އިންޑޮނޭޝިޔާގައި ފެންބޮޑުވެ 42 މީހުން މަރުވެއްޖެ

އިންޑޮނޭޝިޔާގެ ޕަޕުއާ ޕްރޮވިންސުގައި އާދަޔާއި ޚިލާފަށް ފެންބޮޑުވެ 42 މީހުން މަރުވެއްޖެ ކަމުގައި އެ ސަރަހައްދުގެ އޮފިޝަލުން މައުލޫމާތު ދީފިއެވެ.

މީގެ އިތުރަށް 21 މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ.

ފެންބޮޑުވެފައި މިވަނީ ހޮނިހިރު ދުވަހުއްސުރެ އެ ޕްރޮވިންސުގެ ވެރިރަށް ޖަޔަޕޫރާއަށް ވެހެންދާ ބޯ ވާރޭގެ ސަބަބުންނެވެ.

ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އެޖެންސީގެ ތަރުޖަމާނު ސުޓޯޕޯ ނުގްރޯހޯ ބުނީ ޖަޔަޕޫރާ ކައިރީގައި އޮންނަ ސެންޓާނީ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން 150 ގެއެއް ވަނީ ފެނު އަޑީގައި ކަމަށެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ޖަޔަޕޫރާގެ ކައިރީގައިވާ ނުވަ އަވަށެއްގައި ފެންބޮޑުވެ 2 ބްރިޖެއް ހަލާކުވެފައި ވާއިރު، ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާވެސް ވަނީ ހިނގާފައެވެ.

"މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ފެންބޮޑުވުގެ ސަބަބުން ގެއްލުންވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން" ނުގްރޯހޯ އިތުރަށް ބުންޏެވެ.

ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމަކީ ވިއްސާރަ މޫސުމުގައި އިންޑޮނޭޝިޔާގައި އާއްމުކޮށް ދިމާވާ ކަމެކެވެ.

ނުގްރޯހޯ އިތުރަށް ބުނި ގޮތުގައި ފެންބޮޑުވެ ގެއިން ނުކުންނަން ޖެހުނު 120 މީހަކަށް ވަނީ ސަރުކާރުގެ އިމާރާތްތަކުގައި ވަގުތީ ހިޔާ ހަމަޖައްސައި ދީފައެވެ.

ޕަޕުއާ ޕްރޮވިންސަކީ އިންޑޮނޭޝިޔާގެ އެންމެ އިރުމަތީ ޕްރޮވިންސެވެ. އެ ޕްރޮވިންސާއި، އިންޑޮނޭޝިޔާއިން މިނިވަންވި ގައުމެއް ކަމަށްވާ ޕަޕުއާ ނިއުގިނީއަކީ އެއް ރަށެއްގެ ދެބައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.