މަޙްމޫދު ޢައްބާސުގެ ދަށަށް ޣައްޒާ އަލުން ދިޔަނުދޭނަން: ނަތަންޔާހޫ

ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސްގެ ބާރުގެ ދަށަށް ޣައްޒާ އަލުން ދިޔަނުދޭނެކަމަށާ، ފަލަސްޠީނު މީހުން ބައިބައިވެފައި ތިބުމަކީ "ގޯސް ކަމެއް ނޫން" ކަމުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.  

ނަތަންޔާހޫ ދެކޭގޮތުގައި "ޣައްޒާއާމެދު އޮތް ހަގީގީ ޚިޔާރަކީ އެތަން ހިފައިގެން ތިބެ އެތަނުގެ ވެރިކަން ހިންގުމެވެ." 

އޭނާ މި މޭރުމުން ވާހަކަދައްކާފައި ވަނީ އިސްރާއީލުގައި އިބްރީ ބަހުން ނެރޭ ޔިސްރާއީލް ހިޔޯމް ނޫހަށް ދިން ބަސްދީގަތުމެއްގައެވެ. އެ ނޫހުގައި އެ ބަސްދީގަތުން އިއްޔެ ޝާއިއު ކުރިއިރު އިސްރާއީލު އާއްމު އިންތިޚާބަށް ބާކީ އޮތީ ހަތަރު ދުވަހެވެ.  

"ޣައްޒާއާއި ޖޫޑިއާ އަދި ސަމާރިޔާ (ހިފާފައިވާ ހުޅަނގު އައްސޭރި) އާ ވަނީ ގުޅުން ކެނޑިފައި. އެއީ މުޅިން ވިކި ދެ ތަނެއް. އަހަރެންނަށް ވިސްނޭ ގޮތުގައި ދުރު މުސްތަގްބަލަށް ބަލާއިރު އެއީ އިސްރާއީލަށް ގޯސް ކަމެއް ނޫން." ނަތަންޔާހޫ ބުނެފައި ވެއެވެ.  

އިސްރާއީލު ދުށް އެންމެ ހަރުކަށި ބޮޑުވަޒީރުންގެ ތެރޭގައި ހިމެނޭ ނަތަންޔާހޫ ވަނީ 'ގަރުނުގެ އެއްބަސްވުން' ގެ ނަމުގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ހަގީގަތަށް ހައްދަވަން މަސައްކަތްޕުޅުކުރައްވާ ސުލްހައިގެ އެއްބަސްވުން ގަބޫލުކުރުމަށްވެސް ނަތަންޔާހޫ ވަނީ ތިން ޝަރުޠެއް ކަނޑައަޅާފައެވެ.

މި ތިން ޝަރުޠަކީ އިސްރާއީލުން ހުޅަނގު އައްސޭރީގައި ހަދާފައިވާ ހުރިހާ އާބާދީތައް އެގޮތުގައި ދެމެހެއްޓުމާއި، ހުޅަނގު އައްސޭރި އިސްރާއީލުގެ ދަށުގައި ބޭއްވުމާއި، ޤުދްސު ދެބައިނުކުރުމެވެ.

މި މަހުގެ 9 ވަނަ ދުވަހު އާއްމު އިންތިޚާބުގައި އިސްރާއީލު މީހުން ވޯޓުލާއިރު، ނަތަންޔާހޫ ބޭނުންވަނީ އިސްރާއީލަށް ނުރައްކާތައް ކުރިމަތިކުރާ ފަރާތްތައް މައިތިރިކުރަން އޭނާ މަސައްކަތްކުރާކަން ދެއްކުމަށެވެ.

"އަހަރުމެން ދެނެގަންނަން ޖެހޭ ކަމަކީ އަހަރުމެންގެ ވަށައިގެން މިވަނީ ހަރުކަށި އިސްލާމް. އިސްލާމްދީނުގެ ނަމުގައި ނުކުމެއުޅޭ އެންމެ ބޮޑު ބާރަކީ އީރާން. އެމީހުން ދަނީ ނިއުކުލިޔާ ހަތިޔާރު ހޯދުމަށް މަސައްކަތްކުރަމުން. އަހަރެން ދަނީ އެކަން ހުއްޓުވަމުން." ނަތަންޔާހޫ ބުންޏެވެ.

ނަތަންޔާހޫ މިމޭރުމުން ވާހަކަދައްކާފައިވާއިރު، ޣައްޒާގައި ވެރިކަންކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) ގެ ފިއްތުންތަކަށް އިސްރާއީލުވެސް ބޯލަނބަމުންދާކަމުގެ އިޝާރާތްތައް ދަނީ ފެންނަމުންނެވެ. މިސުރު މެދުވެރިވެގެން ހަމާސްއާ އިސްރާއީލާ ދެމެދު ހަމަލާބަދަލުކުރުން ވަގުތީގޮތުން ހުއްޓާލުމާބެހޭ އެއްބަސްވުމަކަށް މިހާރު ވަނީ އާދެވިފައެވެ. އަދި ޣައްޒާގެ މަސްވެރިންނަށް މެޑިޓަރޭނިއަން ކަނޑުގައި މަސްވެރިކަން ކުރަން ހުއްދަ ދީފައިވާ ސަރަހައްދު ފުޅާކޮށްދިނުމަށްވެސް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.