އިންޑިޔާ ސަރުކާރުން ގެންގުޅޭ ބައިބައިކުރަނިވި ސިޔާސަތުތަކުގެ ސަބަބުން އެގައުމުގެ މުސްލިމުންނާއި، ބައިމަދު އެހެން މީހުން މުޖުތަމައުން ބާކީވަމުންދާ ކަމުގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ މިޗެލް ބަޗެލެޓް ވިދާޅުވެއްޖެއެވެ.
"އިންޑިޔާގެ ހަނި ސިޔާސީ އެޖެންޑާގެ ސަބަބުން މުސްލިމުންނާ ބައިމަދު އެހެން މީހުން ދަނީ މުޖުތަމައުން އެކަހެރިވަމުން." އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް އޭނާގެ އަހަރި ރިޕޯޓު ހުށަހަޅުއްވަމުން ބަޗެލެޓް ވިދާޅުވެފައި ވެއެވެ.
"ބައިމަދު މީހުން، ވަކިން ޚާއްސަކޮށް މުސްލިމުންނާއި ތާރީޚީ ގޮތުން ދަށްފެންވަރުގެ މީހުންކަމުގައި ބެލެވޭ މީހުން އަމާޒަކަށް ހަދައި އެބައިމީހުންނަށް ދުއްތުރާކުރަމުންދާ މިންވަރު އިތުރުވަމުން ދާކަން ދައްކައިދޭ ރިޕޯޓުތައް އަހަރުމެންނަށް ދަނީ ލިބެމުން." އޭނާ ވިދާޅުވެފައި ވެއެވެ.
"މިފަދަ ބައިބައިކުރަނިވި ސިޔާސަތުތަކުގެ ސަބަބުން ހަމައެކަނީ ވަކި ފަރުދުންތަކަކަށް ގެއްލުން ވާނީއެއް ނޫނެވެ. އިންޑިޔާގެ އިގްތިސާދީ ކުރިއެރުން މަޑުޖެހިދާނެކަމާމެދު ވެސް އަހަރެން ކަންބޮޑުވެއެވެ." ބަޗެލެޓްގެ ރިޕޯޓުގައި ވެއެވެ.
އޭނާގެ މިރިޕޯޓު އިއްވެވުމުގެ އެއް ދުވަސްކުރިން އެމްނެސްޓީ އިންޓަނޭޝަނަލްގެ އިންޑިޔާ ގޮފިން ވަނީ މުޖުތަމައުން ބާކީކުރެވެމުންދާ ބައިމަދު މީހުންނާ ދެކޮޅަށް ހިންގޭ އިއްފަތްތެރިކަން ނަގާލުމާ، މަރާލުމާ، އަނިޔާވެރި ހަމަލާދިނުންފަދަ 'ނަފުރަތުގެ ޖަރީމާތައް' ކަންބޮޑުވާ ދަރަޖައަށް 2018 ގައި އެޖަމާއަތަށް ފާހަގަކުރެވިފައިވާކަން ހާމަކޮށްފައެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިންޑިޔާގެ އެގްޒެކަޓިވް ޑިރެކްޓަރ އާކަރް ޕަޓޭލް ވިދާޅުވި ގޮތުގައި ބައިމަދު މީހުންނާ ދެކޮޅަށް ހިންގޭ 'ނަފުރަތުގެ ޖަރީމާތައް' އެއީ ވަކި ކުށެއް ކަމުގައި އިންޑިޔާގެ ގާނޫނުތަކުން ބަލައިނުގަނެއެވެ.
އެ ޖަމާމައަތުން ފާހަގަކޮށްވާ ގޮތުގައި ފާއިތުވި އަހަރު މައިމަދު މީހުންނާ ދެކޮޅަށް އިންޑިޔާގައި 218 'ނަފުރަތުގެ ޖަރީމާ' ހިންގާފައި ވެއެވެ.
އދ. އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި "އިންޑިޔާގައި އާއްމު ގޮތަކަށް ބަލާއިރު ފާހަގަކޮށްލެވޭ ވަރަށް ފަގީރުކަން ނައްތާލެވިފައި ވީނަމަވެސް، (މުޖުތަމައުގައި) ހަމަހަމަކަން ނެތުން އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ."