މަރީ ދެވަނަ ފަހަރަށް މެރެތަންގެ ޤައުމީ ރެކޯޑު މުގުރާލައިފި

ޤައުމީ މެރެތަންގެ ރެކޯޑު މަރިޔަމް ޢަބްދުލްކަރީމް (މަރީ) ދެވަނަ ފަހަރަށް މުގުރާލައިފިއެވެ. އޭނާ ދެވަނަ ފަހަރަށް މިރެކޯޑު މުގުރާލީ ތުރުކީގެ ރަންއެޓޯލިއާ މެރެތަންގައި މިއަދު ދުވެގެންނެވެ. މިއަދުގެ ދުވުމުގައި އޭނާ ވަނީ ބައިވެރިވި ޢުމުރު ފުރާ (40 އަހަރުން މަތި) ގެ ބައިއިން ތިންވަނަ ޙާސިލް ކޮށްފައެވެ.

މިއަދު އޭނާ މުގުރާލައިފައިވަނީ މިދިޔަ އަހަރުގެ ދުބާއީގައި ބޭއްވި މެރެތަންގައި ހަދައިފައިވާ ރެކޯޑެވެ. އެ ރެކޯޑު މުގުރާލައިފައިވަނީ  3 ގަޑި 34:24 މިނެޓުންނެވެ. އެ ރެކޯޑު މިއަދު އޭނާ މުގުރާލީ 3 ގަޑި 30:32 މިނެޓުން ރޭސް ނިންމައިގެންނެވެ.

މަރީއަކީ ހީޓް ހެލްތު އެންޑް ފިޓްނަސްގައި މީހުންނަށް ކަސްރަތު ކުރަން ދަސްކޮށްދިނުމުގައި ފުލްޓައިމްކޮށް މަސައްކަތް ކުރާ އެތުލީޓެކެވެ. އޭނާ ދުވަން ޓްރެކަށް ނުކުންނަނީ ލިބޭ ހުސްވަގުތުގައެވެ.

ފާއިތުވި 4 އަހަރު ތެރޭގައި އޭނާ ވަނީ ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތައް ހޯދައިފައެވެ. އޭނާ އަތުގައި މިހާރު ވެސް ފަސް ކިލޯމީޓަރާއި، 10 ކިލޯމީޓަރާއި، 20 ކިލޯމީޓަރާއި، ހާފް މެރަތަން (21 ކިލޯމީޓަރު) އާއި މެރެތަން (42 ކިލޯމީޓަރު) ރެކޯޑު އެބައޮތެވެ.

މަރީ ކުރިްން ބުނެފައިވަނީ އޭނާ ދުވަން ނުކުތީ ސީރިއަސް ވިސްނުމެއްގައި ނޫން ކަމަށެވެ. އެހެންނަމަވެސް ކާމިޔާބު ލިބެން ފެށުމުން ލިބޭ ވަގުތުތަކުގައި ދުވުމަކީ ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށެވެ.

މަރީއަކީ ޑރ. ޙުސައިން ޙަލީމް (ކުޑަޙުސައިން) ގާތުން ތަމްރީން ހަދަމުންދާ އެތުލީޓެކެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.