އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން ބޭރަށ މަސްބޭރު ކުރެވެންޖެހޭ

ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސް: ފޮޓޯ ސޯޝަލް މީޑިއާ

އައްޑޫ ސިޓީ ހުޅުމީދޫގައި ޤާއިމް ކޮށްފައިވާ "އައްޑޫ ފިޝަރީޒް ކޮންޕްލެކްސް" ޕްރޮޖެކްޓުގައި ސޮއިކުރެއްވީ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައެވެ. އެ މަސައްކަތް ޙަވާލުކުރީ މެލޭޝިއާ ބަޔަކާއެވެ. އެ ޕްރޮޖެކްޓުގެ މަސައްކަތް ޑރ. ވަޙީދުގެ ސަރުކާރުގައި ފަށްޓަން ވެސް ފެއްޓެވިއެވެ. އެހެންނަމަވެސް އެމަސައްކަތް ކުރިއަށް ގެންދެވޭގޮތް ނުވެގެން ހުއްޓުނީއެވެ.

އެ މަޝްރޫޢުގެ މަސައްކަތް ދެވަނަރަށް ފަހަރަށް ފެއްޓެވީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރު ޑިސެމްބަރު 28 ގައެވެ. އުންމީދުތަކާއި އެތައް ބައެއްގެ ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމުގެ އުފާވެރި ޚަބަރާއެކު ފެށި ހަތް މިލިއަން ޑޮލަރުގެ އެޕްރޮޖެކްޓާ ބެހޭގޮތުން މިފްކޯގެ މިހާރުގެ މެނޭޖިންޑިރެކްޓަރ އިސްމާޢީލް ފައުޒީ ވިދާޅުވީ އެއީ މިފްކޯގެ ތާރީޚުގައި ވެސް ކޮށްފައިވާ އެންމެ ގެއްލުންބޮޑު އިންވެސްޓްމެންޓް ކަމަށެވެ.

ޙަޤީގަތުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ޑިޒައިން ކޮށްފައިވަނީ ހިތަދޫގައި އަޅާގޮތަށެވެ. އެހެންނަމަވެސް ފަހުން އެތަން މަރަދޫގައި އެޅުމަށް ނިންމިއެވެ. އެހެންނަމަވެސް ހުޅުމީދޫގައި އެތަން އެޅުމަށް އޭރުގެ ސަރުކާރުން ނިންމެވީ އެތަން އަޅާނެ ބިން މަރަދޫން ހަމަނުޖެހިގެންނެވެ. އެކަމަށް އެދި ސަރުކާރުން 4 ވަރަކަށް ސިޓީ ފޮނުވި ކަމަށާއި އެހެންނަމަވެސް އެއިން އެއްވެސް ސިޓީއަކަށް ޖަވާބު ނުލިބުމުން އެތަން ހުޅުމީދުއަށް ބަދަލު ކުރެއްވީ އެކަން އެގޮތަށް ކުރައްވާނެ ކަމުގެ އިންޒާރު  ކައުންސިލަށް ދެއްވައިފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިފްކޯގެ މިހާރުގެ އެމްޑީ އިސްމާޢީލް ފައުޒީ ވިދާޅުވެފައިވަނީ އެކަން އެގޮތަށް ކޮށްފައިވަނީ (ޕްރޮޖެކްޓް ހުޅުމީދުއަށް ބަދަލުކުރުން) ސިޔާސީ ނުފޫޒުން ކަމަށެވެ. ގުޅިފައިވާ ސަރަޙައްދުގައި އެތަން އެޅިނަމަ ފައިދާ ބޮޑުވެފައި އެއާޕޯޓު މެދުވެރިކޮށް މަސްބޭރުކުރަން ވެސް ފަސޭހަވީސް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެތަނުގައި ފައިދާ އައްޑޫސިޓީގެ ރައްޔިތުންނަށް ހަމަހަމަގޮތަކަށް ބެހިގެންދިޔައީސް ކަމަށް ވިދާޅުވިއެވެ.

