ޓީވީ ތަރި ހީނާ ޚާން އާއިލާ އާއެކު ރާއްޖޭގައި ޗުއްްޓީ ހޭދަ ކުރަމުން އެބަދެއެވެ. ހީނާ އާއި އާއިލާ ޗުއްޓީ ހޭދަ ކުރަމުން ދަނީ ތާޖް އެގްޒޯޓިކާ ރިޒޯރޓް އެންޑް ސްޕާގައެވެ.
އާއިލާ އާއެކު ރިޒޯޓުގައި ނަގާފައިވާ ބައެއް ފޮޓޯތައް ހިނާ ވަނީ އޭނާގެ އިންސްޓެގްރާމް ގައި ޝެއަރ ކޮށްފައެވެ. ހީނާގެ އިންސްޓެގްރާމްގައި އޭނާ އަށް ތާއީދުކުރާ 4 މިލިއަނަށްވުރެ ގިނަ މީހުން ތިބެއެވެ. ރިޒޯޓުގެ ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯ ތަކާއި ޖެޓީ މަތީގައި ނަގާފައިވާ ފޮޓޯތަކަށް ތައުރީފުކޮށް ގިނަބަޔަކު ކޮމެންޓު ކޮށްފައިވެއެވެ.
ހީނާ ދަނީ ކަސޯޓީގައި ކޮމަލިކާ ގެ ރޯލު ކުޅެމުންނެވެ. މި އޭޕްރީލް މަސް ނިމެންދެން އޭނާ އެ ރޯލު ކުޅޭނެއެވެ. އޭނާ އަކީ ސިލްސިލާ 'ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ' ގައި 7 އަހަރަށްވުރެ ގިނަ ދުވަހު އަކްޝަރާ ސިންހާނިއާގެ ރޯލު ކުޅެފައެވެ. އޭނާާ ކަސޯޓީ އާ ދުރަށް ދަނީ ކުރީން އެއްބަސްވެފައިވާ ބައެއް މަސައްކަތްތައް ނިންމުމަށެވެ.
ހީނާ ވަނީ މިހާރު ބޮލީވުޑްގެ ފިލްމެއް ކުޅުމަށށް އެއްބަސްވެފައެވެ. އެއީ ފަރީދާ ޖަލާލްގެ ފިލްމެކެވެ. އެ ފިލްމުގައި ހީނާ ކުޅޭނީ ފަރީދާ ޖަލާލް ގެ ދަރިފުޅު ގެ ރޯލެވެ. މި ފިލްމުގެ ނަން އަދި މިހާތަނަށް އިއުލާން ކޮށްފައެއްނުވެއެވެ.
ހީނާ ވަނީ 2018ވަނަ އަހަރުގެ ފަހުކޮޅުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.