ނިއުޒީލެންޑުގެ ސަރުކާރުގެ ޓީވީ އާއި ރޭޑިއޯއިން ހުކުރު ނަމާދުގެ ބަންގި ގެންނަ ގޮތަށް ހަމަޖައްސައިފި

ނިއުޒީލެންޑުގެ ސަރުކާރުގެ ޓީވީ އާއި ރޭޑިއޯއިން އަންނަ ހުކުރުދުވަހުގެ ހުކުރު ނަމާދުގެ ބަންގި ގެންނަ ގޮތަށް ހަމަޖައްސާފައިވާކަމަށް ބޮޑުވަޒީރު ޖަސިންޑާ އާޑަން ވިދާޅުވެއްޖެއެވެ.

ބޮޑު ވަޒީރު ޖަސިންޑާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ޓީވީ އާއި ރޭޑިއޯއިން ހުކުރު ނަމާދުގެ ބަންގި ގެންނަ ގޮތަށް ހަމަޖެއްސީ ކްރައިސްޗާޗުގެ ދެމިސްކިތަކަށް ޓެރަރިސްޓަކު ދިން ހަމަލާގައި މަރުވި މީހުންނާއި ޒަހަމުވީ މީހުންނާ އެއްބައިވުމުގެ ގޮތުންނެވެ.

ފާއިތުވި ހުކުރު ދުވަހު ނިއުޒީލޭންޑުގެ ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާއަށް ހަފުތާއެއް ފުރިގެންދާއިރު އެ ހިތާމަވެރި ހާދިސާގައި ޝަހީދުވި މީހުންނާއި ޒަހަމުވީ މީހުންގެ ހަނދާނުގައި ދެ މިނިޓުގެ ސުކޫތެއް މުޅި ނިއުޒީލޭންގައި ބޭއްވުމަށް ހަމަޖައްސާފައި ވާކަމަށް ވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. އެކަމަނާ އެހެން ވިދާޅުވީ ކްރައިސްޗާޗުގައި ހުންނަ "ކަޝްމީރު ހައި ސްކޫލް"އަށް ވަޑައިގެން އެތަނުގެ ދަރިވަރުންނާ ދެއްކެވި ވާހަކަފުޅެއްގައެވެ. އެ ސްކޫލުގެ މިހާރުގެ ދެ ދަރިވަރުންނާއި ކުރީގެ ދަރިވަރަކު ވެސް ވަނީ ހަމަލާގައި ޝަހީދުވެގެން ގޮސްްފައެވެ.

ކްރައިސްޗާޗް ހަމަލާގައި ޒަޚަމްވި ސީރިޔާގެ ޒުވާނެއްކަމުގައިވާ ޒައިދު މުޞްޠަފާ، ހަމަލާގައި ޝަހީދުވި އޭނާގެ ބައްޕަ އާއި ބޭބެގެ ޖަނާޒާގައި ބައިވެރިވަނީ

ނިއުޒީލޭންޑުގައި ހުކުރުދުވަހު ދެ މިނިޓުގެ ސުކޫތެއް ގެނައުމަކީ ވެސް ކްރައިސްޗާޗުގައި ޝަހީދުވީ އަދި ޒަހަމުވީ އަޚުންނާއި އުޚުތުންނާ އެއްބައިވުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ.

ކްރައިސްޗާޗުގެ ދެ މިސްކިތެއްގައި ތިބި މުސްލިމުންނަށް ދިން ހަމަލާގައި 50 މީހުން ޝަހީދުވެ 40 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. ޝަހީދުވީ މީހުންނާއި ޒަހަމުވީ މީހުންނަކީ ނިއުޒީލޭންޑަށް ހިޖުރަކޮށްފައިވާ މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން، ބަނގްލާދޭޝް، އަފުޣާނިސްތާން، މެލޭޝިޔާ، އިންޑޯނޭޝިޔާ، ތުރުކީ އަދި ސޯމާލިޔާގެ މީހުންނެވެ.

ނިއުޒީލޭންޑުގެ ސަރުކާރުން ބުނި ގޮތުގައި ބަޑީގެ ހަމަލާއިން ޒަހަމުވީ މީހުންގެތެރޭން 29 މީހަކަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން މިހާރު ވެސް ފަރުވާ ދެމުން އެބަގެންދެއެވެ. އޭގެތެރެއިން އަށް މީހުންގެ ހާލު ވަރަށް ދެރައެވެ.

މިދިޔަ ހުކުރު ދުވަހު ނިއުޒީލޭންޑްގެ ދެ ހުކުރު މިސްކިތަކަށް ހުކުރުނަމާދަށް ގޮސްތިބި ބަޔަކަށް ބަޑިން ހަމަލާދިނީ އޮސްޓްރޭލިއާގެ ރައްޔިތެއްކަމުގައިވާ އުމުރުން 28 އަހަރުވީ ބްރެންޓަން ޓަރެންޓްއެވެ. އޭނާއަކީ އެމެރިކާގެ ރައީސް ޓްރަމްޕް ދެކެ ލޯބިވާ، މުސްލިމުންނަށް ވަރަށް ބޮޑަށް ނަފުރަތު ކުރާ މީހެކެވެ.  

ހަމަލާގައި ޝަހީދުވީ މީހުން ވަޅުލުމުގެ ކަންތައް ނިއުޒީލޭންޑު ސަރުކާރާއި މުސްލިމު ޖަމާއަތްތަކާ ގުޅިގެން މިއަދު ވަނީ ފަށާފައެވެ. ފުރަތަމަ ވަޅުލީ ސީރިޔާގެ ދެބަފައިން ކަމުގައިވާ ޚާލިދު މުޞްޠަފާ އާއި ޙަމްޒާ މުޞްޠަފާއެވެ. އެ ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވިއެވެ.

ކަށުނަމާދުގައި ބައިވެރިވުމަށް ނިއުޒީލޭންޑްގެ އެކި ސަރަހައްދުން ވަރަށް ގިނަ އަދަދެއްގެ މުސްލިމުން ދިޔައެވެ. މުޞްޠަފާ އާއި ޙަމްޒާ ވަޅުލީ ކްރައިސްޗާޗުގެ މެމޯރިއަލް ޕާކު ގަބުރުސްތާނުގައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.