ފުލުހުން ޤާނޫނީ ޒިންމާ އަދާކުރުމުގައި ދެމިތިބުމަކީ އުނދަގޫކަމެއް: ހޯމްމިނިސްޓަރ

ފުލުހުން ޤާނޫނީ ޒިންމާ އަދާކުރުމުގައި ދެމިތިބުމަކީ އުނދަގޫކަމެއް ކަމަށް ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ މުޢައްސަސާއަކީ ދިވެހިދައުލަތުގެ މުޢައްސަސާތަކުގެ ތެރެއިން އެންމެ ސާބިތުކަމާއި ހިތްވަރާއެކު ހިނގަމުންއައި އެއް މުޢައްސަސާ ކަމަށެވެ. އެއީ ދިވެހިންގެ އަމާން ކަމާއި ސުލްހަވެރިކަމާއި ރައްކާތެރި ކަމަށްޓަކައި މެދުކެނޑުމެއްނެތި އެންމެގިނަދުވަސްވަންދެން ޚިދުމަތް ކޮށްފައިވާ އެއް މުޢައްސަސާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންނަކީ ޤާނޫނީ ބޮޑެތި ޒިންމާ އަދާކުރަންޖެހޭ ބައެއް ކަމަށާއި އެއީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. "ތިޔަބޭފުޅުންނަކީ ތިޔަބޭފުޅުންގެ މި މުޢައްސަސާގައި ވަރަށްގިނަ ޤާނޫނީ ބޮޑެތި ޒިންމާތަކެއް އަދާކުރެއްވުމަށް ޙަވާލުކުރައްވައިފައިވާ ބޭފުޅުން. ތިޔަބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމަކީ ގޮންޖެހުންތަކާއި ދަތިތަކާއި އުދަގޫ ބޮޑު މަސައްކަތެއް. ތިޔަބޭފުޅުންނާ ޙަވާލުކުރެވިފައިވާ ޤާނޫނީ ޒިންމާ އަދާކުރުމުގައި ދެމިތިބުމަކީ ދަތު އުދަގޫ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ ދަތިތަކުގެ ތެރެއިން ވެސް ފުލުހުންގެ މަސައްކަތުގެ ޒިންމާ އަދާ ކުރެއްވުމުގައި ދައްކަވަމުން ގެންދަވާ ސާބިތުކަމަކީ ހިތުގެ އަޑިން ބަލައިގަންނަ އަދި އިޙުތިރާމް ކުރާކަމެއް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.