ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެމްއެމްޕީއާރުސީގެ ތެރެއިން ހިންގާފައިވާ ޚިޔާނާތުގެ ފައިސާ ވަދެފައިވާ ކަމަށް އޭސީސީން ހާމަކުރި ލިސްޓުގައި ތިއްބެވި ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙުގެ ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި ހިމެނުމުގެ ސަބަބުން ސަސްޕެންޑް ކޮށްފައިވާ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފް އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ފެންކުންފުނީގެ ޗެއާމަން އަޙްމަދު މައުސޫމްގެ މައްސަލަ އޭސީސީން އިތުރަށް ބެލުމަށް ފަހު ފާހަގަވި ކަންކަން ރައީސް ސޯލިޙުގެ ސަމާލުކަމަށްޓަކައި ފޮނުވައިފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ 1.3 ބިލިޔަން ރުފިޔާގެ ދައުރުކުރުމުގައި އިސްދައުރެއް އަދާކުރި ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓުން ގިނަ އަދަދެއްގެ ޑޮލަރު ޖަމާވެފައިވާ މީހުންގެ ދިގު ލިސްޓުގައި ހިމެނިފައިވާ މިސަރުކާރުގެ އިސް ތިންބޭފުޅުން ރައީސް ސޯލިޙް ސަސަޕެންޑް ކުރައްވާފައިވާއިރު އެ ތިންބޭފުޅުންވެސް ވިދާޅުވެފައި ވަނީ އެސްއޯއެފާއެމު ކުރައްވާފައިވާނީ ސައްޙަ މުއާމަލާތެއް ކަމަށާއި ވައްކަމެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ.
އޭސީސީގެ ރިޕޯޓަށް ފަހު އެބޭފުޅުން ސަސްޕެންޑް ކުރެއްވި ފަހުން މިނިސްޓަރ މަހްލޫފް ވަނީ އޭސީސީއަށް ސިޓީއެއްވެސް ފޮނުއްވާފައެވެ. އަދި އެކަން ވީއެންމެ އަވަހަކަށް ބަލައިދިނުމަށްވެސް އޭސީސީގައި އެދިވަޑައިގެންފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ރައީސް ސޯލިޙަށް ފޮނުވި ތަކެތީގެ ތެރޭގައި އެ މައްސަލައިގައި އެ ތިންބޭފުޅުން އޭސީސީއަށް ދެއްވި ބަޔާންތަކާއި އޭސީސީގެ ތަހުގީގުގައި ފާހަގަވި ކަންކަންވެސް ވަނީ ފޮނުއްވާފައެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
މި ތިންބޭފުޅުންގެ ތެރެއިން މިނިސްޓަރ މަހްލޫފްގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ކަމަށް އޭސީސީގެ ރިޕޯޓުގައި އޮތީ 33،000 ޑޮލަރެވެ. ސްޓޭޓް މިނިސްޓަރު އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާއިރު ފުޅާދާއިރާއެއްގައި ވިޔަފާރި ކުރައްވާ މައުސޫމްގެ ޙިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 5.7 މިލިއަން ޑޮލަރު ޖަމާކޮށްފައިވެއެވެ.