ތުރުކީގައި އިއްޔެ ބޭއްވި ލޯކަލް އިންތިޚާބުގައި އާއްމު ވޯޓުން ކުރީގައި އުޅުނު ނަމަވެސް ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވޮލޮޕްމަންޓް ޕާޓީ (އޭކޭ ޕާޓީ) އަށް ވަނީ ބޮޑެތި ރަށްތަކުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.
މިހާތަނަށް (ރާއްޖޭ ގަޑިން ހެނދުނު 7:10 އާ ހަމައަށް) %99 ވޯޓު ފޮށި ގުނިފައި ވާއިރު، ވެރިރަށް އަންކަރާއާއި، ތިންވަނައަށް އެންމެ ބޮޑު ރަށް އިޒްމީރުގައި އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ވަނީ ކުރި ހޯދާފައެވެ. އެންމެ ބޮޑުރަށް އިސްތަންބޫލުގެ ނަތީޖާއަށް ބަލާއިރު އަދި ވަކިކޮޅަކަށް ނިންމޭވަރަށް ވުރެ ފަރަގު ކުޑައެވެ.
އިގްތިސާދީ ގޮތުން ތުރުކީއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އިންތިޚާބު ބޭއްވުމުން ރައީސު ރަޖަބު ޠައްޔިބު އެރްދޮޣާންއަށް ލިބިވަޑައިގަންނަވާ ވޯޓު މަދުވާނެކަމަށް ކުރިންވެސް އޮތީ ހީކުރެވިފައެވެ. އިގްތިސާދީ ދުވެލި މަޑުޖެހިފައިވާ އިރު، އިންފްލޭޝަން ވަނީ %20 އަށް އަރާފައެވެ. އަދި ތުރުކީގެ ލީރާގެ އަގު ވަނީ ފާއިތުވި ހައެއްކަ މަސްދުވަހު %30 ވެއްޓިފައެވެ.
އިސްތަންބޫލާއި، އަންކަރާއާއި، އިޒްމީރުގައި ރައީސު އެރްދޮޣާންގެ އޭކޭ ޕާޓީއަށް ރަނގަޅު ނަތީޖާއެއް ނުހޯދުނު ނަމަވެސް، ކުދި ރަށްތަކާއި، ކުރުދީ ސަރަހައްދުގައި އެ ޕާޓީވަނީ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ. އެހެންކަމުން އާއްމު ނަތީޖާއަށް ބަލާއިރު އެ ޕާޓީ ވަނީ ވަރަށް ކުރީގައެވެ. ލޯކަލް އިންތިޚާބުގައި ލީ ވޯޓުގެ %44.42 އޭކޭ ޕާޓީއަށް ލިބުނުއިރު އެންމެ ބޮޑު އިދިކޮޅު ޕާޓީ ސީއެޗްޕީއަށް ލިބިފައި ވަނީ %30.07 ވޯޓެވެ. ބާކީ %25.51 ލިބިފައި ވަނީ ކުދި ޕާޓީތަކަށެވެ.
2002 ވަނަ އަހަރު ތުރުކީގެ ވެރިކަމަށް އައި ފަހުން އޭކޭ ޕާޓީ ވަނީ އެ ގައުމުގައި ބޭއްވި ހުރިހާ އިންތިޚާބެއް ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް، ތުރުކީގެ މިހާރުގެ އިގްތިސާދި ހާލަތުގެ އަސަރު އިންތިޚާބުގެ ނަތީޖާއަށް ކުރާނެކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ.
ނަތީޖާތައް ލިބެން ފެށުމާއު ރައީސު އެރްދޮޣާން ވަނީ ރައްޔިތުން ހިތްހަމަނުޖެހުނީ ގޯސްތަކެއް ހެދިގެން ކަމަށްވާނަމަ އެ ގޯސްތައް ރަނގަޅުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
"ރަނގަޅަށް ނުކުރެވި ހުރި ކަންތަކެއް ހުރިނަމަ އެކަންތައް ރަނގަޅުކުރުމަކި އަހަރުމެން ކުރަންޖެހޭ ކަމެއް." ރައީސު އެރްދޮޣާން ވިދާޅުވިއެވެ. " އަހަރުމެންނަށް ރަނގަޅަށް ނުކުރެވި ހުރީ ކޮން ކަންތަކެއްތޯ ހޯދައި، އެކަންތައް ރަނގަޅުކުރުމުގެ މަސައްކަތް މާދަމާ ހެނދުނުން ފެށިގެން އަހަރުމެން ކުރިއަށް ގެންދާނަން."