ވިކިލީކްސްގެ ބާނީ ޖޫލިއާން އަސާންޖް ހައްޔަރުކޮށްފި

ލަންޑަނުގައި ހުންނަ އެކުއަޑޯރގެ އެންބަސީގައި ހުރި ވިކިލީކްސްގެ އެއް ބާނީ ޖޫލިއާން އަސާންޖް ހައްޔަރުކޮށްފިއެވެ.

ފާއިތުވި ހަތް އަހަރު އޭނާ ދިރިއުޅުނީ އެ އެންބަސީގެ ހިމާޔަތް ހޯދައިގެން އެތަނުގައެވެ. އޭނާ އެތަނުގައި ހިމާޔަތް ހޯދީ އޭނާއާ ދެކޮޅަށް ސުވިޑަންގައި އުފުލި ޖިންސީ ގޯނާކުރުމުގެ ދައުވާއަކަށް ފަހުއެވެ. އެ ދައުވާ މިހާރު ވަނީ އަނބުރާ ނަގާފައެވެ.

ލަންޑަން މެޓްރޮޕޮލިޓަން ޕޮލިސްއިން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ 29 ޖޫން 2012 ގައި ވެސްޓްމިންސްޓަރ މެޖިސްޓްރޭޓްސް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.

"އޭނާ ވަނީ ލަންޑަނުގެ މެދުތެރޭގައި ހުރި ޕޮލިސް ސްޓޭޝަނެއްގައި ހައްޔަރުކޮށްފައި. ވީހާ އަވަހަކަށް ވެސްޓްމިންސްޓަރ މެޖިސްޓްރޭޓްސް ކޯޓަށް ހާޒިރުކުރެވެންދެން އޭނާ ހުންނާނީ އެތަނުގައި." ފުލުހުންގެ ބަޔާނުގައި ވެއެވެ.

އަސާންޖް ހައްޔަރުކުރީ އެކުއަޑޯރ އިން އޭނާއަށް ދީފައި އޮތް ސިޔާސީ ހިމާޔަތް އަނބުރާ ނެގުމުންނެވެ.

އޮސްޓްރޭލިޔާގެ އިންޓަނެޓް އެކްޓިވިސްޓެއް ކަމުގައިވާ ޖޫލިއާން އަސާންޖް އައިސްލޭންޑްގެ ތަހުގީގީ ނޫސްވެރިޔާ ކްރިސްޓިން ރާފްންސަންއާ ގުޅިގެން ވިކިލީކްސް އުފެއްދީ 4 އޮކްޓޯބަރު 2012 ގައެވެ.

ވިކިލީކްސްއިން ދުނިޔޭގެ އެތައް ގައުމަކާ ގުޅުން ހުރި ގިނަ ސިއްރު ލިޔުންތަކެއް ލީކުކޮށްލާފައެވެ. ތަފާތު ގައުމުތަކުގެ ތަހުގީގީ އިދާރާތަކުން ދަނީ އަސާންޖްގެ މައްޗަށް ތަހުގީގު ހިންގަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.