ފުވައްމުލަކު އެއްގަމަށް މަސްގަންނަ ވަސީލަތެއް ގާއިމް ކުރަނީ

މިފްކޯގެ ބޯޓު ފަހަރަށް މަސްގަތުމުގެ ބަދަލުގައި ފުވައްމުލަކު ސިޓީގައި މަސް ގަންނަ ތަނެއް ހަދައި މަސްވެރިންގެ އަތުން މަސްގަތުމުގެ ވަސީލަތެއް ގާއިމް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރ ފަލާޙު ޝަރީފް ވިދާޅުވެއްޖެއެވެ.

އާފަތިސް ނޫހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެ މަޝްރޫޢަކީ ސިޓީ ކައުންސިކާއި މިފްކޯ ގުޅިގެން ކުރިއަށް ގެންދާނެ މަޝްރޫޢެއް ކަމަށެވެ. އެ މަސައްކަތުގެ ޢަމަލީ މަސައްކަތް އަދި ފޭށޭނެ ދުވަހެއް އެނގިފައެއްނުވެއެވެ. ފަލާޙު ވިދާޅުވީ މިފްކޯގެ ބޯޓުފަހަރަށް މަސްކިރުމަށްވުރެ އެ ސިޓީގެ އެއްގަމުގައި އެފަދަ ފެސިލިޓީއެއް ގާއިމް ކޮށްފައިހުރުމަކީ އެރަށުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ފަސޭހަވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. "ފަށައި ގަންނައިރު އެތަން ފުލްވީމައި ޖެހޭނީ މިފްކޯގެ ބޯޓުފަހަރުގައި ސެންޓަރުތަކަށް އުފުލަން. ވިސްނުންހުރީ މުސްތަގުބަލުގައި އެތަން ތަރައްޤީކޮށް އެތަނުގައި މަސް ޕްރޮސެސް ކުރެވޭނެ ގޮތް ގާއިމްކުރުން،" ފަލާޙު ވިދާޅުވިއެވެ.

މިފްކޯއިން މިހާރުވަނީ ފުވައްމުލަކު ސިޓީގައި 25 ޓަނުގެ އައިސް ޕްލާންޓެއް ވެސް ގާއިމް ކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގިތުގައި އެތަނުގެ މަސައްކަތް ގާތްގަނޑަކަށް މިހާރުވަނީ ނިމިފައެވެ. އެ ޕްލާންޓް ޓެސް ކުރުމަށްޓަކައި މިރޭ އެތަނުން އައިސް ހެދުމަށް ވެސް ނިމިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިކަމަށްޓަކައި މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވެސް މިހާރު ހުންނެވީ އެސިޓީގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.