ރާއްޖޭގައި ކެންސަރު ބަލި އޮތީ ކަންބޮޑުވާ ދަރަޖައަކަށް: މިނިސްޓަރ

ރާއްޖޭގައި ކެންސަރު ބަލި އޮތީ ކަންބޮޑުވާ ދަރަޖައަކަށް ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ވެކްސިން ރާއްޖެއަށް ތަޢާރަފް ކުރުމަށް ތާޖުއްދީން ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ކެންސަރާ ދެކޮޅަށް ރާއްޖެއަށް މިއަދު ތަޢާރަފްކުރި ވެކްސިންގެ ސަބަބުން އާބާދީގެ ބޮޑުބައެއް ކެންސަރުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވަރަށްބޮޑަށް އުންމީދު ކުރެވޭ ކަމަށެވެ. އެހެން ކަމުން މިއަދު ތަޢާރަފްކުރި ވެކްސިން ޕްރޮގްރާމުގައި ބައިވެރިވެ ލިބިގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި މި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ޢުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ.  އެޗްޕީވީ ވެކްސިން ދިނުމުގެ ކެމްޕޭން ނިމޭނީ މިއަހަރު ޖޫން 21 ގައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އާޓްސް، ކަލްޗަރ، ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނެވެ. އެކަމަނާ ވިދާޅުވީ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވެ ތިބުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.