ޕާކިސްތާނުގެ ގިނަ ދީނީ މަދަރުސާތަކަކާ މިސްކިތްތަކެއް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފި

ޕާކިސްތާނުގެ ދީނީ ޖަމާއަތަކުން ހިންގާ މަދަރުސާއެއްގެ މިސްކިތެއްގައި ދަރިވަރުން އިމްތިހާނުދެނީ

ހަތިޔާރު އެޅި ހަރުކަށި ދީނީ ޖަމާއަތްތަކާ ދެކޮޅަށް ޕާކިސްތާނުން ސަރުކާރުން ފަށާފައިވާ އޮޕަރޭޝަނުގައި އެފަދަ ޖަމާއަތްތަކުން ހިންގާ ގިނަ ދީނީ މަދަރުސާތަކަކާ މިސްކިތްތަކެއް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި މިހާރު ފަށާފައިވާ އޮޕަރޭޝަނަކީ ޣައިރުގާނޫނީ ގޮތުން ހިންގާ ޖަމާއަތްތަކުގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި އެކުލަވާފައިވާ ނޭޝަނަލް އެކްޝަން ޕްލޭން (އެންއޭޕީ) ގެ ދަށުން ކުރިއަށް ދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް 182 ދީނީ މަދުރާސާއާއި މިސްކިތާއި، 34 ސްކޫލާއި ކޮލެޖާއި، 5 ހޮސްޕިޓަލާއި، 163 ބޭސްފިހާރައާއި، 184 އެންބިއުލެންސާއި، 6 ޖަމާއަތެއްގެ އޮފީސް ސަރުކާރުގެ ބާރުގެ ދަށަށް ގެނެވިފައި ވެއެވެ.

ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މައިގަނޑު ގޮތެއްގައި ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައިވަނީ، ފާއިތުވި މަހު ޕުލްވާމާގައި ދިން ހަމަލާގެ ޒިންމާ އުފުލި ޖައިޝެ މުޙައްމަދު ޖަމާއަތާއި، އިންޑިޔާއިން ހޯދަން ބޭނުންވެފައިވާ ހާފިޒު ސައީދުގެ ޖަމާއަތުއް ދަޢުވާއާއި، އެ ޖަމާޢަތު ދަށުން ހިންގާ އެހީދޭ ފައުންޑޭޝަން، ފަލާހެ އިންސާނިއްޔަތު ފައުންޑޭޝަނާ ގުޅުން ހުރި ތަންތަނެވެ.

މިތަންތަން ހިފުމުގެ އިތުރަށް ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުވެސް ކޮށްފައެވެ. "ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ވަނީ 121 މީހަކު ހައްޔަރުކޮށްފައި" ކަމަށް އިންޓީރިއާ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ސަރުކާރުގެ ބާރުގެ ދަށަށް ގެންދިޔަ މިސްކިތްތަކަށް އަޥްޤާފު ޑިޕާޓްމަންޓުން ދަނީ ޚަޠީބުންނާއި އިމާމުން ހަމަޖައްސަމުންނެވެ. އަދި މަދަރުސާތަކަށް އާ ހިންގުންތެރިން ވަނީ ހަމަޖައްސާފައެވެ.

ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޕާކިސްތާނުގެ އިންފޯމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ވިދާޅުވީ ނޭޝަނަލް އެކްޝަން ޕްލޭނަކީ ހުރިހާ ސިޔާސީ ޕާޓީތަކުން ސޮއިކޮށް 2014 ވަނަ އަހަރު އެކުލަވާލި ޕްލޭނެކެވެ. ނަމަވެސް އެ ޕްލޭނަށް އަމަލުނުކުރެވި އޮތީއެވެ. މި ސަރުކާރުގެ ފަރާތުން މި ޕްލޭން ތަންފީޒުކުރުމުގެ އޮޕަރޭޝަން ފަށާފައިވާއިރު، އޮޕަރޭޝަން ކުރިއަށް ދާގޮތުގެ ތަފްސީލު ހުރިހާ ސިޔާސީ ޕާޓީއަކަށް ދެމުން ގެންދާނެއެވެ. މިނިސްޓަރު ޗައުދަރީ ފާހަގަކުރެއްވި ގޮތުގައި އެންއޭޕީގެ މައިގަނޑު މަގްސަދަކީ އެއްވެސް ގައުމަކާ ދެކޮޅަށް ޕާކިސްތާނުގެ ފަސްގަނޑު ބޭނުންކުރުމުގެ ފުރުސަތު ނުދިނުމެވެ.

ޗައުދަރީ އިތުރަށް ވިދާޅުވިގޮތުގައި މިހާރު ހިންގާ އޮޕަރޭޝަނުގެ އަމާޒަކަށްވެފައިވާ ޖަމާއަތްތަކީ ކުރިއްސުރެ ޣައިރުގާނޫނީ ޖަމާއަތްތަކެއްކަން ކަނޑައަޅާފައިވާ ޖަމާއަތްތަކެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.