މަރަދޫގައި އެތަން އެޅުމަކީ އެންމެ ރަނގަޅުގޮތް ކަމަށް އޭރުގެ ސަރުކާރުން ވެސް ޤަބޫލުކުރެއްވިއެވެ. އެހެންނަމަވެސް ސިޔާސީ ނުފޫޒުގެ ސަބަބުން އެކަން އެގޮތަށް ނުވީއެވެ. "މަރަދޫން ބިންހަމަޖައްސައިދޭން ތިން ހަތަރު ފަހަރު ސިޓީ ފޮނުވައިގެން ޖަވާބު ނުދިނީމައި ހުޅުމީދުއަށް އެތަން ބަދަލުކުރީ. އެއީ ސިޔާސީ ނުފޫޒުން ހިނގިކަމެއް. އެކަން އެގޮތަށް ކޮށްފައިވަނީ އިޓާލީ މީހެއްގެ ވިޔަފާރި އަށް ފުރުސަތުދޭން" ސަރުކާރާ ވަރަށްބޮޑު ގުޅުމެއް އޮތް ބޭފުޅަކު ވިދާޅުވިއެވެ.

ހުޅުމީދޫގައި އެތަން އެޅިޔަސް މަސްކިރަން އަންނަ މީހުންނަށް އެތަނަށް ވަދެވޭނެ ރަނގަޅު ނެރެއްނެތެވެ. އެކަމާބެހޭ ގޮތުން މިފްކޯގެ ކުރީގެ މެނޭޖުމެންޓުން ވިދާޅުވެފައިވަނީ އެކަންވެސް ކުރާ ފަރާތްތަކުން އެކަންކުރާނެ ކަމަށެވެ. މިފްކޯއިން ގެންދަނީ އެކުންފުނީގެ ޒިންމާގެ ދަށުން ފިޝަރީޒް ކޮމްޕްލެކްސް އަޅަމުން ކަމަށެވެ.

"ދޯނި ފަހަރު ވަންނާނެ ބަނދަރު އޮތް ނަމަވެސް ނެރު އެބަޖެހޭ ރަނގަޅު ކުރަން. ބައްތި ޖަހަން. މަސް ކިރުވިދާނެ މިހާރު. އެކަމަކު އެކްސްޕޯޓު ކުރެވޭނެ ގޮތެއް ނެތް. މިހާރު އޮތް ގޮތުން އެބަޖެހޭ ފެކްޓްރީން ޕްރޮސެސްކޮށްގެން ބޯޓާ ހަމައަށް މަސްގެންދަން ޚާއްސަ ބާޖެއް ބާއްވަން. އެއީވެސް އިތުރު އިންވެސްޓްމެންޓެއް. އެފަދަ ބާޖެއް ހެދުމަށްވެސް ލައްކައެއްހާ ޑޮލަރު ޚަރަދު ކުރަންޖެހޭނެ،" އިސްމާޢީލް ވިދާޅުވިއެވެ.

އައްޑޫފިޝަރީޒް ކޮމްޕްލެކްސް ހުރިސަރަހައްދުގައި އޮތް ބަނދަރަކީ މިފްކޯގެ ކުދި ބޯޓުފަހަރަށް ވަދެވޭނެ ތަނެއްނޫނެވެ. އެތަން އެއަށްވުރެ ތިލައެވެ. އެހެންކަމުން ބަނދަރު ފުންކުރުމުގެ މަޝްވަރާތައް ވެސް މިހާރު ދަނީ ކުރެވެމުންނެވެ. ދެންއޮތީ ބަނދަރަށް ވަންނަ ނެރެވެ. އެނެރަކީ ދިގު ނެރެކެވެ. އެހެންނަމަވެސް ސީދަލަށް އޮތް ނެރެއްވެސް ނޫންނެވެ. މަސްދޯނި ފަހަރާއި މިފްކޯގެ ކުދި ބޯޓުފަހަރު ބަނދަރަށް ވަދެ ނުކުތުމަށް އެ ނެރުވެސް ފުންކުރަންޖެހެއެވެ. އަދި ބައްތި ވެސް ޖަހަންޖެހެއެވެ. މިކަންކަން ކުރެއްވުމަށް ކަމާބެހޭ ފަރާތްތަކާއެކު މިހާރުވެސް މަސައްކަތް ކުރައްވާ ކަމަށް އިސްމާޢީލް ވިދާޅުވިއެވެ.

