ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރި އެކަކުވެސް ސަލާމަތް ނުވޭ: އިތިއޯޕިޔަން އެއާލައިންސް

އިތިއޯޕިޔަން އެއާލައިންސްގެ ސީއީއޯ ޓެވޮލްޑޭ ގެބްރެމަރިޔަމް މިއަދު އެ އެއާލައިންގެ މަތިންދާބޯޓު ވެއްޓުނު ސަރަހައްދުގައި

މިއަދު ހެނދުނު އިތިޔޯޕިޔާގެ ވެރިރަށް އެޑިސްއަބާބާއިން ކެންޔާގެ ވެރިރަށް ނައިރޯބީއަށް ދާން ފުރިތަނާ ވެއްޓުނު އިތިއޯޕިޔަން އެއާލައިންސްގެ މަތިންދާބޯޓުންދަތުރުކުރި 149 ދަތުރުވެރިންނާއި، 8 ފަޅުވެރިންގެ ތެރެއިން އެކަކުވެސް ސަލާމަތް ނުވާކަމުގައި އެ އެއާލައިންސުން ބުނެފިއެވެ.

ވެއްޓުނު ބޮއިންގ 737 މަރުކާގެ މަތިންދާބޯޓުން 33 ގައުމަކަށް ނިސްބަތްވާ ދަތުރުކުރިކަމަށްވެސް އެއާލައިނުން ބުންޏެވެ.

އެއާލައިންގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ ފްލައިޓް ނަންބަރު އީޓީ-302 ވެއްޓިފައި ވަނީ އެޑިސްއަބާބާއިން ފުރިތާ ހަ މިނިޓް ފަހުން މިއަދު ހެނދުނު 8:44 (ރާއްޖޭ ގަޑިން 10:44) ގައެވެ.

ވެއްޓުނު މަތިންދާބޯޓަކީ ބޮއިންގ 737 މަރުކާގެ އެންމެ ފަހު ވައްތަރު ކަމުގައިވަ މެކްސް ސީރީޒް މެކްސް- 8 ގެ ބޯޓެކެވެ. ފާއިތުވި އަހަރު އޮކްޓޯބަރު މަހު އިންޑޮނޭޝިޔާގެ ޖާވާ ކަނޑަށް ވެއްޓި 189 މީހުން މަރުވި ލަޔަން އެއާގެ ބޯޓަކީވެސް ބޮއިންގް 737 މެކްސް- 8 ގެ ބޯޓެކެވެ. މިއަދު ވެއްޓުނު މަތިންދާ ބޯޓަކީ ފާއިތުވި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ދަތުރުތައް ފެށި މުޅިން އާ ބޯޓެކެވެ. މެކްސް- 8 މަތިންދާބޯޓުތައް އުދުހެން ފަށާފައި ވަނީވެސް 2016 ވަނަ އަހަރުއެވެ.

ބޯޓު ވެއްޓުނުކަން ފުރަތަމަ އެނގުނި އިތިއޯޕިޔާ ބޮޑުވަޒީރު އަބީ އިބްރާހީމް "ހިތުގެ އެންމެ ފުންމިނުން ތައުޒިޔާ" ކިޔުއްވައި ކުރެއްވި ޓުވީޓަކުންނެވެ.

"މިއަދު ހެނދުނު ތާވަލްކުރެވިފައިވާ ދަތުރެއްގައި ކެންޔާގެ ނައިރޯބީއަށް ދަތުރުކުރަމުން ދިޔަ އިތިއޯޕިޔަން އެއާލައިންސްގެ މަތިންދާބޯޓު ވެއްޓި އެމީހުންގެ ލޯބިވާ މީހުން ގެއްލިފައިވާތީ އިތިއޯޕިޔާގެ ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި، ބޮޑުވަޒީރުގެ އޮފީހުން އެ އާއިލާތަކަށް ހިތުގެ އެންމެ ފުންމިނުން ތައުޒިޔާ ކިޔަމެވެ." ބޮޑުވަޒީރު އޮފީހުގެ ޓުވީޓުގައި ވެއެވެ.

މި ހާދިސާއާ ގުޅިގެން ބޮއިންގ ކުންފުނި ކުރި ޓުވީޓެއްގައި ވަނީ "ހާލަތު ގާތުން ބަލަމުންދާ" ކަމުގައެވެ.

ކެންޔާގެ ރައީސު އުހުރޫ ކެންޔާޓާވެސް ވަނީ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. "ކެންޔާއަށް ދަތުރުފެށިތާ ހަ މިނިޓު ފަހުން ވެއްޓުނު އިތިއޯޕިޔަން އެއާލައިންސްގެ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓުގެ ޚަބަރު އެހީ ފުން ހިތާމައާއެކުގައެވެ. ބޯޓުގައި ތިބި އެންމެންގެ އާއިލާތަކާއި އެކުވެރިންނާއެ އަހަރެންގެ ހެޔޮ ދުއާ ވެއެވެ." ކެންޔާޓާ ކުރެއްވި ޓުވީޓެއްގައި ވެއެވެ.

ޚަބަރު ލިބޭ ގޮތުގައި ވެއްޓުނު މަތިންދާބޯޓުގައި މާދަމާ ނައިރޯބީގައި ފެށޭ ބައްދަލުވުމެއްގައި ބައިވެރިވުމަށް ދިޔަ ޑިޕްލޮމޭޓުންނާއި ބައެއް އެހެން ފަރާތްތައް ވެސް ހިމެނެއެވެ.

އިތިއޯޕިޔަން އެއާލައިންސްގެ މަތިންދާބޯ÷ޓެއް އެންމެ ފަހުން ވެއްޓިފައި ވަނީ 2010 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭރޫތުން ފުރި އެ އެއާލައިނުގެ ބޮއިންގ 800-737 މަރުކާގެ މަތިންދާބޯޓު މަތީގައި ހުއްޓާ ގޮވައި 90 މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.