ކައިރި ކައިރީގައި ނުރައްކާތެރި ދެ ހާދިސާއެއްގައި ގިނަ ބައެއްގެ ފުރާނަ ގެއްލުމުން، އޭގެ ސަލާމަތްތެރިކަމާމެދު ސުވާލު އުފެދިފައިވާ 737 މެކްސް މަރުކާގެ ހުރިހާ މަތިންދާބޯޓެއްގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލުމަށް ބޮއިންގ ކުންފުނިން ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ ދުނިޔޭގައި މިހާރު ބޭނުންކުރަމުންދާ އެ މަރުކާގެ 371 މަތިންދާބޯޓު އުދުހުން މަނާކޮށްފައިވާ ކަމުގައެވެ. މި މައްސަލަ ވެގެންދާނީ މަތިންދާބޯޓު އުފައްދާ އެންމެ ބޮޑު ކުންފުންޏަށް މިފަހަކަށް އައިސް ދިމާވި އެންމެ ބޮޑު މައްސަލަ ކަމުގައެވެ.
އެމެރިކާގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާ، ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނީ އެ މަރުކާގެ ހުރިހާ ބޯޓެއް އުދުހުން ވަގުތީގޮތުން މަނާކުރަން ނިންމީ، އަލަށް ލިބުނު ސެޓެލައިޓް ޑާޓާއާއި، އެޑިސްއަބާބާ ކައިރިއަށް މަތިންދާބޯޓު ވެއްޓުނު ތަނުން ލިބުނު ހެކިތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.
737 މެކްސް މަރުކާގެ މަތިންދާބޯޓ އުފައްދާ ކުންފުނި ބޮއިންގއިން ބުނީ "އަދިވެސް 737 މެކްސްގެ ސަލާމަތްތެރިކަމާމެދު ފުރިހަމަ އިތުބާރު އެބައޮތް" ކަމަށެވެ.
އެހެންނަމަވެސް، އެ ކުންފުނިން ބުނީ އެފްއޭއޭ އާއި ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑް (އެންޓީއެސްބީ) އާ މަޝްވަރާކުރުމަށް ފަހު، އެ މަރުކާގެ ހުރިހާ ބޯޓެއް އުދުހުން މަނާކުރަން ނިންމީ "ރައްކާތެރިކަމަށް ދޭ ސަމާލުކަން ބޮޑުކަމުންނާއި، ވައިގެ މަގުން ދަތުރުކުރާ އާއްމުންނަށް އެބޯޓުގެ ސަލާމަތްތެރިކަން ޔަގީންކޮށް ދިނުމަށް" އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ފާއިތުވި އާދީއްތަ ދުވަހު އިތިޔޯޕިއަން އެއާލައިންސްގެ ބޮއިންގ 737 މެކްސް-8 މަރުކާގެ މަތިންދާބޯޓެއް އެޑިސްއަބާބާ ކައިރިއަށް ވެއްޓި އެ ބޯޓުން ދަތުރުކުރި 157 މީހުން މަރުވީ، ފާއިތުވި އަހަރުގެ އޮކްޓޯބަރު މުހުގެ ތެރޭގައި ލަޔަން އެއާގެ ހަމަ އެ މަރުކާގެ މަތިންދާބޯޓެއް ޖާވާ ކައިރީ ކަނޑަށް ވެއްޓި އެ ބޯޓުން ދަތުރުކުރި 189 މީހުން މަރުވިތާ 5 މަސް ފަހުންނެވެ. ދެ މަތިންދާބޯޓަކީވެސް އާ ދެބޯޓެވެ. ދެ ބޯޓުވެސް ވެއްޓުނީ އުދުއްސާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
އެފްއޭއޭއިން މަނީ މީގެ 6 އަހަރު ކުރިންވެސް ބޮއިންގ ކުންފުނީގެ އެހެން މަތިންދާބޯޓެއް ހުދުހުން ވަގުތީގޮތުން މަނާކޮށްފައެވެ. 2013 ވަނަ އަހަރުގެ ޖަނަވަރީ މަހު 17 ވަނަ ދުވަހު އެފްއޭއޭއިން ބޮއިންގ ކުންފުނީގެ 787 ޑްރީމްލައިނާ މަރުކާގެ މަތިންދާބޯޓު އުދުހުން ވަގުތީގޮތުން މަނާކުރީ އެ ބޯޓުގެ ބެޓެރިން ދުން އަރާކަމުގެ ޝަކުވާ ލިބެން ފެށުމުންނެވެ. މަނާކުރިތާ 123 ދުވަސް ފަހުން އެ މަތިންދާބޯޓު އުދުހުމުގެ ހުއްދަ އެފްއޭއޭ ދިނެވެ. އެއީ ބެޓެރީގެ މައްސަލަ ރަނގަޅުކުރުމުންނެވެ.