މިސްކިތަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި މުޅި ނިއުޒީލޭންޑް ހުއްޓުމަކަށް

މިއަދު ހެގްލީ ޕާކުގައި ކުރެވުނު ހުކުރު ނަމާދު ބެލުމަށް އެތައް ހާސް ބަޔަކު އެއްވި. ގިނަ އަދަދެއްގެ އަންހެނުން ތިބީ ބުރުގާ އަޅައިގެން

ފާއިތުވި ހުކުރު ދުވަހު އޮސްޓްރޭލިޔާގެ ހައްދު ފަހަނައަޅާފައިވާ މީހަކު ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓު ހަމަލާގައި ޝަހީދުވި 50 މީހުންގެ ހަނދާނުގައި މިއަދު މުޅި ނިއުޒީލޭންޑުގައި ދެ މިނިޓުގެ ސުކޫތެއް ގެނެސްފިއެވެ. މިއަދު ނިއުޒީލޭންޑު ގަޑިން މެންދުރު ފަހު 1:30 ގައި (ރާއްޖޭ ގަޑިން ހެނދު 6:30 ގައ) ގޮވި ހުކުރުނަމާދުގެ ފުރަތަމަ ބަންގިއާއެކު ގެނެވުނު މި ސުކޫތު 2 މިނެޓަށް ދެމިގެން ދިޔައެވެ.

އެ ދުވަހުގެ ރަހުމެއް ނެތް، އަނިޔާވެރި ހަމަލާގައި އެންމެ ގިނަ ބަޔަކު ޝަހީދުވި އައްނޫރު މިސްކިތުގެ ކުރިމަތީގައި އޮންނަ ހެގްލީ ޕާކުގައި މިއަދު މެންދުރު ފަހު ހުކުރުގެ ދެ ބަންގިއާއި، ޚުޠުބާއާއި ހުކުރު ނަމާދު ނިއުޒޭންޑުގެ ގައުމީ ޓީވީންނާއި ރޭޑިޔޯއިން ވަގުތުން ދުރަށް ފޮނުވާފައި ވެއެވެ.

ހުކުރު ނަމާދު ބަލަން އެއްވެ ތިބި އެތައްހާސް ބައެއްގެ ތެރޭގައި ބޮޑުވަޒީރު ޖަސިންޑާ އާޑާންވެސް ހުންނެވިއެވެ. އޭނާ ވަނީ ހެގްލީ ޕާކަށް ވަޑައިގެން އެއްވެ ތިބި މީހުންނާ މުޚާޠަބުކުރައްވައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘުފުޅެއް ކިއުއްވާފައެވެ. އަލްބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ އެ ޙަދީޘުގެ މާނައަކީ: "އެކަކު އެނެކަކަށް ލޯބިވުމުގައްޔާއި، އެކަކު އަނެކަކަށް ރުހުމްކުރުމުގައްޔާއި، އެކަކު އަނެކަކަށް އޯގާތެރިވުމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލެއެވެ. އެހަށިގަނޑު ގުނަވަނެއްގައި ވޭން އަޅަންޏާ މުޅި ހަށިގަނޑު ހޭލާހުރުމާއި، ހުން އައުމުގައި އެގުނަވަނާއި ބައިވެރިވާނެއެވެ."

މިސްލިމުންނާ އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ބޮޑުވަޒީރާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް އަންހެން މެންބަރުންނާއި، ގިނަ އަދަދެއްގެ އާއްމުން ބުރުގާ އަޅައިގެން ބަލަން އެއްވެ ތިބި ހުކުރުގެ ޚުޠުބާ އިއްވަވައި، އިމާމުވެ ހުކުރު ނަމާދުކުރެއްވީ އައްނޫރު މިސްކިތު އިމާމު ޝެއިޚް ޖަމާލު ފައުދާ އެވެ.

އައްނޫރު މިސްކިތުގެ އިމާމު ޝައިޚް ޖަމާލު ފައުދާ މިއަދުގެ ހުކުރު ޚުޠުބާ ވިދާޅުވަނީ

"އަހަރުންގެ ހިތްތައް ވަނީ ކުދިކުދިވެފައި، އެހެންނަމަވެސް އަހަރުމެން ކުދިކުދި ނުވޭ. އަހަރުމެން ދިރި އެބަތިބީމު. އަހަރުމެން މިތިބީ އެކުގައި. އަހަރުމެން ބިތިބީ އެއްވެސް މީހަކަށް އަހަރުމެން ބައިބައިކުރިޔަ ނުދޭން އަޒުމްކަނޑައަޅައިގެން." މިއަދުގެ ޚުޠުބާގައި ޝައިޚް ފައުދާ ވިދާޅުވިއެވެ. އޭނާއަކީ ފާއިތުވި ހުކުރު ދުވަހު އައްނޫރު މިސްކިތަށް ހަމަލާ ދިންއިރުވެސް އެމިސްކިތުގައި ހުކުރު ނަމާދުކުރައްވަން ހުންނެވި އިމާމެވެ.

"ފާއިތުވި ހުކުރު ދުވަހު އަހަރުމެންގެ ފުރަގަހުގައި އެހެރަ މިސްކުތުގައި ހުރިއިރު އަހަންނަށް ފެނުނީ ޓެރަރިސްޓެއްގެ ލޮލުގައިވާ ނަފްރަތާއި، އިންތިހާ ދަރަޖައިގެ ރުޅިވެރިކަން. އެއީ 50 މީހުން މަރާލައި، 42 މީހުން ޒަޚަމްކޮށްލައި، ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެތައް މިލިއަން ބައެއްގެ ހިތް ކުދިކުދިކޮށްލި މީހެއް. މިއަދު، ހަމަ އެތަނަށް ބަލާލުމުން އަހަރެންނަށް މިފެންނަނީ ލޯތްބާއި، އޯގާތެރިކަން." އޭނާގެ ޚުޠުބާގައި އިތުރަށް ވިދާޅުވިއެވެ.

ނިއުޒީލޭންޑުގެ ރައްޔިތުން ތިބީ މުސްލިމުންނާ އެކުގައިކަން ދެއްކުމަށް އެގައުމުގެ ކަންކޮޅުތަކުން އެތައްހާސް ބަޔަކު ވަނީ ހެގްލީ ޕާކުގައި ކުރެވުނު ހުކުރު ނަމާދު ބެލުމަށް އެއްވެފައެވެ.

ޓެރަރިސްޓް ހަމަލާ އަމާޒުވި އައްނޫރު މިސްކިތާއި ލިންވުޑް މިސްކިތް މާދަމާ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.