ރޭ ފަރަށްއެރި އަލްމާ ބޯޓު ފުންކޮށް މީދޫ ބަނދަރަށް ވައްދައިފި

މާލެއިން ފުރައިގެން ސ.މީދޫ އަށް ދަތުރުކުރި "އަލްމާ" ބޯޓު ސ.މީދޫ ނެރުބައްތީގެ އިރު ދެކުނު ފަރަށް ރޭ އެރި ކަމުގެ މަޢުލޫމާތު ރޭ ދަންވަރު 2:57  އެހައިކަންހާއިރު  ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައެވެ.

ރެއާއި މިއަދު ކުރި މަސައްކަތުން މިހާރުވަނީ ބޯޓު ފުންކޮށް މީދޫ ފަޅަށް ވައިދައިފައެވެ. އަދިވެސް ބޯޓު ދިޔަވަމުންދާތީ ސިފައިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ޕަމްޕް ބޭނުންކޮށްގެން ދިޔަ ހިއްކުމަށެވެ.

ބޯޓު ފަރަށްއެރިއިރު އޭގައި 11 މީހުން ތިއްބެވެ. އެއީ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ 5 ބިދޭސީންނާއި 4 ދިވެހިންގެ އިތުރުން ޕަސެންޖަރުންގެ ގޮތުގައި ބޯޓުން ދަތުރުކުރި 1 ބިދޭސީ އަކާއި ދިވެއްސެކެވެ.

އަލްމާ ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ނޫރައްދީން ލޯންޗުގެ ޑައިވަރުން، ޑައިވިންގއަށް ފައިބައިގެން ބެލި ބެލުމުން ބޯޓުގެ ވާތް ފަރާތުން ގާތްގަނޑަކަށް 3 ފޫޓެއްހާތަން ވަނީ ފަޅައިގެން ގޮސްފައިކަން އެނގިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި ބޯޓު ފަރަށް އެރުމާއެކު އެއްފަރާތަށް އަރި އެޅި ކަމަށް ވެސް ސިފައިން ވިދާޅުވިއެވެ. އެހެން ކަމުން ބޯޓުގައި ހުރި މުދާތައް އެހެން ދޯންޏަކަށް ވަނީ ހުސް ކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. އެއި ދަތުރު ކުރި ދެ ފަސިންޖަރުން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ލޯންޗެއްގައި ސަލާމަތްތެރިކަމާއެކު މީދޫއަށް ގެންގޮސްދީފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.