ސެމީ އޮޓޮމެޓިކް އަދި އަސްކަރީ ބޭނުންތަކަށް ބޭނުންކުރެވޭ ޒާތުގެ ބަޑި ގެންގުޅުން މަނާކުރާ ގާނޫނެއް ނިއުޒީލޭންޑުގެ ގާނޫނުހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ. މި ގާނޫނު ފާސްކޮށްފައި މިވަނީ ހައްދު ފަހަނައަޅާފަވާ ހަރުކަށި ޚިޔާލުގެ މީހަކު ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާގައި 50 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވި ހާދިސާއަށް މައްސަރެއްވެސް ނުވަނީހެވެ.
މި ގާނޫނު ފާސްކުރާ ވާހަކަ ބަޑީގެ ހަމަލާ ދިން ދުވަހުގެ ފަހުދުވަހު ފުރަތަމަ ދެއްކެވީ ނިއުޒީލޭންޑުގެ ބޮޑުވަޒީރު ޖެސިންޑާ އާޑާންއެވެ.
"އަހަރުމެން މިތާ މިތިބީ އެމީހުން (މިސްކިތްތަކަށް ދިން ހަމަލާގައި މަރުވި މީހުން) ގެ ސަބަބުން. އަހަރެން ގަބޫލުކުރާ ގޮތުގައި އެ މީހުން މިތާނގައި އަހަރުމެންނާއެކު އަހަރުމެން މިކުރާ ކަމަށް ތާއީދުކުރަން އެބަތިބި." ގާނޫނުހަދާ މަޖިލިސް، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު އާޑާން ވިދާޅުވިއެވެ.
މަޖިލީހުގެ 120 މެންބަރުންގެ ތެރެއިން 119 މެންބަރަކު ތާއީދުކުރެއްވި އަދި އެންމެ މެންބަރަކު ދެކޮޅު ހެއްދެވި ބިލްގައި ވާގޮތުން އޮޓޮމެޓިކް ހަތިޔާރާއި، ސެމީ އޮޓޮމެޓިކް ހަތިޔާރާއި، އާދައިގެ ބަޑި އެފަދަ ހަތިޔާރަށް ބަދަލުކުރަން ބޭނުންކުރެވިދާނެ ބައިތައ ގެންގުޅުން މަނާކުރެވޭނެއެވެ. މިބިލް ގާނޫނަކަށް ވާނީ ގަވަރުނަރު ޖެނެރަލް ޕެޓްސީ ރެޑީ މާދަމާ ތަސްދީގުކުރެއްވުމުންނެވެ.
"ބަޑިޖަހައިގެން ލިބުނު އެންމެ ޒަޚަމެއްވެސް އަހަރެންނަށް ހަނދާނަށް ގެނެވެނީ ވަރަށް އުނގުލުން.... އެމީހުން މުޅި އުމުރަށް އުޅެން ޖެހޭނީ ނުކުޅެދުންތެރިކަމާއެކު. އަދި އެއީ އެކަމުން ލިބުނު ނަފްސާނީ ގެއްލުމާމެދު ވިސްނުމުގެ އިތުރަށް. އަހަރުމެން މިތާ މިތިބީ އެމީހުންނަށްޓަކައި." އެ ބިލާ ބެހޭގޮތުން ވަރަށް އަސަރާއެކު ވާހަކަފުޅުދައްކަވަމުން އާޑާން ވިދާޅުވިއެވެ.
"އެފަދަ ސުންނާފަތިކަމެއް ގެންނަ، ފުޅާ ދާއިރާއެއްގައި މީހުން މަރާ ހަތިޔާރު ގާނޫނީ ގޮތުން މި ގައުމުން ހޯދީ ކިހިނެއްކަން އަހަރެންނަށް ނުވިސްނޭ. " އޭނާ ވިދާޅުވިއެވެ.
އޮސްޓްރޭލިޔާގެ އުމުރުން 28 އަހަރުގެ ރައްޔިތެއް ކަމުގައިވާ ބްރެންޓަން ޓެރެންޓުގެ މައްޗަށް މިހާރު ވަނީ 50 މީހުން މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
ބަޑިޖެހުމުގެ ހާދިސާއަށް ފަހު ގެންގުޅުއްވި ސިޔާސަތާއި، ދެއްކެވި އޯގާތެރިކަމުގެ ސަބަބުން ދުނިޔޭގެ ތައުރީފު ލިބިވަޑައިގަތް އާޑާންވަނީ ބަޑި ގެންގުޅުން މަނާކުރާ ގާނޫނަށް ހުރިހާ ޕާޓީއެއްގެ ތާއީދު ހޯއްދަވާފައެވެ. އޭނާއާ ދެކޮޅު ހެއްދެވީ ކަނާތުފިޔައިގެ އޭސީޓީ ޕާޓިގެ ފަރާތުން ގާނޫނުހަދާ މަޖިލީހުގައި އިންނަވާ ހަމައެކަނި މެންބަރެވެ.
"މިއީ އަހަރުމެންގެ ގައުމަކީ އަމާން ތަނަކަށް ހަދާން އަޅާ ގިނަ ފިޔަވަޅުތަކެއްގެ ތެރެއިން ފުރަތަމަ ފިޔަވަޅު." ޕޮލިސް މިނިސްޓަރު ސްޓުއާޓް ނާޝް ވިދާޅުވިއެވެ.
"މިކަމުން އަހަރުމެންގެ މުޖްތަމައަށް (ނިއުޒީލޭންޑުގެ މުސްލިމުންނަށް) އަންގައިދެނީ ކްރައިސްޓްޗާޗުގައި ހިނގައިދިޔަ ކަންތަކާ މެދު އަހަރުމެންގެ ސަރުކާރުން ސީރިއަސްކޮށް ވިސްނާކަން. އަދި މި ގާނޫނަކީ އެކަމުގެ ޝިކާރައަކަށްވި އާއިލާތަކަށް އިންސާފު ލިބޭނެކަން އެމީހުންނަށް ބުނެދިނުމަށް ކުރެވޭ މަސައްކަތުގެ ބައެއް." ބަޑި ގެންގުޅުން މަނާކުރާ ގާނޫނާ ބެހޭގޮތުން ވާހަކަދައްކަވަމުން އިސްލާމިކް އެސޯސިއޭޝަން އޮފް ނިއުޒީލޭންޑްގެ ރައީސު މުސްޠަފާ ފާރޫޤު ވިދާޅުވިއެވެ.