ޖޫލާނަކީ އިސްރާއީލުގެ ބައެއް ކަމަށް އެމެރިކާއިން ރަސްމީކޮށް ގަބޫލުކޮށްފި

އިސްރާއީލުން އަތްގަދަކޮށްގެން އުޅޭ ޖޫލާން އުސްބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް އެމެރިކާއިން ރަސްމީކޮށް ގަބޫލުކުރާ ގަރާރެއްގައި ރައީސު ޑޮނާލްޑް ޓްރަމްޕް މިއަދު ސޮއިކުރައްވައިފިއެވެ. ޖޫލާންގެ ބިންތަކަކީ 1967 ވަނަ އަހަރު އިސްރާއީލާއި އަރަބިންނާ ދެމެދު ހިނގި ހަނގުރާމައިގައި އިސްރާއީލުން ހިފައި، 1981 ވަނަ އަހަރު ރަސްމީކޮށް އިސްރާއީލުގެ ބިމެއްކަމަށް ހަދާފައިވާ ސީރިޔާގެ ބިމެކެވެ. ޓްރަމްޕުގެ މިނިންމެވުމާއެކު ހިފާފައިވާ އަރަބި ބިންތަކާމެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތު މިވަނީ މުޅިން ބަދަލުވެފައެވެ.

"ސީރިޔަން އަރަބް ރިޕްބްލިކްގެ ބިންތައް އެކަތިގަނޑަކަށް އޮތުމާއި، އެބިންތަކުގެ ސިޔާދަތަކަށް ފާޅުގައި އަރައިގަތުމުގެ އަމަލެއްގެ ގޮތުން، އެމެރިކާގެ ރައީސު ޓްރަމްޕް ވަނީ ހިފާފައިވާ ޖޫލާންގެ ބިންތައް، ސަހްޔޫނީ އަތްގަދަކުރުމުގެ ދައުލަތާއި އެއްކުރުން ގަބޫލުކުރައްވާފައެވެ." ޓްރަމްޕްގެ ގަރާރާ ގުޅިގެން ސީރިޔާގެ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.

ގަރާރުގައި ސޮއިކުރެއްވުމަށްފަހު ވައިޓްހައުސްގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކައިރީގައި ހުންނަވައިގެން ރައީސު ޓްރަމްޕް ވިދާޅުވީ "މިކަމަށް ޕްލޭންކުރެވޭތާ ދުވަސްކޮޅެއް ވެއްޖެ" ކަމުގައެވެ. އަދި ޓްރަމްޕް ވަނީ އޭނާ އެ ގަރާރުގައި ސޮއިކުރެއްވި ގަލަން އިސްރާއީލުގެ ބޮޑުވަޒީރަށް ހަދިޔާކޮށްފައެވެ. '

އެމެރިކާ ސަރުކާރުގެ މިއަމަލަކީ ބައިނަލްއަގްވާމީ ގަރާރުތަކާ ކަނޑައެޅިގެން ޚިލާފަށް ކުރި ކަމެކެވެ. ޓްރަމްޕް މިކަމުގެ ގަރާރުގައި ސޮއިކުރެއްވުމާއެކު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރޭޝްގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވީ "ޖުލާނުގެ ހައިސިއްޔަތު ބަދަލުނުވާކަން ސާފުކަމަށް" ސެކްރެޓަރީ ޖެނެރަލް ދެކެވަޑައިގަންނަވާކަމުގައެވެ.

އެމެރިކާގެ މި ގަބޫލުކުރުން ނަތަންޔާހޫ ސިފަކުރީ "ތާރީޚީ ކަމެއް"ގެ ގޮތުގައެވެ. އަދި އޭނާ ބުނި ގޮތުގައި ޖޫލާންގެ އުސްބިންތައް އަބަދުގެ އަބަދަށް އޮންނާނީ އިސްރާއީލުގެ ބައެއްގެ ގޮތުގައެވެ. އަދި "އަހަރުމެން ދުވަހުކުވެސް އެ ބިންތައް ދޫކޮށްނުލާނެ" ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސު ޓްރަމްޕުއާ މުޚާޠަބުކޮށް އޭނާ ބުނީ "މަނިކުފާނުގެ މިއިއުލާންކުރެއްވުން އައިސްފައި މިވަނީ، ދުވަހަކުވެސް ބޭނުން ނުޖެހޭ މިންވަރަށް އަހަރުމެންގެ ސަލާމަތަށް ޓަކައި ޖޫލާންގެ ބިންތަކުގެ ބޭނުން އަހަރުމެންނަށް ޖެހިފައި ވަނިކޮށެވެ.

"ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ޖޫލާން މިނިވަންކޮށް، އެ ބިންތައް ސީރިޔާގެ މައިބިމާ އެއްކޮށްލުމަކީ ނިގުޅައިނުގަނެވޭނޭ ހައްގެއް" ސީރިޔާގެ ޚާރިޖީ ވުޒާރާއިން ބުނެފައި ވެއެވެ.

ޓްރަމްޕްގެ ސަރުކާރުގެ މިއަމަލުން އެމެރިކާގެ ސިޔާސަތުގެ ދެފުށް ދެގޮތްކަން ވަރަށް ރީއްޗަށް ހާމަވެގެން ހިނގައްޖެއެވެ. ޔުކްރޭންގެ ސަރަހައްދެއް ކަމުގައިވާ ކްރައިމިއާ 2014 ވަނަ އަހަރު ރަޝިޔާއިން އެގައުމުގެ ބައެއްކަމަށް ނިންމުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅުހެދި އެއް ގައުމަކީ އެމެރިކާއެވެ. އެހެނަސް، މިއަދު އެމެރިކާއިން ވަނީ އެފަދަ އަމަލެއް ޔަހޫދީ ދައުލަތުން ހިންގުމުން އެކަމަށް ތާއީދުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.