އަލްޖީރިޔާގައި އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ރައީސު ޢަބްދުލްޢަޒީޒު ބޫތަފްލީޤާ ރޭގެ ވަގުތެއްގައި ކަރުދާސްތައް ހުށަހަޅުއްވައިފިއެވެ.
ކޮންސްޓިއުޝަނަލް ކައުންސިލަށް ރައީސު ބޫތަފްލީޤާގެ ފޯމު ހުށަހެޅުއްވުމަށްފަހު އައްނަހާރު ޓީވީއާ ވާހަކަފުޅުދައްކަވަމުން އޭނާގެ ކެމްޕޭން މެނޭޖަރު ޢަބްދުލް ޣަނީ ޒަޢުލާން ވިދާޅުވީ ރައީސު ބޫތަފްލީޤާ ފަސްވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ، އެއް އަހަރު ފަހުން މަޤާމުން އިސްތިއުފާދެއްވައި، އަވަސް އިންތިޚާބެއް ބާއްވާނެކަމަށާ، އެ އިންތިޚާބުގައި ބޫތަފްލީޤާ ވާދަނުކުރައްވާނެކަމަށެވެ.
ރައީސު ބޫތަފްލީޤާ ފަސްވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ގުޅިގެން އަލްޖީރިޔާގައި އެކަމާ ދެކޮޅަށް ފެށުނު މުޒާހަރާތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަވަމުންނެވެ. ރިޔާސީ އިންތިޚާބަށް އޭނާ ރޭ ރަސްމީކޮށް ކުރިމަތިލެއްވުމާ ގުޅިގެންވެސް އެތައް ހާސް ބަޔަކު ވަނީ މަގުމައްޗަށް ނުކުމެފައެވެ.
އިއްޔެ ކުރެވުނު މުޒާހަރާ ތެރޭގައި 1962 ވަނަ އަހަރު ފްރާންސުގެ ދަށުން މިނިވަންވުމަށް ފަހު އަލްޖީރިޔާގައި ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވި ބިންޔޫސުފު ބިންޚައްދާގެ ދަރިކަލުން ޙައްސާން ބިންޚައްދާ ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ ވެރިރަށް އަލްޖިޔާސްގައި ފުލުހުންނާ މުޒާހަރާކުރާ މީހުންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައެވެ.
"ފަހަކަށް އައިސް ރައްޔިތުން ބާއްވަމުން ދިޔަ މުޒާހަރާތަކުގައި ދައްކާފައިވާ ހޭލުންތެރިކަމަށް ޓަކައި އެންމެ ފުރަމަވެސް މަރުހަބާކިޔަން ބޭނުން. ހަމަ އެހެންމެ، މުޒާހަރާކުރި މީހުންނާ މުއާމަލާތްކުރުމުގައި ސަލާމަތީ ބާރުތަކުން ދައްކާފައިވާ ހުނަރުވެރިކަން ވެސް ފާހަގަކުރަން" ރޭ ފަސްވަނަ ރިޔާސީ ދައުރަކަށް ކުރިމަތިލެއްވުމަށް ފަހު ގައުމީ ޓީވީން ފޮނުވި ޚިޠާބެއްގައި ބޫތަފްލީޤާ ވިދާޅުވިއެވެ.
މިހާރު އުމުރުފުޅުން 82 އަހަރު ވެފައިވާ ބޫތަފްލީޤާ ރޭ ދެއްވި ޚިޠާބުގައި އޭނާ ވަނީ އިންތިޚާބު ކާމިޔާބުކުރެއްވިއްޖެނަމަ، ސިޔާސީ އަދި އިގްތިސާދީ ބަދަލުތަކާ މެދު މަޝްވަރާކުރުމަށް ގައުމީ މަހާސިންތާއެއް ބާއްވަވައި، އެ މަހާސިންތާއިން ނިމޭ އުސޫލުތަކެއްގެ މަތިން އަވަސް އިންތިޚާބެއް ބާއްވަވާނެކަމަށާ، އެ އިންތިޚާބުގައި އޭނާ ވާދަނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
2013 ވަނަ އަހަރު ސްޓްރޯކެއް ޖެހިވަޑައިގަތްފަހުން އޭނާ އިންނަވަނީ ފުރޮޅީ ގޮނޑިކޮޅެއްގައެވެ. އަދި އާންމުންގެ ތެރެއަށް ނުކުމެވަޑައިގަންނަވަނީ ވަރަށް މަދުންނެވެ.