ބުރުނާއީގައި އިސްލާމީ ތައުލީމު ވަރުގަދަކުރުމަށް ރަސްގެފާނު ގޮވާލައްވައިފި

ބުރުނާއީ ދާރުއްސަލާމްގެ ވެރިރަށް ބަންދަރު ސެރީ ބެގަވާންގެ މަންޒަރެއް

ބުރުނާއީ ދާރުއްސަލާމުގައި މިއަދު އިސްލާމީ ޝަރީއަތުގެ ހައްދުތައް ތަންފީޒުކުރަން ފެށުމާއެކު، އެގައުމުގައި އިސްލާމީ ތައުލީމު ވަރުގަދަކުރުމަށް ރަސްގެފާނު ހަސަން އަލްބުލްޤިޔާ ގޮވާލައްވައިފިއެވެ. 2014 ވަނަ އަހަރުން ފެށިގެން އެގައުމުގެ ޖިނާއީ އަދުލުގެ ނިޒާމު މަޑުމަޑުން އިސްލާމީ ޝަރީއަތާ އެއްގޮތަށް ބަދަލުކުރަމުން އައިސް މިއަދަކީ ވައްކަންކުރާ މީހުންގެ އަތް ކެނޑުމާއި، މީހަކާއި އިނދެފައިވާ މީހަކު ޒިނޭކޮށްފިނަމަ ރަޖަމްކުރުން ފަދަ ހައްދުތައް އެގައުމުގައި ތަންފީޒުކުރަން ފެށި ދުވަހެވެ.

މިއަދު ތަންފީޒުކުރަން ފެށި އުގޫބާތްތަކުގެ ތެރެއިން ހުޅަނގުގެ ގައުމުތަކުންނާއި، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން އެންމެބޮޑަށް ފާޑުކިޔަމުންދާ އުގޫބާތަކީ އެއް ޖިންސުން ގުޅުންހިންގާ މީހުން ރަޖަމުކުރުމެވެ. މި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ރަސްގެފާނު ވިދާޅުވެފައި ވަނީ "މާތް ﷲގެ ހުކުމް ތަންފީޒުކުރުމުން އެހެން ފަރާތްތަކުން އެކަން ބަލައިގަންނާނެކަމަށް މިގައުމުން އުއްމީދުކޮށްގެން ނެތް ކަމަށާއި، އެހެންނަމަވެސް، އެ ފަރާތްތަކުން އިސްލާމްދީނަށް އިހުތިރާމުކުރާ ފަދައިން، ގައުމުގެ ނިންމުމަށް އިހުތިރާމުކުރުމުން ފުދޭނޭ ކަަމަށެވެ.

އިސްލާމީ ޝަރީއަތުގެ ހައްދުތައް ބުރުނާއީގައި މިއަދު ތަންފީޒުކުރަން ފެށުމާ ގުޅިގެން ރަސްގެފާނު ހަސަން އަލްބުލްޤިޔާ ވަނީ ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

"މިގައުމުގައި އިސްލާމީ ތައުލީމު އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަވަމުން ދާތަން ދެކެން އަހަރެން ބޭނުން." އިސްލާމީ ޝަރީއަތުގެ ހައްދުތައް ތަންފީޒުކުރަންފެށުން ފާހަގަކުރުމުގެ އިތުރަށް އިސްރާއާއި މިއުރާޖުގެ ޒިކުރާ އާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރަސްގެފާނު ވިދާޅުވިއެވެ.

"މިގައުމަށް ޒިޔާރަތްކުރަން އަންނަ ކޮންމެ މީހަކަށްވެސް ކުރެވޭނީ ފޮނި ތަޖުރިބާއެއް. އަދި އަމާން، އެންމެންނާ ރަހުމަތްތެރި މާހަލުން އޭނާ އުފާލިބިގަންނާނެ." ރަސްކަމުގައި 51 އަހަރު ހޭދަކުރައްވާފައިވާ ޙަސަން އަލްބުލްޤިޔާ ވިދާޅުވިއެވެ.

ބުރުނާއީގައި އަޚްލާޤީ ގޮތުން އެކަށީގެންނުވާ އަމަލުތައް ހިންގާ މީހުންނަށާއި، އުޒުރެއް ނެތި ހުކުރު ނަމާދަށް ހާޒިރުނުވާ މީހުންނަށްވެސް އަދަބު ދެމުން އަންނަކަން ފާހަގަކޮށްލަން ޖެހެއެވެ.

4 ލައްކަ މީހުންގެ އާބާދީއެއް އޮންނަ ބުރުނާއީ ދާރުއްސަލާމަކީ %100 އިސްލާމީ ގައުމެކެވެ. މެލޭޝިޔާއާއި، އިންޑޮނޭޝިޔާވެސް ބިން ހިއްސާކުރާ ބޯނިޔޯ ޖަޒީރާގައި އޮންނަ ބުރުނާއީއަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ. އެގައުމުގެ ގައުމީ އުފެއްދުންތެރިކަމުން އަހަރަކު ލިބޭ އާމްދަނީން ބޮލަކަށް 78 ހާސް ޑޮލަރު ޖެހެއެވެ. މިއީ ޤަޠަރާއި، ލަގްޒެންބާގާއި، ސިންގަޕޫރަށް ފަހު 4 ވަނަ އަށް ދުނިޔޭގެ އެންމެ މަތީ އާމްދަނީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.