2034 ވަނަ އަހަރު އަންނައިރު ރަޝިޔާގެ އާބާދީގެ %30 ކަމުގައި މުސްލިމުން ވާނެކަމަށް އެގައުމުގެ އިސް މުފްތީ ވިދާޅުވެއްޖެއެވެ.
މޮސްކޯގައި އޮތް ބައްދަލުވުމެއްގައި އިއްޔެ ވާހަކަފުޅުދައްކަވަމުން ޝައިޚް ރާވީ ޢައިނުއްދީ ވިދާޅުވީ ފާއިތުވާ ކޮންމެ ދުވަހަކީ ރަޝިޔާގެ އާބާދީގައި މުސްލިމުންގެ އަދަދު އިތުރުވަމުންދާ ދުވަހެއް ކަމުގައެވެ.
"އެބައިމީހުން ގާބިލުކަމާމެދު ޝައްކުނުކުރެވޭ ތަޖްރިބާކާރުންގެ ލަފާކުރުންތަކަށް ބަލާއިރު، 15 އަހަރުގެ ފަހުން ރަޝިޔާގެ އާބާދީގެ %30 ގެ ގޮތުގައި ތިބޭނީ މުސްލިމުން." އޭނާ ވިދާޅުވިއެވެ. އަދި އޭނާ މޮސްކޯގެ މިސްކިތެއްގައި މަސައްކަތްކުރެއްވިއިރު އެ މިސްކިތަށް ދާ މީހުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެކަށީގެންވާ ސަގާފީ ވަސީލަތްތަކާއި، އުނގަންނައިދިނުމު ވަސީލަތްތައް ގާއިމުކުރެވިފައިވާ އެތައް މިސްކިތެއް ރަޝިޔާގެ ބޮޑެތި ރަށްރަށުގައި އަހަރުމެން ބިނާކުރަން އެބަޖެހޭ." ޝައިޚް ޢައިނުއްދީން ވިދާޅުވިއެވެ.
ފާއިތުވި އަހަރުގެ އަޟްޙާ އީދުގައި 320 ހާސް މީހުން މޮސްކޯގެ މިސްކިތްތަކަށް އީދު ނަމާދަށް ދިޔަކަން ފާހަކަކުރައްވަމުން އޭނާ ވިދާޅުވީ އެއީ ރިކޯޑު އަދަދެއް ކަމުގައެވެ. އަދި ފަހަކަށް އައިސް އީދު ފަދަ ދީނީ މުނާސަބާތަކާ ދިމާކޮށް ރަޝިޔާގެ މިސްކިތްތަކަށް ދާ މީހުން އިތުރުވާންކަން ފާހަގަކުރެވޭ ކަމަށާ، އެއީ މުސްލިމުން އިތުރުވަމުންދާކަމުގެ ހެއްކެއް ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރަޝިޔާގައި ދީނީ އިލްމުވެރިންނަށް އިޖްތިމާއީ ރައްކާތެރިކަން ދިނުމަށާއި، އާއްމު ތައުލީމީ މުއައްސަސާތަކުގެ އިތުރަށް، އިސްލާމީ ޝަޚުސިއްޔަތު ރަމްޒުކޮށްދޭ ތައުލީމީ މަރުކަޒުތަކެއް ހެދުމަށްވެސް މުފްތީ ޢައިނުއްދީން ގޮވާލެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އިސްލާމްދީން ފެތުރުން ހުއްޓުވުމަށް ރަޝިޔާއިން ހުރަސްތައް ކުރިމަތިކުރަމުންދާ ކަމަށާ، އެކަން ހުއްޓާލަންޖެހޭ ކަމަށެވެ.
ފާއިތުވިއަރު ތުރުކީގެ އަނަޑޯލޫ ނިއުސް އެޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ޝައިޚް ޢައިނުއްދީން ވިދާޅުވަފައި ވަނީ ރަޝިޔާގައި މުސްލިމުންގެ އަދަދު 25 މިލިއަނަށް އަރާފައިވާ ކަމަށާއި، އެ އަދަދު ހަލުވިކަމާއު އިތުރުވަމުންދާ ކަމަށެވެ.
މުސްލިމުން ހަލުވިކަމާއެކު އިތުރުވަމުންދާ ސަބަބުތަކުގެ ތެރޭގައި މުސްލިމުންގެ ތެރޭގައި ދަރިން ލިބުމުގެ ރޭޓު މަތިވުމާއި، މެދުތެރޭ އޭޝިޔާގެ ގައުމުތަކުން ރަޝިޔާއަށް ހިޖުރަކުރާ މީހުން ގިނަވުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.