ކޯޓުން އަމުރުކުރިޔަސް ބާބުއްރަޙްމާ ބަންދުނުކުރެވޭނެ: އަލްޤުދްސުގެ ވަޤްފު ކައުންސިލް

އަލްމަސްޖިދު އަލްއަޤްޞާގެ ބާބުއްރަޙްމާ ސަރަހައްދުގައި ބަޔަކު ނަމާދުކުރަނީ

އިސްރާއީލުން ގަދަބާރުން ހިފާފައިވާ އަލްޤުދްސުގައި ހުންނަ މުސްލިމުންގެ އެންމެ މުޤައްދަސް ތިންވަނަ ޙަރަމް އަލްމަސްޖިދު އަލްއަޤްޞާގެ ބާބުއްރަޙްމާއާއި، އެ ދޮރުކޮޅާއި ގުޅިފައިވާ ނަމާދުކުރާ މައިދާން ބަންދުކުރަން އިސްރާއީލުގެ ކޯޓަކުންކުރި އަމުރު ބަލައިނުގަންނާނެކަމަށް، އަލްޤުދްސްގެ އިސްލާމީ މުޤައްދަސް ތަންތަން ބަލަހައްޓާ އިސްލާމީ ވަޤްފު ކައުންސިލުން ބުނެފިއެވެ.

"ގަދަކަމުން ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ ކޯޓުތަކާއި އެތަންތަނުގެ ނިންމުންތައް މި ކައުންސިލުން ޤަބޫލެއް ނުކުރާނެ." އުރްދުންގެ މިނިސްޓްރީ އޮފް އަޥްޤާފް އެންޑް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގާ އަލްޤުދްސުގެ އިސްލާމީ ވަޤްފު ކައުންސިލުގެ ރައީސު ޝައިޚް ޢަބްދުލްޢަޘީމު ސަލްހަބް ވިދާޅުވިއެވެ.

ޝައިޚް ސަލްހަބް ވިދާޅުވީ އަންނަ ހޯމަދުވަހުގެ ކުރިން ބާބުއްރަޙްމާ ބަންދަކުރަން އިސްރާއީލުން ސުންގަޑިއެއް ދީފައި ވީނަމަވެސް އެ ދޮރުކޮޅު "ހުޅުވިފައި ހުންނާނެ" ކަމުގައެވެ.

އިއްޔެ ބޭއްވި އިސްލާމީ ވަޤްފު ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށްފަހު ވާހަކަފުޅުދައްކަވަމުން ޝައިޚް ސަލްހަބް ވިދާޅުވި ގޮތުގައި "އަލްމަސްޖިދު އަލްއަޤްޞާގެ މައްޗަށް ބިމުގެ އެއްވެސް ޤާނޫނުނެއް ނުހިނގާނެއެވެ." އަދި "އެ މިސްކިތަކީ އިލާހީ ނިންމެވުކަށް ބިނާކުރެވުނު މިސްކިތެކެވެ."

އަލްއަޤްޞާ މިސްކިތް މަރާމާތުކުރުމުގެ ހުއްދަދިނުމަށާއި، އިސްރާއީލުން އަލްއަޤްޞާއަށް ވަނުން މަނާކޮށްފައިވާ ވަޤްފު ކައުންސިލުގެ މުވައްޒަފުންނާއި، ސެކިއުރިޓީ ގާޑުންނަށް އެ މިސްކިތަށް ވަނުމުގެ ހުއްދަދިނުމަށް ވެސް އިސްރާއީލަށް ގޮވައިލައްވާފައެވެ.

އިސްރާއީލުން ވަނީ ބާބުއްރަޙްމާއާއި އެ ދޮރުކޮޅާއި ގުޅިފައިވާ ނަމާދުކުރާ މައިދާން 2003 ވަނަ އަހަރުން ފެށިގެން ބަންދުކޮށްފައެވެ. ނަމަވެސް ފަލަސްޠީނު މީހުން އިސްރާއީލު ސިފައިން މަނާކުރަމުން ދަނިކޮށް ފާއިތުވި ފެބުރުވަރީ މަހުގެ ތެރޭގައި އެ ދޮރުކޮޅު ހުޅުވައި އެސަރަހައްދުގައި ނަމާދުކުރަން ފަށާފައެވެ.

އެ ދޮރުކޮޅު ހުޅުވި މައްސަލައިގައި އިސްރާއީލުން ވަނީ މިހާތަނަށް 130 ފަލަސްޠީނު މީހުން ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ޤުދުސުގ އިސްލާމީ ޢިލްމުވެރިންވެސް ހިމެނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.