ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިޔާއާއި ޕާކިސްތާނުން ހަމަލާތަކެއް ބަދަލުކޮށްފި

ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލްގެ ޕާކިސްތާނާވީ ފަޅީގައި ޕާކިސްތާނު ސިފައިން ފޯރިމަރަނީ

ދެގައުމުންވެސް އެތަނަކަށް ދައުވާކުރާ ކަޝްމީރުގެ ވަގުތީ ސަރަހައްދީ ރޮނގު، ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިޔާއާއި ޕާކިސްތާނުގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.

ކަޝްމީރުގެ ހިމާލިޔާ ފަރުބަދަ ސިލްސިލާ ހިމެނޭ ސަރަހައްދުގައި ބަދަލުކުރި މިހަމަލާތަކުގައި 7 މީހަކު ވަނީ މަރުވެފައެވެ. އެއީ ޕާކިސްތާނު ސިފައިންގެ 3 މީހަކާއި، ކަޝްމީރުގެ ޕާކިސްތާނު ފަޅީގެ އަވަށެއްގެ އާއްމު މީހަކާއި، އިންޑިޔާ ޕެރެމިލިޓަރީ ފުލުހުންގެ މީހަކާއި، އިންޑިޔާގެ އަންހެނަކާއި އަންހެންކުއްޖެކެވެ.

މިއީ ފާއިތުވި ފެބުރުއަރީ މަހުގެ ތެރޭގައި ކަޝްމީރުގެ އިންޑިޔާ ފަޅީގައި ބޮމެއް ގޮއްވާލައި އިންޑިޔާގެ ސަލާމަތީ ބާރުތަކުގެ 40 މީހުން މަރާލުމުގެ ސަބަބުން އިންޑިޔާއާއި ޕާކިސްތާނާ ދެމެދު އުފެދުނު ހަމަނުޖެހުން މައިތިރިވީ ފަހުން، ބަދަލުކުރެވުނު މިފަދަ އެންމެ ވަރުގަދަ ހަމަލާތަކެވެ.

ޕާކިސްތާނު ސިފައިންގެ ތަރުޖަމާނު ބުނި ގޮތުގައި އިންޑިޔާ ސިފައިން ވަނީ ކަޝްމީރުގެ ޕާކިސްތާނު ފަޅީގައި އޮންނަ ރާވަލްކޯޓު ސަރަހައްދުގެ ރާކްޗިކްރީ އަވަށުގައި ތިބި ޕާކިސްތާނު ސިފައިންނަށް ހަމަލާދީފައެވެ. އެ ހަމަލާގެ ރައްދުގައި ޕާކިސްތާނު ސިފައިންވެސް ހަމަލާދިން ކަމަށް ތަރުޖަމާނު ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި އިންޑިޔާ ސިފައިންގެ ހަމަލާގެ ސަބަބުން ސިފައިންގެ 3 މީހުން މަރުވެ އެކަކު ޒަޚަމްވިއެވެ.

އިންޑިޔާ ސިފައިންގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ އިންޑިޔާ ސިފައިން ޕާކިސްތާނު ސިފައިންނަށް ހަމަލާދިނީ، ކަޝްމީރުގެ އިންޑިޔާ ފަޅީގެ ޕޫންޗްގައި ތިބި އިންޑިޔާ ސިފައިންނަށް ޕާކިސްތާނު ސިފައިން ހޯމަ ދުވަހު ހަމަލާދިނުމުން އެ ހަމަލާއަށް ރައްދުދިނުމުގެ ގޮތުންނެވެ.

އިންޑިޔާގެ ފުލުހުންގެ ފަރާތުން ވާހަކަދެއްކި އެމް.ކޭ. ސިންހާ ބުނީ ޕާކިސްތާނު ސިފައިންގެ ހަމަލާގައި ޕެރެމިލިޓަރީ ފުލުހުންގެ މީހަކާއި، އާއްމުންގެ ތެރެއިން އަންހެނަކާއި، އަންހެން ކުއްޖަކު މަރުވެ، އާއްމުންގެ 18 މީހުންނާއި، ސިފައިންގެ 5 މީހުން ޒަޚަމްވެފައިވާ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.