އިންތިޤާލީމަގަށް ރާއްޖެ!

 

އިންތިޤާލީ މަގަށް ރާއްޖެ ، މި މައިގަނޑު ނަމަކީ ފަހަކަށް އައިސް އިދިކޮޅު ސިޔާސީ ޕޯޑިއަމްތަކުން ވަރަށް ބާރަށް އިވޭ އަޑެކެވެ. އޭގެކުރިން މި ވާހަކައެއް ދެއްކެވީ ކުރީގެ ރައީސް މުޙަންމަދު ނަޝީދެވެ. ބޭސްފަރުވާއަކަށް ކަމަށްވިދާޅުވެ ލަންޑަނުގައި މިހާރު ހުންނެވި ނަޝީދަކީ 13 އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރައްވަމުންގެންދަވާ ޤައިދީއެކެވެ. ދިވެހި ސަރުކާރުގެ އެދިވަޑައިގެން މުހިންމު ބޭސްވަރުވާއަކަށް ރަސްމީ ޚާއްސަ ލިއުމެއްގެ ދަށުން ލަންޑަނަށް ވަޑައިގަތުމަށްފަހު އިނގިރޭސިވިލާތުގެ ސިޔާސީ ޙިމާޔަތް ހޯއްދަވައިގެން އެތަނުގައި ހުންނަވައިގެން މިހާރުވަނީ އިދިކޮޅު އިއްތިޙާދެއްވެސް ޢިއުލާން ކުރައްވާފައެވެ.
ސިޔާސީ ޙަރަކާތްތައް ހިންގަވަމުން، އިންޓަނެޓު މެދުވެރިކުރައްވައި، ރާއްޖޭގައި ބާއްވާ އިދިކޮޅު ސިޔާސީ ޙަރަކާތްތައް ވިލަރެސްކުރައްވައި، ޖަލްސާތަކުގައި ވާހަކަފުޅުދައްކަވައި އުޅުއްވައެވެ.
މިދެންނެވި އިދިކޮޅު އިއްތިޙާދު ޢިއުލާންކުރެއްވުމަށް ލަންޑަނުގައި ބޭއްވި ހަފްލާ ރާއްޖޭގެ ބައެއް މީޑިއާތަކުން ވަގުތުން ގެނެސްދިނެވެ.
އެހަފްލާގައި ނަޝީދު ދެއްވި މުހިންމު އެއްވާހަކަފުޅަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެކުރިން ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގެ ވާހަކައެވެ. އަދި އިންތިޤާލީ ސަރުކާރެއް ރާއްޖޭގައި ޤާއިމުކުރައްވައި، އިންތިޤާލީ ސަރުކާރުގެ ރައީސްކަމަށް ޑރ.މުޙަންމަދު ޖަމީލް އަޙުމަދު ހަމަޖައްސަވާނެކަމުގެ ވާހަކައެވެ. ޑރ.ޖަމީލަކީ ނޝީދު އުފެއްދެވި އިއްތިޙާތުގެ ރައީސެވެ.
މިއީ ކިހާ ސީރިއަސް ވާހަކަފުޅެއްކަން އެނގިވަޑައިގަންނަވާނީ ނަޝީދަށެވެ.
އެހެންނަމަވެސް މިއީ ރާއްޖޭގެ ޤާނޫނީ އިމުގެތެރެއިން ކުރެވެން އޮތްކަމެއްކަމަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. ޤާނޫނޫ އަސާސީގައި ބަޔާންކުރާ ވެރިކަން ބަދަލުވާ ޙާލަތްތަކަށް ބަލާއިރު، އެއްވެސް ޙާލެއްގައި އިންތިޤާލީ ވެރިކަމަކަށް ފުރުސަތެއް ނެތެވެ. އެޙާލަތު ގެނެވޭނެ ގޮތެއްވެސް ނެތެވެ.
އެހެންކަމުން އެފަދަ ސަރުކާރެއް ވުޖޫދުކޮށް، އަދި ނަޝީދު ވިދާޅުވާ ވަކިބޭފުޅަކު އެސަރުކާރުގެ ރައީސަކަށް ޢައްޔަންކޮށް ހެދުމަކީ ކިހިނެއްކުރެވޭނެކަމެއްބާއެވެ؟
ހުވަފެނެއްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބޭނުންގޮތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިއްޖެނަމަ، ކަންކުރާނެ ގޮތުގެ ތަސައްވަރެއް އަޅުގަނޑުވެސް ހާމަކޮށްފާނަމެވެ. އެހެންނަމަވެސް އެއީ ހަޤީގަތުގައި ކުރެވޭނެ ކަމަކަށް ނުވާނެއެވެ. އެފަދަ ފުރުސަތެއް ވކި މީހަކަށް ލިބޭނޭ މަގެއް ނެތެވެ.
ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ އެއްވެސްގޮތަކުން މަޤާމުން ވަކިވެއްޖެނަމަ، ދައުރުގެ ބާކީއޮތްބައިގާ އެމަޤާމު އަދާކުރައްވަން ޖެހިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށެވެ. އެހެންކަމުން ރައީސް ނެތިއްޖެ ޙާލަތެއްގައި އަބަދުވެސް ނައިބު ހުންނަވާނީ އެކަމަށް ތައްޔާޜަށެވެ.
ނަޝީދދުގެ ވރިކަމުގައި މިޙާލަތު ވަނީ ފެނިފައެވެ.
ދެން އޮތީ ރައީސާއި ނައިބުރައީސް އެއްފަހަރާ މަޤާމުން ވަކިވުމެވެ. މިޙާލަތު އެއްވެސްގޮތަކުން މެދުވެރިވެއްޖެނަމަ، 60 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ވާއްވަން ޖެހޭނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. އެކަމަށް އިންތިޤާލީ ސަރުކާރެއް ގެނެވޭނެގޮތެއް ނެތެވެ. ކަންކަން ކުރަންވީގޮތާއި އިންތިޒާމުތައް ހަމަޖައްސަންޖެހޭ އުސޫލުވެސް ޤާނޫނު އަސާސީގައި ލިޔެފައިވެއެވެ.
އެހެންކަމުން ނަޝީދު ވިދާޅުވާ އިންތިޤާލީ މަޤަށް ރާއްޖެ ދިއުމަކީ ނުވަތަ ގެންދިއުމަކީ ކޮބައިބާއެވެ؟ ޕޯޑިއަމްތަކުގައި މިވާހަކަދައްކަވާ ބޭފުޅުން މިސުވާލުގެ ޖަވާބުދެއްވަންޖެހެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.