ލަންޑަނުގެ މެޓްރޮޕޮލިޓަން ފުލުހުން އިއްޔެ ހެނދުނު 9 ޖެހިއިރު އެކުއަޑޯރ އެންބަސީތެރެއިން ހައްޔަރުކޮށްގެން ނެރުނު ޖޫލިއާން އަސާންޖުގެ މައްޗަށް އިނގިރޭސިވިލާތުގެ ކޯޓުގައި ދައުވާ އުފުލާފައި ވަނިކޮށް އެމެރިކާއިންވެސް އޭނާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
2016 ވަނަ އަހަރު ވިކިލީކްސް އުފައްދައި، މިހާތަނަށް ދުނިޔޭގައި ސަރުކާރުތަކުގެ އެންމެ ގިނަ ސިއްރުތައް އާއްމުކުރި ޖޫލިއާން އަސާންޖް ސިޔާސީ ހިމާޔަތް ހޯދައިގެން ލަންޑަނުގައި ހުންނަ އެކުއަޑޯރ އެންބަސީގައި ދިރިއުޅެމުން އައިސްފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ ހައްޔަރުކުރީ އެކުއަޑޯރއިން އޭނާއަށް ދީފައިއޮތް ސިޔާސީ ހިމާޔަތް އުވާލައި، އެންބަސީއަށް ވަނުމުގެ ހުއްދަ އިނގިރޭސި ފުލުހުންނަށް ދިނުމުންނެވެ.
އެކުއަޑޯރގެ ރައީސު ލެނިން މޮރޭނޯ ވިދާޅުވިގޮތުގައި އަސާންޖަށް ދީފައި އޮތް ސިޔާސީ ހިމާޔަތް އުވާލަންޖެހުނީ އޭނާ ހިމާޔަތް ދިނުމުގެ ޝަރުޠުތަކާ ޚިލާފުވެ އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާ ބެހެން ފެށުމުންނެވެ. އަދިވެސް އޭނާ ވިދާޅުވިގޮތުގައި އަސާންޖް ވަނީ ހުއްދަނޫން އިލެކްޓްރޯނިކް ސާމާނު އެންބަސީގައި ހަރުކުރުމުގެ އިތުރަށް ހުއްދަ ނެތި އެންބަސީގެ ސެކިރިޓީ ފައިލުތަކެއްވެސް ބަލާފައެވެ.
އިއްޔެ ލަންޑަނުގެ ވެސްޓްމިންސްޓަރ މެޖިސްޓްރޭޓްސް ކޯޓުގައި އޭނާގެ މައްޗަށް ވަނީ 2012 ވަނަ އަހަރު އޭނާއަށް ދެވުނު ކަފާލާތުގެ އުސޫތަލާއި ޚިލާވުވުމާއި، ކޯޓަށް ހާޒިރުވެ އަމިއްލައަށް ހަވާލުނުވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ ކުށުގައި އޭނާގެ މައްޗަށް ހުކުމް އިއްވުން އޮންނާނީ ފަހުންނެވެ.
އަސާންޖް އިއްޔެ ހައްޔަރުކުރުމާއެކު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުންވެސް ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލާފައެވެ. އެ ޑިޕާޓްމަންޓުން ބުނިގޮތުގައި އަސާންޖްގެ މައްޗަށް އުފުލާފައި ވަނީ އެމެރިކާ ސިފައިންގެ ކުރީގެ އެނަލިސްޓް ޗެލްސީ މެނިންގާ ގުޅިގެން އެމެރިކާ ސަރުކާރުގެ ކޮމްޕިއުޓަރުތަކަކުން މައުލޫމާތު ނަގަން ރޭވުމުގެ ކުށުގެ ދައުވާއެވެ. އެދައުވާ ފާއިތުވި އަހަރު ތައްޔާރުކޮށްފައި އޮތް ނަމަވެސް، ދައުވާ އުފުލީ އޭނާ އިއްޔެ ހައްޔަރުކުރުމުންނެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން އަސާންޖްގެ މައްޗަށް ދައުވާ އުފުލިނަމަވެސް އޭނާ އެމެރިކާއާ ހަވާލުކުރުމާމެދު އިނގިރޭސިވިލާތުން އަދި ވަކި ގޮތެއް ނުނިންމައެވެ.
2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި، އޭރުގެ ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަންގެ އީމޭލްތައެކް ވިކިލީކްސްއިން ބޭޒާރުކޮށްލުމުން އޭރުގެ ރިޕަބްލިކަން ކެންޑިޑޭޓް އަދި މިހާރުގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ "އަހަރެން ވިކިލީކްސް ދެކެ ލޯބިވަން" ކަމުގައެވެ. އެހެންނަމަވެސް އިއްޔެ އަސާންޖް ހައްޔަރުވުމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ "ވިކިލީކްސްއާ ބެހޭ އެއްވެސް ކަމެއް އަހަރެންނަކަށް ނޭނގޭ. އެއީ އަހަރެންނާ ބެހޭ ކަމެއް ނޫން." ކަމުގައެވެ.