މީސް މީޑިޔާގައި އިސްލާމްދީނަށް ފުރައްސާރަކުރި މެލޭޝިޔާ މީހަކު 10 އަހަރާއި 10 މަހަށް ޖަލަށް

މެލޭޝިޔާގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް މުޙައްމަދު ފައުޒީ ހާރޫން

މީސް މީޑިޔާގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަކުރި މެލޭޝިޔާ މީހަކު 10 އަހަރާއި 10 މަހަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން މިއަދު ހުކުމްކުރި އިރު އިތުރު ތިން މީހުންގެ މައްޗަށް ދައުވާއުފުލާފައިވާ ކަމުގައި އެގަމުގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް މުޙައްމަދު ފައުޒީ ހާރޫން ވިދާޅުވެއްޖެއެވެ.

މިއަދު ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވިގޮތުގައި މެލޭޝިޔާގެ ގާނޫނުލް އުގޫބާތުގެ 298 ވަނަ މާއްދާގެ (ހ) އާއި، 505 ވަނަ މައްދާގެ (ނ) އާއި، މުވާސަލާތާއި މަލްޓިމީޑިޔާއާ ބެހޭ ޤާނޫނުގެ 233 ވަނަ މާއްދާގެ ދަށުން އެ ހަތަރު މީހުން މައްޗަށް ދައުވާ އުފުލުނީ އިއްޔެއެވެ.

ސަރަވާކްގެ ކުޗިންގްގެ ސެޝަންސް ކޯޓުގައި 'އަޔެއާ ޔެއާ' ގެ ނަމުގައި ފޭސްބުކް އެކައުންޓެއް ގެންގުޅޭ 21 އަހަރުގެ އެލިސްޓާ ކޯގިއާގެ މައްޗަށް އިސްލާމްދީނަށް ފުރައްސާރަކުރުމުގެ 10 މައްސަލައެއްގައި ދައުވާ އުފުލުމުން އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް 10 އަހަރާއި 10 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވީއެވެ.

މި އަދަބަކީ މިފަދަ މައްސަލައެއްގައި މެލޭޝިޔާގައި މިހާތަނަށް ދިން އެންމެ ބޮޑު އަދަބެވެ.

އެހެން  ކޯޓެއްގައި ދައުވާ އުފުލި = ތިން މީހުންގެ ތެރެއިން އެކަކު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާގެ ޝަރީއަތުގެ އަޑުއެހުމެއް މި މަހުގެ 11 ވަނަ ދުވަހު އޮންނާނެއެވެ. އަނެއް ދެމީހުން ކުށަށް އިއުތިރާފު ނުވާތީ އެމީހުންގެ ޝަރީއަތް ވެސް އަދި ނުނިމެއެވެ.

ކޯގިއާގެ މައްޗަށް ސާބިތުވި ކޮންމެ ކުށެއްގެ އަދަބަކީ 10 އަހަރާއި އެއް މަހަށް ޖަލަށްލުން، ނުވަތަ 50 ހާސް ރިންގިޓް (17380 އެމެރިކާ ޑޮލަރު) އިން ޖުރުމާނާ ކުރުން، ނުވަތަ ޖަލަށްލުމާއެކު ޖުރުމާނާކުރުމެވެ.

"ދީނީ ނުވަތަ ނަސްލީ ގޮތުން ހައްސާސް ކަންކަމާ ގުޅޭ ތަކެތި އަޕްލޯޑް ކޮށްގެން ނުވަތަ ޝެއާކޮށްގެން މީސް މީޑިޔާއާއި، މުވާސަލާތީ ނެޓްވާކްތަކުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް ފުލުހުންގެ ފަރާތުން އާއްމުނަށް އިލްތިމާސްކުރަން. އެކަންވާނީ މިގައުމުގެ ތަފާތު މުޖްތަމައުތަކުގެ މެދުގައި ނުތަނަވަސްކަން އިތުރުވާނެ ކަމަކަށެވެ." އިންސްޕެކްޓަރ ޖެނެރަލް ހާރޫންގެ ބަޔާނުގައި ވެއެވެ.

އާބާދީގެ %50 މުސްލިމުންގެ ގޮތުގައި ތިބި މޭލޭޝީޔާގައި އިސްލާމްދީނާ ދެކޮޅަށް ކުރެވޭ ފުރައްސާރަކުރުންފަދަ ކަންކަމަކީ ހަރުކަށި އަދަބުދެވޭ ކަންކަމެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.