ޖޫ-ޖިޓްސޫގެ ފުރަތަމަ ބައިނަލްއަޤުވާމީ މުބާރާތުން ވެސް 4 ރިއްސާއި، ހަތް ލޯމެޑަލް ހޯދައިފި

ރާއްޖޭގެ ޖޫ-ޖިޓްސޫ އެސޯސިއޭޝަން ބައިވެރިވި ބައިވެރިވި ފުރަތަމަ ބައިނަލްއަޤުވާމީ ޖޫ-ޖިޓްސޫ މުބާރާތުން ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބެއް ހޯދައިފިއެވެ.

ރާއްޖެ ބައިވެރިވި ފުރަތަމަ ބައިނަލް އަޤުވާމީ މުބާރާތަކީ ޖޫ-ޖިޓްސޫ އޭޝިއަން ޔޫނިއަނުން އިންތިޒާމްކޮށްގެން އިންޑިއާގެ ޗެންނާއީގައި ބޭއްވި ސައުތު އޭޝިއަން އޯޕަން އިންވިޓޭޝަނަލް މުބާރާތެވެ. މި މުބާރާތުގައި ރާއްޖޭގެ 9 އެތުލީޓުން ބައިވެރިވި ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ޙުސައިން ޒާހިރު ވިދާޅުވިއެވެ. އެ ކުދިންގެ ތެރޭގައި ހިމެނެނީ 17 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނެވެ.

މިމުބާރާތުން ރާއްޖެވަނީ 4 ރިހިމެޑައްޔާއި 7 ލޯ މެޑަލް ހޯދައިފައެވެ. ޙުސައިން ޒާހިރު ވިދާޅުވީ މިމުބާރާތުގައި 10 އެތުލީޓުން ބައިވެރިވި ކަމަށެވެ. އެހެންނަމަވެސް އެކަކު ރާއްޖެއަށް އަންނަން ޖެހިގެން އޭނާއަށް ބައިވެރި ނުވެވުނެވެ. ރާއްޖެއިން ބައިވެރިވި ޓީމުގައި ހިމެނެނީ 2 އަންހެން އެތުލީޓުންނާއި 7 ފިރިހެން އެތުލީޓުންނެވެ.

އޭގެ ތެރެއިން މުޙައްމަދު ނިޝާލް ވަނީ އޭނާ ބައިވެރިވި ޖޫ-ޖިޓްސޫ ފައިޓިންގެ 62 ދެ ކިލޯއަށްވުރެ ދަށުގެ ކެޓަގަރީން ރިހިމެޑަލް ހޯދައިފައެވެ. ޙުސައިން ޒާހިރު ރިހިމެޑަލް ހޯދީ 77 ކިލޯއަށްވުރެ ދަށް ކެޓަގަރީންނެވެ. ޖޫ-ޖިޓްސޫ ޑުއޯ ޝޯއިން މުޙައްމަދު ޝާން ޙަސަން ވެސް ވަނީ ރިހި މެޑަލް ހޯދައިފައެވެ.  ޖޫ-ޖިޓްސޫ ކޮންޓެކްޓް 45 ކިލޯއަށްވުރެ ދަށް ކެޓަގަރީން ރިހިމެޑަލް ހޯދީ ފާތިމަތު ޝަހާ ޙަސަން ކަމަށް ވެސް ޙުސައިން ވިދާޅުވިއެވެ.

"މި މުބާރާތުގައި އޮންނާނީ އެކަކު އަނެކަމަށް ވާދަކޮށް ވައްޓާލުމާއި ލޮކް އެޅުވުން ފަދަ ކަންކަން. މީގައި ވާދަކުރާނީ އެކުއްޖަކާ ބަރުދަނުގެ ގޮތުން އެއްވަރު މީހަކާ. މިސާލަކަށް ފަންސާހާއި، ފަސްދޮޅަސް ހަތަކާ ދޭތެރޭގެ ވެއިޓް ކެޓަގަރީ، އެ ކެޓަގަރީ ކުދިންނާ ވާދަކުރާނީ. އެ ކެޓަގަރީން މިލިބެނީ ވަނަތަކެއް. ދެން ދާނީ އެހެން ކެޓަރީއަކަށް،" ޙުސައިން ޒާހިރު ވިދާޅުވިއެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވެފައިވަނީ ސްރީލަންކާ، އިންޑީއާ، ބަނގްލަދޭޝް، އަފްޣާނިސްތާން، ކޮރެއާ ބޫޓާން، ބުރެޒިލް، ބަހުރައިނެވެ. ރާއްޖެއިން މިމުބާރާތަށް ފުރީ މާރިޗު 28 ގައެވެ.

މިދަތުރުގައި އެ އެސޯސިއޭޝަނުން ވަނީ އިންޑިއާގައި ކުރިއަށްގެންދިޔަ ސައުތު އޭޝިއަން ރީޖަނަލް ރެފްރީ ސެޓިފިކޭޝަން ސެމިނާގައި ބައިވެރިވެފައެވެ. އޭގައި ބައިވެރިވެ ޓެސްޓު ހަދައިން ފާސްވެގެން ފަސް މީހަކު ވަނީ ރީޖަނަލް ރެފްރީސްގެ ސެޓްފިކެޓް ޙާސިލް ކޮށްފައި ކަމަށް ވެސް ޙުސައިން ވިދާޅުވިއެވެ. ސެޓުފިކެޓު ޙާސިލް ކޮށްފައިވަނީ ފާތިމަތު ޝަހާ ޙަސަން، އަޙުމަދު ޒާޖީ މުޙއްމަދު، އިބްރާހީމް ތަސްލީމް، ޝަހާމާ މުޙައްމަދު، މުޙައްމަދު ޝާން ޙަސަނެވެ.

މި އެސޯސިއޭޝަނަށް މިހާރުވަނީ ޗައިނާގައި އޮންނަ އޭޝިއަން ގޭމްސްގައި ބައިވެރިވުމުގެ ދަޢުވަތުވެސް ލިބިފައެވެ.

މިއަހަރު ނޮވެމްބަރު މަހު އަބޫދާބީގައި ބާއްވާ މުބާރާތެއްގައި ވެސް ޖޫ-ޖިޓްސޫ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް އަދި ހުރިހާ ކަމެއް މުޅިން އަދި ހަމައެއް ނުޖެހެއެވެ. މިއީ ޖަޕާނާއި ބުރެޒިލަށް ނިސްބަތްވާ ކުޅިވަރެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.