޭ މަޝްރޫއުގެ އަގު ޗައިނާއިން މިހާރު ވަނީ 44 ބިލިއަން ރިންގިޓަށް (10.7 ބިލިއަން އެމެރިކާ ޑޮލަރަށް) ކުޑަ ކުރަން އެއްބަސްވެފައެވެ.
"މި އަގު ކުޑަކުރުމުން ޔަގީނުންވެސް މެލޭޝިޔާއަށް ފައިދާކުރާނެ. އަދި ގައުމުގެ މާލީ ހާލަތުގެ މައްޗަށް އޮތް ބުރަ ކުޑަވެގެން ދާނެ." ބޮޑުވަޒީރު ޑރ. މަހާތީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވެއެވެ.
ބެއިޖިންގގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލޫ ކަންގ ބުނީ އެ މަޝްރޫއާ މެދު ދެގައުމުން ގާތުން މަޝްވަރާކުރަމުން ދިޔަ ކަމުގައެވެ.
"އަހަރުމެންވެސް އުއްމީދުކުރަނީ ދެ ގައުމަށް އަވަސް ތާރީޚެއްގައި މަޝްރޫއުގެ މަސައްކަތް ފަށައިގަނެ، މި ރަނގަޅު ހާލަތު ރޭވުންތެރިކަމާއެކު ދަމަހައްޓައި، ދެގައުމަށް ފައިދާވާނެ ދާއިރާތައް އިތުރުކުރުމަށް." އޭނާ ބުންޏެވެ.
ގިނަ ބަޔަކު ދެކެނީ ރޭލްވޭގެ މަޝްރޫއު 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އާދަޔާ ޚިލާފު ބޮޑު އަގަކަށް ޗައިނާއާއި ހަވާލުކުރީ ކޮރަޕްޝަން ހިމެނޭ ގޮތަށް ކަމުގައެވެ.
މަޝްރޫއު އަލުން ކުރިއަށް ގެންދަން އެއްބަސްވުމަށް ފަހު ބެއިޖިންގގައި ވާހަކަފުޅު ދައްކަވަމުން ދާއިމް ޒައިނުއްދީން ވިދާޅުވީ މަޝްރޫއު ކުރިއަށް ދާނީ ރޭލްވޭ ދެ ޓްރެކް ހިމެނޭގޮތަށް ކަމަށާ، މަޝްރޫއު ފެށިއިރު ކަނޑައަޅާފައި އޮތް 688 ކިލޯމީޓަރުން މިހާރު 40 ކިލޯމީޓަރު އުނިކޮށްފައިވާ ކަމަށެވެ.
އީސްޓް ކޯސްޓް ރޭލް ލިންކް (އީސީއާރްއެލް) އަކީ މެލޭޝިޔާގެ ދެކުނުގައި އޮންނަ ޕޯޓްކްލާންގއާއި އުތުރުގައި އޮންނަ ޕެންގކަލަން ކުބޯރު ގުޅުވައިދޭ ރޭލްވޭއެކެވެ.