އައްޑޫފިޝަރީޒް ކޮޕްލެކްސްގެ މަސައްކަތް ޒަމާންތަކަށް ފަހު މިހާރުވަނީ ގާތްގަނޑަކަށް ނިމިފައެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ ޖަނަރޭޓަރުތަކެއް ސިންކްރޮނައިޒް ކުރުމެވެ. އެ މަސައްކަތަށްފަހު އެތަނުގައި އޮޕަރޭޝަން ފެށިދާނެއެވެ. އެހެންނަމަވެސް މަސްދޯނި ފަހަރާއި، މަސްބޯޓު ފަހަރު އެތަނަށް ވަދެނުކުތުމަށް އެކަށީގެންވާ ބަނދަރަކާއި ނެރެއްނެތެވެ. އެތަނުން ޕްރޮސެސްކުރާ މަސް މިފްކޯގެ ބޯޑުބޯޓަށް ގެންދެވެންނެތެވެ. އެކަން ކުރެވޭނީ ބާޖު އޮވެގެންނެވެ. ބާޖުން އެކަން ކުރާ ކަމަށްވާނަމަ މަސް ހަލާކުވެ، ބާޒާރުގައި ލިބެންވާ ހަމައަގު ލިބުމުގެ ފުރުސަތު ވަރަށްކުޑަވެގެންދާނެ ކަމަށް އިސްމާޢީލް ވިދާޅުވިއެވެ.

އެތަން އޮޕަރޭޝަނަށް ނުނެރެވި ދުވަސްވީ ކޮރަޕްޝަނުގެ ސަބަބުންނެވެ. އެތަނުގެ ބައެއް މަސައްކަތްތައް ހިނގަމުން ދިޔައިރު މަސައްކަތް ނުނިމެނީސް ފައިސާ ދޫކޮށްފައިވެއެވެ. މިހާރުއޮތް ގޮތުން އެތަނަށް އިތުރު އިންވެސްޓްމެންޓް ގެންނަންޖެހޭ ކަމަށް އިސްމާޢީލް ވެސް ވިދާޅުވިއެވެ. "އެޑްވާންސްކޮށް ފައިސާ ހުރީ ދޫކޮށްފައި، އެލްސީ ހުޅުވާފައި މިއޮތީ ޕްރޮޖެކްޓް މެނޭޖަރު ކޮންފޮމޭޝަން ދިނީމަ ފައިސާ ދޭ ގޮތަށް. އޭރު މިތަނުގައި ތިއްބެވި ބައެއްގެ އަމިއްލަ ފައިދާއަށް މަސައްކަތްކޮށް މަޝްރޫޢު ނިންމާ ނުލެވެނީސް އެ ފައިސާ ދީފައިވަނީ. އޭގެ ފަހުން އެތަން ރަސްމީކޮށް ހުޅުވައި އޮޕަރޭޝަނަށް ގެންދަން ވެގެން އިތުރަށް 4.1 މިލިއަން ޑޮލަރު އަނެއްކާ މިފްކޯ އިން ވަނީ ދޫކޮށްފައި،" އިސްމާޢީލް ވިދާޅުވިއެވެ.

