ގޯއާގެ ޗީފް މިނިސްޓަރު އަވަހާރަވެއްޖެ

ގޯއާގެ ޗީފް މިނިސްޓަރު މަނޯހަރު ޕާރިކަރު: އޭނާ ވަނީ މިރޭގެ ވަގުތެއްގައި އަވަހާރަވެފައި

އިންޑިޔާގެ ގޯއާ ސްޓޭޓްގެ ޗީފް މިނިސްޓަރު މަނޯހަރު ޕާރިކަރު މިރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ. އުމުރުން 63 އަހަރުގައި އަވަހާރަވި ޕާރިކަރު ގެންދެވީ ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުއްސުރެ ޕެންކްރިޔާސްގެ ކެންސަރަށް ފަރުވާ ހޯއްދަަވަމުންެެނެވެ.

"ޗީފް މިނިސްޓަރު ވަނީ މިރޭ 6:40 ގައި އަވަހާރަވެފައި." ސްޓޭޓް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިއެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީގެ ނުފޫޒުގަދަ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޕާރިކަރު  މިދައުރުގައި ޗީފް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތީ 14 މާރިޗު 2017 ގައެވެ. އޭނާ ވަނީ މީގެ ކުރިން 2000 އިން 2005 އަށް އަދި 2012 އިން 2014 އަށް ގޯވާގެ ޗީފް މިނިސްޓަރުކަން ކުރައްވާފައެވެ.

ޕާރިކަރު އަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރުގައި ދިފާއީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ދިފާއީ ވަޒީރުކަމުގެ މަގާމުގައި ހުންނެވީ 2014 އިން 2017 އަށެވެ.

ޗީފް މިނިސްޓަރު އަވަހާރަވީ ޚަބަރު ފުރަތަމަ އާއްމުކުރެއްވީ އިންޑިޔާގެ ރައީސު ރާމް ނާތު ކޯވިންދުއެވެ. އޭނާ ވަނީ ޕާރިކަރު އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެ މިރޭ ޓުވީޓުކުރައްވާފައެވެ.

1955 ވަނަ އަހަރު، އޭރު ޕޯޗްގީޒް ކޮލޮނީއެއްގެ ގޮތުގައި އޮތް ގޯއާގެ މަޕޫސާގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ޕާރިކަރު ފާހަގަކުރެވިފައިވަނީ ވަރުބަލިފުޅުވުމެއްނެތި މަސައްކަތުގައި އުޅުއްވާ ބޭފެއްގެ ގޮތުގައެވެ. އޭނާ އަވަހާރަވުމުގެ ތިން ހަތަރު ދުވަސް ކުރިންވެސް ނޭފަތަށް ހޮޅިއަށް ގުޅާފައިވާ ހާލުގައިވެސް އޭނާ މަސައްކަތުގައި އުޅުއްވާ މަންޒަރު ފެނިފައި ވެއެވެ. ފުރާނައަށް ނުރައްކާވާ ފަދަ ބައްޔެއްގައި އުޅުއްވަމުންވެސް އަރާމުކުރެއްވުގެ ބަދަލުގައި އޭނަ އިޚްތިޔާރުކުރެއްވީ މަސައްކަތްޕުޅުގައި ދެމިހުންނެވުމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.