އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމު 'ޕީއެމް ނަރެންދްރަ މޯދީ' އެގައުމުގައި މާދަމާއިން ފެށިގެން ބާއްވަން ހަމަޖެހިފައިވާ އާއްމު އިންތިޚާބު ނިމެންދެން ދެއްކުން އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު މަނާކޮށްފިއެވެ. އިންތިޚާބު ބާއްވާ ފަހު ދުވަހަކީ މޭ މަހުގެ 19 ވަނަ ދުވަހެވެ.
"އިންތިޚާބުގެ ތެރޭގައި ހަމަހަމަކޮށް މަސައްކަތްކުރަން ކުރަން އޮތް ޖާގައަށް ބުރޫއަރާ ފަދަ އެއްޗެއް އިލެކްޓްރޯނިކް މީޑިޔާއިން ދެއްކުން މަނާ" ކަމުގައި އީސީން ނެރުނު އަމުރުގައި ވެއެވެ. އަދި "އިންތިޚާބު އާއްމުގޮތެއްގައި ކުރިއަށްދާ ގޮތަށް އަސަރުކުރާހެން މީޑިޔާގެ ބާރު ބޭނުންނުކުރުމުގެ" މުހިއްމުކަން ވެސް އެ އަމުރުގައި ބަޔާންކޮށްފައި ވެއެވެ.
އެންޑީޓީވީއަށް މައުލޫމާތު ދެއްވަމުން އީސީގެ އިސް ބޭފުޅަކު ވިދާޅުވީ އިންތިޚާބުގެ ދުވަސްވަރު ނަމޯ ޓީވީ ދެއްކުންވެސް މަނާވާނެ ކަމުގައެވެ. ނަމޯ ޓީވީ އަކީ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އޭނާގެ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ޕްރޮމޯޓުކުރާ ޓީވީ ސްޓޭޝަނެކެވެ.
މާދަމާ ނެރެން ހަމަޖެހިފައި އޮތް ފިލްމު ނެރުން ހުއްޓުވައިދިނުން އެދި އިދިކޮޅު ކޮންގްރެސް ޕާޓީން އިންޑިޔާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން އިއްޔެ ވަނީ ބޭރުކޮށްލައިފައެވެ. ކޯޓުން ބުނީ އެކަހަލަ "ތާނކުންތާނކު ނުޖެހޭ މައްސަލަތަކުގައި މާގިނަ ވަގުތު ބޭކާރު" ކުރެވެން ނެތް ކަމަށެވެ. އަދި އެ ފިލްމުގެ ސަބަބުން އިންތިޚާބުގެ ހަމަހަމަކަން ގެއްލިދާނެތޯ ނިންމާނީ އިލެކްޝަން ކޮމިޝަނުން ކަމުގައެވެ.
އިއްޔެ ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމާއެކު ފިލްމު ސެންސަރު ބޯޑުންވެސް އެ ފިލްމު ދެއްކުމުގެ ހުއްދި ދިނެވެ.
އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކްސަބާގެ 534 މެންބަރުން ހޮވުމަށް މިއަހަރު ބާއްވާ އާއްމު އިންތިޚާބުގެ ފުރަތަމަ ފިޔަވަހީގައި މާދަމާ ވޯޓު ލާނީ 81 މެންބަރު ހޮވުމަށެވެ. މާދަމާ ވޯޓުލާ ދާއިރާތަކުގެ ތެރޭގައި އާންދްރާ ޕްރަދޭޝްއާއި ތެލަންގާނާގެ ހުރިހާ ދާއިރާތައް ހިމެނޭއިރު 16 ސްޓޭޓަކާއި، 2 ޔުނިއަން ޓެރިޓަރީއެއްގެ ދާއިރާތައް ހިމެނޭނެއެވެ.