2016 ވަނަ އަހަރު އެމެރިކާގައި އޮތް ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް ހަވާލުކުރެވުނު ސްޕެޝަލް ކައުންސިލް ޖޭމްސް މުލާ އޭނާގެ ތަހުގީގު ފުރިހަމަކުރެއްވުމަށްފަހު އޭގެ ރިޕޯޓު އެމެރިކާގެ އެޓާނީ ޖެނެރަލް ވިލިއަމް ބާއަށް ހުށަހަޅުއްވައިފިއެވެ.
ރިޔާސީ އިންތިޚާބާއި ރަޝިޔާއާއި ގުޅުވައިގެން ހިންގުނު ބޮޑު ތަހުގީގުގެ ސަބަބުން ރައީސު ޓްރަމްޕުގެ ރިޔާސީ ކެމްޕޭނަށް ހިޔަނި އެޅި، އޭނާގެ އާއިލާގެ މާލީ މުއާމަލާތްތައް ތަހުގީގުކުރެވި، އޭނާ ބައެއް ގާބޫނީ ވަކީލުން ޖަލަށް ދާން ޖެހިފައި ވެއެވެ.
އެޓާނީ ޖެނެރަލްއަށް ޖޭމްސް މުލާ އިއްޔެ ހުށަހެޅުއްވި ރިޕޯޓަކީ އަދި ސިއްރު އެއްޗެއް ނަމަވެސް، އެޔާ މެދު ބޮޑެތި ސިޔާސީ އަރައިންތަކެއް އަދި ހިނގާނެއެވެ. ދެން، އެ ރިޕޯޓާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާނީ ރައީސު ޓްރަމްޕްގެ އެޓާނީ ޖެނެރަލްއާއި އެމެރިކާގެ ކޮންގްރެސްއެވެ. ދެން، އެއަށްވުރެ ފަހުގެ މަރުހަލާއަކަށް ދާންޖެހިއްޖެ ހާލަތެއްގައި އެމެރިކާގެ ފެޑެރަލް ކޯޓުތަކެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި މުލާ ހުށަހެޅުއްވި ރިޕޯޓުގައި ވަކި ދައުވާތަކެއް ކުރަން މަޝްވަރާދެއްވާފައެއް ނުވެއެވެ. އެޓާނީ ޖެނެރަލް އެ ރިޕޯޓު ބައްލަވައި، ޚުލާސާކުރެއްވުމަށްފަހު، ކޮންގްރެސްއަށް ފޮނުވާނީ ކޮން ބައިތަކެއްތޯ ނިންމަވާނެއެވެ.
ރިޕޯޓު ޚުލާޞަކުރެއްވުމަށްފަހު އޭނާއަށް ފެނިވަޑައިގެންނެވި ކަންތައް ފާހަގަކުރައްވައި ކުރު ރިޕޯޓެއް ލިއުއްވާނެކަމަށް، ރިޕޯޓު ލިބިވައިގަތުމަށްފަހު އިއްޔެ ވިލިއަމް ބާ އާއްމުކުރެއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވެއެވެ.
އެ ރިޕޯޓާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނުވާކަމަށް ބުނެ އިއްޔެ ވައިޓްހައުސްއިން ވަނީ ބަޔާނެއް ނެރެފައެވެ. ބާ ވިދާޅުވީ އޭނާގެ ކުރި ރިޕޯޓު މި ހަފުތާ ބަންދުގެ ތެރޭގައި ކޮންގްރެސްއަށް ހުށަހެޅުއްވަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.
ފާއިތުވި 22 މަސްދުވަހުގެ ތެރޭގައި ޖޭމްސް މުލާ ވަނީ އެމެރިކާ މީހުންނަށް ނުފޫޒު ފޯރުވުމަށާއި، އެމެރިކާގެ ސިޔާސީ ހަރަކާތްތަކަށް ފައިސާ ހޯދައިދިނުމަށާއި، އޭރުގެ ޑިމޮކްރެޓިކް ރިޔާސީ ކެންޑިޑޭޓު ހިލަރީ ކްލިންޓަންގެ ރިޔާސީ ކެމްޕޭނަސް ގެއްލުން ދިނުމަށް، ޑިމޮކްރެޓިކް ޕާޓީގެ އިސް ފަރާތްތަކުގެ އީމޭލް ހެކްކުރުމުގެ ކެމްޕޭނެއް ފެށުމަށް ރަޝިޔާގެ އެޖެންޓުން މައުލޫމާތު އެއްކުރި ގޮތް ކަމަށް ބެލެވޭ ގޮތްތަކުގެ ތަފްސީލު މުލާ ވަނީ ހޯއްދަވާފައެވެ.
އެފްބީއައިގެ ޑިރެކްޓަރ ޖޭމްސް ކޯމޭ މަގާމުން ދުރުކުރައްވައިގެން، ނުވަތަ މުލާގެ ތަހުގީގު ހަގީގަތް އޮޅުވާލައްވަން މަސައްކަތް ކުރައްވައިގެން ރައީސު ޓްރަމްޕް އަދުލު އިންސާފަށް ހުރަސް އަޅުއްވަން މަސައްކަތްކުރެއްވިތޯ ވެސް ސްޕެޝަލް ކައުންސިލްގެ ތަހުގީގުގައި ހޯއްދަވާފައި ވެއެވެ.
ރައީސު ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާފައި ވަނީ ރަޝިޔާއާ ގުޅިވަޑައިގެން އެއްވެސް ކަމެއް ނުކުރައްވާކަމަށާ، ތަހުގީގަށް ހުރަސްއަޅުއްވަންވެސް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށެވެ.