އިތިއޯޕިޔަން އެއާލައިންސްގެ ޕައިލެޓުން އަމަލުކުރީ އެމީހުންނަށް ދީފައިވާ އިރުޝާދުތަކުގައި ވާގޮތަށް: ރިޕޯޓު

އިތިއޯފިޔާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑަގްމަވިޓް މޮގޭސް

ފާއިތުވި މާރިޗު މަހުގެ ދިހަވަނަ ދުވަހު އިތިއޯޕިޔާގެ ވެރިރަށް އެޑިސް އަބާބާ ކައިރިއަށް އިތިއޯޕިޔަން އެއާލައިންސްގެ މަތިންދާބޯޓު ވެއްޓުނީ މަތިންދާޓު އުފެއްދި ކުންފުނި ބޮއިންގއިން ދީފައިވާ އުރުޝާދުތަކާ އެއްގޮތަށް ބޯޓުގެ ކެޕްޓަނާއި އޭނާގެ އެހީތެރިޔާ އަމަލުކުރަމުން ގެންދަނިކޮށް ކަމުގައި އެ ހާދިސާއާ ގުޅިގެން ނެރުނު އިބްތިދާއީ ރިޕޯޓުގައި ބުނެފިއެވެ.

އެޑިސް އަބާބާއިން ކެންޔާގެ ވެރިރަށް ނައިރޯބީއަށް ފުރި އިތިއޯޕިއަން އެއާލައިންސްގެ މަތިންދާބޯޓު ވެއްޓި އެ ބޯޓުން ދަތުރުކުރި 157 މީހުން މަރުވީ ބޯޓުގެ ކުރީކޮޅު ކުއްލައަކަށް ތިރިވެ ކޮންޓްރޯލުވުމެއް ނެތި ވެއްޓިގެން ދިޔަގޮތަށް ގޮސް ބިމުގައި ޖެހިގެންނެވެ.

"(މަތިންދާބޯޓު) އުފެއްދި ކުންފުނިން ތަކުރާރުކޮށް ބުނެފައިވާ ފިޔަވަޅުތައް ފަޅުވެރިން އެޅި. އެހެންނަމަވެސް ބޯޓު ކޮންޓުރޯލު ނުކުރެވުނު." ބޮއިންގ 737 މެކްސް-8 މަރުކާގެ މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއާގުޅޭ ފުރަތަމަ ރިޕޯޓު ހާމަކުރައްވަމުން އިތިއޯފިޔާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑަގްމަވިޓް މޮގޭސް ވިދާޅުވިއެވެ.

ވައިގެ ހާދިސާތަކާބެހޭ އުސޫލުތަކާ އެއްގޮތަށް، އިބްތިދާއީ ރިޕޯޓުގައި އެއްވެސް ފަރާތެއް ކުށްވެރިކޮށްފައި ނުވެއެވެ. އަދި ފްލައިޓުގެ ދަތުރު ތަފްސީލުކޮށް ތަހުލީލުކޮށްފައިވެސް ނުވެއެވެ. އެކަމަށް އެތައް މަހެއް ނަގާއިރު، ހާދިސާއާބެހޭ ފަހުގެ ރިޕޯޓު ނެރުމަށް އަހަރެއްހާ ދުވަސް ނަގާނެއެވެ.

އެހެންނަމަވެސް، ހާދިސާ ތަހުގީގުކުރާ އިތިއޯޕިޔާގެ ތަޖުރިބާކާރުންގެ އަމާޒުހުރީ ކޮން ދިމާއަކަށްކަން ރިޕޯޓުން ރަނގަޅަށް އެނގެއެވެ. ބޯޓުގެ ޕައިލެޓުން ނުރަނގަޅު ފިޔަވަޅުތަކެއް އަޅާފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ބޯޓު އުފެއްދި ކުންފުންޏަށާ، ވައިގެދަތުރުފަތުރުގެ އުސޫލުތަކާ ގަވާއިދުތައް ތަންފީޒުކުރާ އިދާރާތަކަށް އެ ރިޕޯޓުގައި ދެކަމެއް ހުށަހަޅާފައި ވެއެވެ.

ރިޕޯޓުގައި މަތިންދާބޯޓު އުފެއްދި ބޮއިންގ ކުންފުންޏަށް ހުށަހަޅާފައި ވަނީ މަތިންދާބޯޓުގެ ކޮންޓްރޯލް ސިސްޓަމް މުރާޖައާކުރުމަށެވެ. އަދި ގަވާއިދުތައް ހަދައި ތަންފީޒުކުރާ އިދާރާތަކަށް ހުށަހަޅާފައި ވަނީ، މައްސަލަ ހައްލުކުރެވުނުކަން ޔަގީންކޮށްދިނުމެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހު އިންޑޮނޭޝިޔާއަށް ވެއްޓުނު ލަޔަން އެއާގެ މަތިންދާބޯޓުވެސް ވެއްޓުނީ ކުއްލިއަކަށް ބޯޓުގެ ކުރީކޮޅު ތިރިއަށް ކޮންޓްރޯލް ނުކުރެވި ގޮސް ބޯޓު ވެއްޓިގެންނެވެ. އެއީވެސް ބޮއިންގ 737 މެކްސް-8 މަރުކާގެ މަތިންދާބޯޓެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.