ޚިޔާލު ތަފާތު މީހުންނާއެކުވެސް މަސައްކަތް ކުރަން އަޅުގަނޑު ދަންނަން: ރައީސް

ސިޔާސީ ގޮތުން ޚިޔާލު އެއްގޮތް ނޫން މީހުންނާއެކުވެސް މަސައްކަތް ކުރަން އެނގިވަޑައިގަންނަވާ ކަމަށާއި، ސިޔާސީ ގޮތުން ފިކުރު ތަފާތު ވިޔަސް ފުރުޞަތު ދެއްވަން ކެރިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ޖަލްސާއެއްގައި ނ. މަނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ގޮތުން ކިތަންމެ ޚިޔާލު ތަފާތު ވިޔަސް އެފަދަ ބަޔަކާއެކު މަސައްކަތް ކުރެއްވުމުގެ ތަޖުރިބާވެސް އެމަނިކުފާނުގެ ކިބައިގައި އެބަހުންނެވި ކަމަށެވެ. އަދި ސިޔާސީ ގޮތުން ތަފާތު ފިކުރުތަކަށްވެސް ޖާގަ ދެއްވާނެ ކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ.

"އެކަމުގެ ތަޖުރިބާއާ އެކީގައި އަޅުގަނޑު އައިސް މިހުރީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވާނެ ކަމަށް އެދުވަހު ރައްޔިތުން އުންމީދުކޮށް އިތުބާރު ކުރި ކަމަށެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ސަރުކާރަށް ނުލިބިއްޖެނަމަ ވައުދުތައް ފުއްދެވުމުގައި އުދަނގޫތަކެއް ހުންނާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"މިއަދު އަޅުގަނޑުގެ ވާޖިބެއް، އަޅުގަނޑުގެ ޒިންމާއެއް، އެވައުދުތައް ފުއްދުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރުމަކީ، އެސަބަބަށްޓަކައި އަޅުގަނޑުވީ ވައުދުތައް ގަބޫލުކުރާ ތާއީދުކުރާ ބަޔަކު ރައްޔިތުންގެ މަޖިލީހަށް ހޮވުމަށް އަޅުގަނޑު ނިކުމެ މިހުރީ" ރައީސް ވިދާޅުވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.