ޗައިނާގެ ޒިންޖިޔާންގ ޕްރޮވިންސުގައި 2014 ވަނަ އަހަރުން ފެށިގެން ފާއިތުވި ފަސް އަހަރުގެ ތެރޭގައި '13000 ޓެރަރިސްޓުން' ހައްޔަރުކޮށް، އެތައް ސަތޭކަ 'ޓެރަރިސްޓް ގޭންގެއް' ރޫޅާލައި 'ޣައިރު ޤާނޫނީ ދީނި އަމަލުތައް ހިންގި' 30000 މީހުންނަށް އަދަބުދީފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާއިން މިހެން ބުނެފައިވަނީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ޒިންޖިޔާންގ ޕްރޮވިންސުގައި އެގައުމުގައި ހިންގާ ކޭންޕްތަކާއި، އަޅާފައިވާ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަށް ފާޑުކިއުން އިތުރުވެފައި ވަނިކޮށެވެ.
ޒިންޖިޔާންގ ޕްރޮވިންސުގެ ހާލަތާމެދު ޗައިނާއިން ނެރުނު ރިޕޯޓުގައި 'ޓެރަރިސްޓުން' ކަމުގައި ސިފަކޮށްފައި ވަނީ ދީނީ ޝިއާރު ފާޅުކުރަން މަސައްކަތްކުރާ މުސްލިމުންނެވެ. ޗައިނާގެ ނަޒަރުގައި 'ޣައިރު ޤާނޫނީ ދީނީ ޢަމަލު'ތަކަކީ މުސްލިމުން ފާޅުކުރާ ދީނީ ޝިޢާރުތަކެވެ. އެ ޕްރޮވިންސުގައި ދިރިއުޅޭ އެތައް މިލިއަން މީހުން ދީނީ އެއްވެސް ހަރަކާތެއް ހިންގައި، ދީނީ ކަމެއްކަން ދޭހަވާ އެއްވެސް ކަމެއް ފާޅުގައި ކުރުމަށް ޗައިނާއިން ދަނީ ހުރަސްއަޅަމުންނެވެ.
'ޓެރަރިޒަމާ' 'ދީނީގޮތުން ހައްދު ފަހަނައަޅައި ދިނުމާ' ދެކޮޅަށް ކުރެވުނު މަސައްކަތްތައް ކަމަށްބުނެ ޗައިނާއިން ނެރުނު ދިގު ރިޕޯޓުގައި، ސަރުކާރުން ކުރި މަސައްކަތުން 'ހައްދު ފަހަނައަޅައިދިއުން' ކޮންޓްރޯލުކުރުވިފައިވާ ކަމަށް ބުނިއިރު، ސަރުކާރުން ހުއްޓުވީ ކޮން 'ޖަރީމާތަކެއް' ކަންވެސް އަދި އެކަމުގެ ހެއްކެއްވެސް ހާމަކޮށްފައި ނުވެއެވެ.
'ތަރުބިއްޔަތުކުރާ މަރުކަޒުތައް' ކަމަށް ބުނެ ޗައިނާއިން ހިންގާ ކޭންޕުތަކުގައި 1.5 މިލިއަން މުސްލިމުން ބަންދުކޮށްފައި ވާއިރު، އެމީހުންގެ ތެރޭގައި މުޖުތަމައުގެ އިސްމީހުންނާއި، ފަންނާނުންނާއި، ރިސާޗު މަސައްކަތްކުރާ މީހުންނާއި، ޕެންޝަން ލިބިފައިވާ މީހުންނާއި، ތަފާތު ފަންތީގެ އެތައް ބަޔަކު ހިމެނެއެވެ.
މި ކޭންޕުތަކަކީ ޗައިނާ ބުނާފަދަ 'ތަރުބިއްތުކުރާ މަރުކަޒުތަކެއް' ކަން ދެއްކުމަށް، ފާއިތުވި ހަފުތާގައި ޖެނީވާގައި ކުރިއަށް ދިޔަ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ބައްދަލުވުމުގެ ކުރިން، ޗައިނާއިން އެގައުމުގައި ތިބޭ ޑިޕްލޮމޭޓުންނަށް މިފަދަ 'މަރުކަޒެއް' ދައްކާލާފައެވެ.
އެމީހުންނަށް ޗައިނާއިން ބުނެދިން ގޮތުގައި އެމަރުކަޒުތަކުގައި 'ކިޔަވާމީހުންނަށް' ހިލޭ ތައުލީމާއި ތިބުމާއި ދެވެއެވެ. ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދިނުމުގެ އިތުރަށް، ޗައިނާ ބަސް ކިޔަވައި ދެވެއެވެ.
އެހެންނަމަވެސް، ދާދި ފަހުން އިނގިރޭސި ނޫސް ދަ ގާޑިއަނުން ހާމަކުރި ގޮތުގައި ޗައިނާއިން މި ހުރިހާ ކަމެއް ކުރަނީ ޒިންޖިޔާންގ ޕްރޮވިންސުގައި އުޅޭ މުސްލިމުންނަށް އެގައުމުން ކުރާ އަނިޔާ ފޮރުވުމަށެވެ.
މުސްލިމުންނަށް ދީނީ ޝިއާރު ފާޅުކުރުން މަނާކޮށްފައި އޮންނަ ވަރުން ޤުރްއާނުގެ އާޔަތެއް ފޯނުގެ ރިންގްޓޯނެއްގެ ގޮތުގައި ބޭނުންކުރުމަކީވެސް ބޮޑު އަދަބެއް ދެވޭ ޖަރީމާއެކެވެ.