ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީގައި ދިޔަ މީހުންގެ ތަޙުޤީގު ފަށައިފި

ޝިމާގެ ކޮއްކޮ ގޮވައިގެން ދަތުރުކުރި ކަމަށް ބުނާ ޑިންގީ: ފޮޓޯ ވަގުތު

ހުވިސް ފެބުރުއަރީ 22 ވަނަ ދުވަހުގެރޭ ޑިންގީއެއްގައި ދަތުރުކުރަނިކޮށް ބަންޑުންޖަހާލައި ގެއްލިފައިވާ އާމިނަތު ޝިމާ ނާފިޒުގެ އަންހެން ކޮއްކޮއަކު ގޮވައިގެން ޑިންގީއެއްގައި ދިޔަ ތިން މީހުން ހުއްޓުވައި އެ މީހުން ބަންދު ކުރުމަށްފަހު ތަޙުޤީގު ފަށައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް މައްސަލަ ތަޙުޤީގު ކުރަމުންދާތީ އެއާ ބެހޭ އެއްވެސް މަޢުލޫމާތެއް ފުލުހުން ނުދެއްވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ބަންދުކޮށްފައިވަނީ ލ. ގަން ޕޮލިސް ސްޓޭޝަނުގައެވެ.

ޝިމާގެ ކޮއްކޮ ގޮވައިގެން ދަތުރި މީހުންގެ ތެރޭގައި ޝިމާ ގޮވައިގެންދިޔަ ޑިންގީ ދުއްވި އިބްރާހީމް ފަޒީލް ވެސް ހިމެނެއެވެ.

އެ މީހުން ޝިމާގެ ކޮއްކޮ ގޮވައިގެން ދިޔައީ އޭނާގެ ރުހުމުގައިތޯ ނޫނީ ގަދަކަމުންތޯ ވެސް އެނގިފައެއް ނުވެއެވެ. "ސޯޅަ އަހަރުގެ އެ ކުއްޖާ ގޭގައި ހުއްޓާ ކަމަށްވަނީ އެމީހުންގެ ބެލުމުން ދަށުން ޑިންގީއަށް އަރުވައިގެން ފުރީ،" އާފަތިހަށް މަޢުލޫމާތު ދިން މީހަކު ބުންޏެވެ. އޭނާ ގޮވައިގެން ދިޔަ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން ވަނީ އެމީހުން ފަހަތުން ގޮސް އަތުލައިގެންފައެވެ. އަތުލައިގެންފައިވަނީ ސިކްސް ސެންސަސް ރިސޯޓު ކައިރިން އިއްޔެ ހަވީރު 4:00 އެހައިކަންހާއިރުއެވެ.

އެމީހުން ގެންގޮސްފައިވަނީ އަތުގައި ބިޑިވެސް އަޅުވައިގެންނެވެ. މިހާތަނަށް ޝިމާގެ ޚަބަރެއް ވެފައެއް ނުވެއެވެ. އޭނާގެ ޢާއިލާއިން ތުހުމަތު ކުރަނީ އޭނާ ގެއްލުވާލީ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.