އިސްމާޢީލް ފައުޒީގެ މިވާހަކަތަކަށް ބާރުދެއްވައި އޭރުގެ ސަރުކާރުގެ އިސްބޭފުޅަކުވެސް ވަނީ އާފަތިހަށް މަޢުލޫމާތު ދެއްވައިފައެވެ. އޭނާ ވިދާޅުވީ ރައީސް ޑރ. ވަޙީދުގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަން ނިމުމާ ހަމައަށް ސަރުކާރުން ވަނީ ތިންފަހަރެއްގެ މަތިން ފައިސާ ދޫކޮށްފައި ކަމަށެވެ. އެހެންނަމަވެސް އެތަނުގެ ކޮރަޕްޝަންގެ ސަބަބުން މަސައްކަތް ނިންމާނުވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކުގެ ވެރިކަމުގައި އެތަނުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މަސައްކަތަށް ބޭނުންވާ ސާމާނު ބޭރުގެންނަން އޯޑަރު ކުރިއެވެ. އެހެންނަމަވެސް ސާމާނު އައުމުގެ ކުރިން ފައިސާ ހުސްވި ކަމަށް އާފަތިހަށް މަޢުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ. އެކަން މިފްކޯއަށް ނޭނގި އެގޮތަށް ހިނގާނެ ހެއްޔެވެ؟ ފައިސާގެ މުޢާމަލާތް ހިނގާނީ އެކަމާ ގުޅޭ މިފްކޯގެ މުވައްޒަފުންގެ އެޕްރޫވަލް ލިބިގެންނެވެ. މިގޮތަށް ތިންފަހަރެއްގެމަތިން ސަރުކާރުން ވަނީ އެތަން ނިންމަން ފައިސާ ދީފައެވެ. އެހެންނަމަވެސް އެފައިސާ ދޫކޮށްފައިވާ ތާރީޚުތަކާއި އެއާ ބެހޭ އިތުރު މަޢުލޫމާތު ލިބޭ ގޮތެއް ނުވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕޮރޮޖެކްޓުގެ ތެރެއަށް ކޮރަޕްޝަން ވަދެފައިވަނީ މިފްކޯގެ ސީނިއަރ ބައެއް ބޭފުޅުންގެ މަސްލަޙަތު އޮންނަ ކުންފުނިތައް ސަބްކޮންޓްރެކްގެ ގޮތުގައި ނަގައި އެ ކުންފުނިތަކަށް އެޑުވާންސްކޮށް ފައިސާ ދޫކުރަން ފެށި ހިސާބުންނެވެ.

އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްގައި،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާއެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑު ކުރެވޭނެ ވަސީލަތް ވަނީ ގާއިމްކޮށްފައެވެ. އޭގެ އިތުރަށް 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރެވޭނެ އިންތިޒާމް ހުންނާނެއެވެ. އަދި އެތަން ތައްޔާރު ކުރަނީ މަސްކިރަން އަންނަ މަސްވެރިންނަށް ޚާއްސަ ކެފޭއަކާއި އަދި ވެސް އިތުރު ޚިދުމަތްތަކާއެކު ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.

މިފްކޯއިން ކުރިން ވިދާޅުވެފައިވަނީ އެތަނުގައި 200 މީހުންގެ ވަޒީފާ އުފެދޭނެ ކަމަށެވެ. މިހާރު އެތަނުގައި ތިބި މުވައްޒަފުންގެ ޢަދަދު އަދި 100 އަށް ނާރައެވެ. އެހެންނަމަވެސް އެތަނުން އެއްވެސް މީހަކު ދޫކޮށްލުމެއްނެތި މިފްކޯއިން ގެންދަނީ އެމީހުންގެ މުސާރަ ބަރާބަރަށް ދެމުންނެވެ.

މިތަނުން ޙަޤީޤީ ފައިދާ އައްޑުއަށްލިބޭނީ ގަންއިންޓަރނޭޝަނަލް ބަނދަރު މެދުވެރިކޮށް ރާއްޖެއިން ބޭރަށް މަސްބޭރު ކުރެވިގެންނެވެ. އެކަމާ ގުޅިގެން ކުރަންޖެހޭ ލައްކަގިނަ ކަންކަން އެބަހުއްޓެވެ. އެހެންނަމަވެސް ކަނޑުބޯޓުން ތައިލެންޑަށް މަސްބޭރު ކުރުމަށްވުރެ ގަންއިންޓަރނޭޝަނަލް އެއާޕޯޓުން މަސްބޭރުކުރެވެން ފެށިއްޖެނަމަ ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.