2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑޮނާލްޑް ޓްރަމްޕުގެ ކެމްޕޭން ޗެއާމަނަކަށް ހުންނެވި ޕޯލް މެނަފޯޓް 47 މަހަށް ޖަލަށްލައި، 50 ހާސް ޑޮލަރުން ޖުރުމާނާކުރަން އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
މެނަފޯޓްގެ މައްޗަށް ހުކުމްކޮށްފައި ވަނީ، އޭރުގެ ކެންޑިޑޭޓް ޓްރަމްޕްގެ ކެމްޕޭނާ ރަޝިޔާއާ ދެމެދު އޮތް ގުޅުން ތަހުގީގުކުރައްވާ ސްޕެޝަލް ކައުންސެލް ރޮބަޓް މުލާގެ ތަހުގީގުން އެނގުނު ކަންކަމުގެ މައްޗަށް ބިނާކޮށެވެ.
ވާޖީނިއާ ސްޓޭޓްގެ އެލެގްޒަންޑްރިއާގައި ކުރިއަށް ދިޔަ ޝަރީއަތުގައި ޑިސްޓްރިކްޓް ޖަޖް ޓީ.އެސް. އެލިސް، ރިޕަބްލިކަން ޕާޓިގެ ސީޔާސީ ކޮންސަލްޓެންޓެއް ކަމުގައިވާ 69 އަހަރުގެ މެނަފޯޓްގެ މައްޗަށް 47 މަހުގެ ޖަލު ހުކުމް އިއްވެވީ، ޓްކުހަށް މަކަރު ހެދުމުގެ ފަސް ކުށަކާއި، ބޭންކަށް އޮޅުވާލުމުގެ ދެ ކުށަކާއި، ބޭރުގައުމުތަކުގައި ހުރި ބޭންކު އަކައުންޓުތަކުގެ ތަފްސީލު ހާމަނުކުރުމުގެ އެއް ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ފާއިތުވި އޮގަސްޓުމަހު އެކޯޓުގެ ޖޫރީން ނިންމާފައި ވާތީއެވެ.
އޭނާއާ ދެކޮޅަށް ވަކާލާތުކުރި ދައުލަތުގެ ޕްރޮސެކިއުޓަރުން ވަކި މުއްދަތެއްގެ ހުކުމަކަށް ކޯޓުގައި އެދިފައި ނުވިނަމަވެސް އެމީހުން ހަވާލާދިން ހުކުމްކުރުމުގެ ގައިޑްލައިނަށް ބަލާއިރު އޭނާގެ މައްޗަށް 19 އަހަރު ބަޔާއި 24 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވިދާނެއެވެ. އެހެންނަމަވެސް، މެނަފޯޓްގެ ވަކީލުން ވަނީ އޭނާގެ އުމުރަށާއި، ސިއްހީ ހާލަތަށާއި، ތަހުގީގަށް އޭނާ ދެއްވި އެއްބާރުލުމަށް ބައްލަވައި އޭނާގެ މައްޗަށް ލުއި ހުކުމެއް އިއްވުމަށް އެދިފައެވެ.
ހުކުމް އިއްވުމުގެ ކުރިން ދެއްކެވި ވާހަކައިގައި މެނަފޯޓްވަނީ ޝަރީއަތް އިންސާފުވެރި ގޮތުގައި ގެންދަވާފައިވާތީ ޖަޖް އެލިއޮޓަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ޝަރީއަތުގެ ދުވަސްތަކަކީ އޭނާއަށް އޭނާގެ އާއިލާއަށް ހިތްދަތި ދުވަސްތަކެއްކަން ބަޔާންކުރައްވައި، އޭނާގެ މައްޗަށް ރަޙުމުކުރުމަށް ފަނޑިޔާރުގެ އަރިހުން އެދިވަޑައިގެންފައެވެ.
މެނަފޯޓުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ޓްރަމްޕްގެ ކެމްޕޭނާ ރަޝިޔާ ސަރުކާރާ ދެމެދު އޮތް ގުޅުމާބެހޭ މައުލޫމާތު ހާމަކޮށްފައި ނުވެއެވެ. ވަކީލުން ވަނީ ބޭރު އެކައުންޓުތަކުގައި ޕޯލް މެނަފޯޓް 55 މިލިއަން ޑޮލަރު ރައްކާކުރެއްވި ގޮތާއި، ރަޝިޔާއާއި ޔުކްރޭނަށް ތާއީދުކުރާ ސިޔާސީ ބައެއް ފަރާތްތަކުގެ އެޑްވައިޒަރުކަން އޭނާ ކުރެއްވި އިރު 6 މިލިއަން ޑޮލަރުގެ ޓެކްސް ނުދައްކަވާ ހުންނެވި ގޮތް ހޯދުމަށް ފާއިތުވި ހޫނު މޫސުމުގެ ތެރޭގައި ދެ ހަފުތާއަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައެވެ.
ޕޯލް މެނަފޯޓަކީ ރިޕަބްލިކަން ޕާޓީގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ވަނީ އެންގޯލާގެ ކުރީގެ ބާޣީ ލީޑަރު ޖޯނަސް ސަވިންބީއާއި، ފިލިޕީންސްގެ ކުރީގެ ރައީސު ފާޑިނާންޑް މާކޯސްއާއި، ޔުކްރޭނުގެ ކުރީގެ ރައީސު ވިކްޓާ ޔަނުކޯވިޗް ފަދަ ބޭފުޅުންގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތްޕުޅުކުރައްވާފައެވެ.